ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މާލޭގެ ދެ ގެއަކަށް ވަދެނުކުމެ އުޅުން މަނާ

ކޮވިޑް19 ގެ އަލާމާތްތަކެއް ހުރި މީހަކު ފެނުމާއި ގުޅިގެން މާލޭގެ ދެ އަކަށް ވެދެ ނިކުމެ އުޅުން މަނާކޮށްފި އެވެ.

އެއީ ގަލޮޅުގައި ހުރި ގެ އެއްގެ އިތުރުން މައްޗަންގޮޅީގައި ހުރި ގެ އެކެވެ. އެ ދެ އަށް ވަދެ ނިކުމެ އުޅުން މަނާކޮށްފައިވާކަން އަންގާ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ބަންދުކުރިކަން އަންގާ ލިޔުން ވަނީ އެ ދެ ގެއަށްވެސް ފޮނުވާފައެވެ.

ގަލޮޅުގެ ގެއަކަށް ވަދެ ނިކުމެ އުޅުން މަނާކޮށްފައިވާތީ އެކަމާއި ގުޅިގެން ފުލުހުން ކުރަންޖެހޭ ކަންކަން ކުރުމަށް އެދި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވަނީ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދަށް އެކަން ސިޓީއަކުން އަންގާފައެވެ.

އެ ސިޓީގައި ބުނެފައިވަނީ އެ ގޭގައި ހުރި މީހެއްގެ ކިބައިން ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތެއް ފެނުމާއި ގުޅިގެން ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި އެހެން އެންގުމެއް އަންގަންދެން އެ ގެ މޮނިޓަރިން ހާލަތަށް ގެނެސްފައިވާ ގެއެއް ކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ. މިސިޓީ ފޮނުވާފައިވަނީ މިއަދުގެ ތާރީހުގައެވެ. -ނަމަވެސް ފަހުން އެޗްޕީއޭއިން ވަނީ އެ ނިންމުން ބާތިލްކޮށްފައެވެ. އެ އިދާރާއިން ބުނީ ގ. އޮލިވާ ގްރީން އަށް ވަދެ ނިކުތުން މަނާ ކުރެވުނީ މޮނިޓަރު ކުރަން ޖެހޭ މީހަކު ހުރި ތަނުން ނުބައިކޮށް މައުލޫމާތު ލިބިފައިވާތީ ކަމަށާ އެކަމުގައި މައާފަށް އެދޭ ކަމަށެވެ.

މައްޗަންގޮޅީން ވެދެ ނިކުމެ އުޅުން މަނާކުރި ގެއަށް އެޗްޕީއޭއިން ފޮނުވާފައިވާ ލިޔުމުގައި ބުނެފައިވަނީ އެ ގޭގައި ހުރި މީހެއްގެ ކިބައިން ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތެއް ފެނުމާއި ގުޅިގެން 14 ދުވަހުގެ މުއްދަތަށް ނުވަތަ އެ އެޖެންސީން އިތުރު އެންގުމެއް އަންގަންދެން އެއީ ބަންދުކޮށްފައިވާ ތަނެއް ކަމުގައި ކަނޑައަޅާ ކަމަށެވެ.

އެހެން ކަމުން އެ ގޭގައި ނުވަތަ ތަނުގައި ތިބި އެއްވެސް ބަޔަކު، ވަކި އެއްޗެއް އަންގަންދެން ތަނުން ބޭރަށް ދިއުމާއި ހުއްދަނެތި އެއްވެސް މީހަކު އެ ތަނަށް ވަނުން މަނާކޮށްފައިވާ ކަމަށެވެ.

ރާއްޖޭގައި ޖުމްލަ 18 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، ތިން ދިވެހިން ފިޔަވައި އޭގެ ތެރޭގައި ހިމެނެނީ ހުސް ބިދޭސީންނެވެ. ނަމަވެސް، އެ މީހުންގެ ތެރެއިން މިހާތަނަށް 13 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.