ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެފްއޭއެމް

ދެ މުބާރާތް ކެންސަލްކޮށް ސީޒަން ނިންމާލައިފި

މުޅި ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން، ރާއްޖޭގެ ފުޓްބޯޅަ ސީޒަންގައި ހިމެނޭ އެފްއޭ ކަޕާއި ޕްރެޒިޑެންޓް ކަޕް ކެންސަލް ކޮށް، 2019/2020 ގެ ސީޒަން ނިންމާލައިފި އެވެ.

އެފްއޭއެމުން ރޭ، އާންމު ކުރި ބަޔާނުގައި ބުނެފައި ވަނީ، ކޮވިޑް-19 ގެ އުނދަގޫ މިހާލަތުގައި ކުލަބުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންނާއި އެ ފަރާތްތަކުގެ އާއިލާ އާއި އާންމު ފަރުދުންގެ ރައްކާތެރިކަމަށް ވިސްނައި، މިހާރުގެ ހާލަތާ ބެހޭގޮތުން ކުލަބުތަކާ މަޝްވަރާ ކުރުމަށް ފަހު ފުޓްބޯޅަ ސީޒަން މިހާހިސާބުން ނިންމާލުމަށް ކަނޑައަޅާފައިވާ ކަމަށެވެ.

ސީޒަން ނިންމާލިއިރު، އެފްއޭ ކަޕްގެ ކްއާޓާ ފައިނަލު މެޗުތައް ކުޅެ، ސެމީ އަށް ދިޔަ ޓީމުތައް ވަނީ ކަށަވަރު ވެފަ އެވެ. މި މަހުގެ ފަސް ވަނަ ދުވަހާއި ހަ ވަނަ ދުވަހު ކުޅުނު ކްއާޓާ ފައިނަލު މެޗުތައް ކާމިޔާބު ކޮށް ސެމީއަށް ދަތުރު ކުރީ، ޓީސީ ސްޕޯޓްސް ކުލަބު، މާޒިޔާ، ދަ ގްރާންޑޭ އަދި ކުލަބު އީގަލްސް އެވެ. އަދި ސެމީ ފައިނަލު މެޗުތައް ކުޅެން ތާވަލު ކޮށްފައި ވަނީ 16 ވަނަ ދުވަހު އެވެ. އަދި ފައިނަލު މެޗު މިމަހު 19 ވަނަ ދުވަހު އެވެ. އަދި އެފްއޭ ކަޕަށް ފަހު ޕްރެޒިޑެންޓް ކަޕް ފަށާ ގޮތަށް އޮތީ ހަމަ ޖައްސާފަ އެވެ.

ރާއްޖޭގެ ފުޓްބޯޅައިގައި އާންމު އުސޫލުން އޭއެފްސީ ކަޕްގެ ދެ ވަނަ މަގާމު، (މިހާރުގެ ގޮތުންނަމަ، ކޮލިފިކޭޝަންގެ ޖާގަ) ލިބޭނީ އެފްއޭ ކަޕްގެ ޗެމްޕިއަން ޓީމަށެވެ. ދިވެހި ޕްރިމިއާ ލީގް ކާމިޔާބު ކުރާ ޓީމުން، އެފްއޭ ކަޕްގެ ޗެމްޕިއަންކަންވެސް ހޯދައިފިނަމަ އޭއެފްސީ ކަޕްގެ ކޮލިފައިން ޖާގަ ލިބޭނީ، ލީގްގެ ދެ ވަނަ ޓީމަށެވެ. މި ސީޒަންގެ ދެ މުބާރާތް ކެންސަލް ކުރުމަށް ފަހު، އޭއެފްސީ ކަޕްގެ ޖާގަ އާ މެދު އެފްއޭއެމުން ނިންމީ، ކޮލިފައިންގެ ޖާގަ، ލީގްގެ ދެ ވަނަ ހޯދި ކުލަބު އީގަލްސްއަށް ލިބޭ ގޮތަށެވެ. އޭއެފްސީ ކަޕްގެ ސީދާ ޖާގަ ލިބޭނީ ލީގް ޗެމްޕިއަން މާޒިޔާ އަށެވެ.

ރާއްޖެއަށް އައި ފަތުރުވެރިއެއްގެ ގައިން، ކޮވިޑް-19 ފެނުމުން މިމަހުގެ 10 ވަނަ ދުވަހު އާންމު ހަރަކާތްތަކާއި ކުޅިވަރު މުބާރާތްތައް މަޑުޖައްސާލީ ސަރުކާރުން އެންގުމުންނެވެ. އޭރު އެފްއޭއެމުން ބުނީ އެޗްޕީއޭ މަޝްވަރާ ކުރުމަށް ފަހު އާ ތާރީހްތައް ކަނޑައެޅުމެގެ މަޝްވަރާއަށް މި މަހުގެ 28 ވަނަ (މިދިޔަ ހޮނިހިރު) ދުވަހަށް ފަހު ކުލަބުތަކާ ބައްދަލު ކުރާނެ ކަމަށެވެ. ރޭ ނެރުނު ބަޔާނުގައި އެފްއޭއެމުން ބުނެފައި ވަނީ، އެންމެ ޓޮޕް ޑިވިޝަންގެ ފުޓްބޯޅަ ސީޒަން ނިންމާލި ނަމަވެސް، ތިން ވަނަ ޑިވިޝަން މުބާރާތާއި ޖަޒީރާ ޗެމްޕިއަންޝިޕް ބޭއްވާނެ ކަމަށާއި އަދި އެ ދެމުބާރާތުގެ ތާރީހްތައް ފަހުން އިއުލާން ކުރާނެ ކަމަށެވެ.

ވޭތުވެދިޔަ ހަތަރު އަހަރަށް ބަލާއިރު، ރާއްޖޭގައި މުޅި ސީޒަން ކުރިއަށް ގެންގޮސް ނިންމާލެވުނީ އެންމެ ދެ އަހަރު އެވެ. އެއީ 2016 ވަނަ އަހަރާއި 2017 ވަނަ އަހަރު އެވެ. ދެހާސް ފަނަރަ ވަނަ އަހަރު އެފްއޭ ކަޕް ބާއްވާފައެއް ނުވެ އެވެ. އެ އަހަރު އޭއެފްސީ ކަޕްގެ ދެ ވަނަ ޖާގަ މާޒިޔާއަށް ދިނީ ޕްރެޒިޑެންޓް ކަޕްގެ ޗެމްޕިއަންކަން ހޯދުމުންނެވެ. ދެހާސް އަށާރަ ވަނަ އަހަރުވެސް އެފްއޭ ކަޕާއި ޕްރެޒިޑެންޓް ކަޕް ބާއްވާފައެއް ނުވެ އެވެ.

ޑޮމެސްޓިކް ފުޓްބޯޅަ ސީޒަން ނިންމާލި ނަމަވެސް، އޭއެފްސީ ކަޕްގައި ރާއްޖޭގެ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކުލަބު ވާދަ ކުރާނެ އެވެ. މިހާރު ކޮވިޑް-19 ގެ އުނދަގޫ ދަނޑިވަޅުގައި 2020/2021 ގެ ސީޒަން، ޖޫން މަހު ފެށޭނެތޯ ބުނަން އަދި ނޭންގެ އެވެ.