ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައްޔިތުންގެ މަޖިލިސް

މި ހާލަތުގައި ވަޒީފާތައް ހިމާޔަތް ކުރަން ގާނޫނެއް ގެނެވިދާނެ: ނަޝީދު

ކޮވިޑް-19 ގެ ސަބަބުން އިގްތިސާދު ދަށްވެފައިވާ ހާލަތުގައި މުވައްޒަފުންގެ ވަޒީފާތައް ހިމާޔަތް ކޮށްދިނުމުގެ ގޮތުން ވިޔަފާރިތަކުން އަމަލު ކުރާނެ ގޮތް ބަޔާންކޮށް ގާނޫނެއް ގެނެވިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ވެބް ކޮންފެރެންސް މެދުވެރިކޮށް މަޖިލީހުން މި ދެ ދުވަހު ބޭއްވި ޖަލްސާގައި ކުރިއަށް ގެންދިޔައީ ކޮވިޑް-19 ގެ ސަބަބުން އިގްތިސާދު ދަށްވުމާ ގުޅިގެން އެ ކަމުން އަރައިގަތުމަށް ޓަކައި ސަރުކާރުން ތައާރަފުކުރި އިގްތިސާދީ ޕެކޭޖްގެ އުފެއްދުންތެރިކަން އިތުރު ކުރުމަށް ގޮވާލައި ހުށަހަޅާފައިވާ ކުއްލި މައްސަލައަށް ބަހުސް ކުރުމެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ހުށަހެޅުއްވި މައްސަލައަށް ބަހުސް ކުރެއްވި ގިނަ މެންބަރުން ވަނީ ބައެއް ރިސޯޓުތަކުން އެ ރިސޯޓުތަކުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ނޯޕޭއަށް ނުވަތަ މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ ދެމުން އަންނަ މައްސަލަ ފާހަގަ ކުރައްވައި ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިންމާލައްވަމުން ރައީސް ނަޝީދު ވަނީ އާދައިގެ މަތިން ގިނަ މެންބަރުން ފާހަގަ ކުރައްވާ މައްސަލަތަކަށް އަލި އަޅުއްވާލައްވައިފަ އެވެ. ރައީސް ނަޝީދު ވިދާޅުވީ މި ހާލަތުގައި ވަޒީފާ ނެތް މީހުން ގިނަވާ ކަމަށާއި ހާއްސަކޮށް ރިސޯޓުތަކުގެި މަސައްކަތް ކުރާ މީހުން އުޖޫރައެއް ނުލިބޭ ގޮތަށް ފޮނުވާލަމުންދާ ކަން ފާހަގަ ކުރެވޭ ކަމަށެވެ.

ވިޔަފާރިތަކާއި ކުންފުނިތަކުގެ އިތުރުން ސަރުކާރާއި މިނިވަން މުއައްސަސާތަކުން އަމަލު ކުރަންވީ ކަންކަން ގާނޫނެއްގެ ގޮތުގައި ފާސްކުރުމުގެ ބާރު ގާނޫނު އަސާސީން ދީފައި ވަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ މި ބަލިމަޑުކަމުގެ ހާލަތުގައި ވިޔަފާރިތަކުން މުވައްޒަފުންނާ މެދު އަމަލު ކުރަން ގޮތް ބަޔާންކޮށް ގަނޫނެއް ގެނައުމުގެ ބާރު ވެސް މަޖިލީހަށް ލިބިދީފައިވާ ކަމަށެވެ. އަދި ގާނޫނަށް އަމަލު ނުކުރާ ވިޔަފާރިތަކަށް އަޅާނެ ފިޔަވަޅުތައް ވެސް އެ ގާނޫނުގައި ކަނޑައެޅިދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ކޮވިޑް-19 އާ ގުޅިގެން ވަޒީފާއިން ވަކިކުރާ ފަރާތްތަކާ ގުޅޭ ގޮތުން ކުންފުނިތަކުން އަމަލު ކުރަންވީ ގޮތް ގާނޫނެއްގެ ސިފައިގައި ވެސް ގެނެވިދާނެ. އަދި އެ ގޮތަށް އަމަލު ނުކޮށްފިނަމަ އުގޫބާތް ވެސް ކަނޑައެޅިދާނެ. އަޅުގަނޑު ޔަގިން މެންބަރުން އެ ކަމާ މެދު ވިސްނާނެ." ރައީސް ނަޝީދު ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން އިގްތިސާދަށާއި ޓޫރިޒަމް ސިނާއަތަށް އައިސްފައިވާ ހިނާރުކަމާއެކު، މިހާތަނަށް ގާތްގަނޑަކަށް 11،000 މުވައްޒަފުން ނޯޕޭއަށް ނުވަތަ މުސާރަ ނުލިބޭ ގޮތަށް ޗުއްޓީއަށް ފޮނުވާފައިވާ ކަމަށް ރިސޯޓު މުވައްޒަފުންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާ ކަމުގައިވާ، ޓީމް އިން ވަނީ ބުނެފަ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 ގެ ރޯގާ ފެތުރެމުންދާއިރު ރާއްޖޭން ވެސް އެ ރޯގާ ވަނީ ފެނިފަ އެވެ. މިކަމާ ގުޅިގެން ރާއްޖެއަށް ޓޫރިސްޓުން އައުން މިހާރު ވަނީ މަނާކޮށްފަ އެވެ. އެ ކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވަންނަ ބޭރު ފައިސާގެ ބޮޑު ބައެއް ގެއްލިގެން ދާނެ ކަމަށް ސަރުކާރުން ލަފާ ކުރެ އެވެ.