ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މާލޭ ސިޓީ

ކާފިއުއާއެކު މާލޭގެ މަގުތައް ފަޅު ވެއްޖެ

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ފިޔަވަޅުތައް ވަރުގަދަކޮށްފައި ވެއެވެ. އެ ފިޔަޅުތަކުގެ ތެރޭގައި ހިމަނައި މިއަދުން ފެށިގެން މުއްދަތެއް ނެތް ގޮތަށް ކޮންމެ ދުވަހުގެ ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 8:00 ޖަހަންދަން މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގައި އޮންނާނީ ކާފިއު އެވެ.

މިއަދު ހަވީރު ކާފިއުގެ ވަގުތު ފެށުމާއެކުހެން މާލެެތެރެ ވަނީ ހުސްވެ އެވެ. ހާއްސަ ހުއްދަތަކާއި ހާއްސަ އިނާޔާތްތައް ދީފައިވާ ފަރާތްތައް ނޫން އެއްވެސް ފަރާތެއްގެ ހިލަމެއް މާލޭގެ މަގުތައް މަތީގައި ނެތެވެ. މިއަދު ހަވީރު ކާފިއު ވަގުތު ޖެހުމުގެ ކުރިން ވެސް މާލެތެރެއިން މީހުން ގެއަށް ވަދެ އެކަށް ހުސްވެފައެވެ.

ކާފިއު ހިންގާފައިވާއިރު ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް އެންގެވުން ފުލުހުންގެ އިދާރާއާ ކަމާގުޅޭ އިދާރާތަކުން ތަންފީޒު ކުރަމުންދާނެ ކަމަށާ އެކަމަށް ހުރިހާ ރައްޔިތުން އެއްބާރުލުން ދިނުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް މިއަދު ވަނީ ގޮވާލައްވާފަ އެވެ.

ކޮންމެ ދުވަހެއްގެ ހަވީރުން ފެށިގެން ތިން ގަޑިއިރު މާލެ ސަރަހައްދުގެ މަގުމަތީގައި އުޅުން މަނާކޮށް ނެރުނު ކާފިއުއާ ގުޅިގެން ހޯމް މިނިސްޓަރު މިއަދު ވިދާޅުވީ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް އެންގެވި އެންގެވުން ފުލުހުންނާ، ކަމާގުޅޭ އިދާރާތަކުން ކުރިއަށް އޮތް ދުވަސްތަކުގެ ކާފިއު ގަޑިތަކުގައި ތަންފީޒު ކުރަމުންދާނެ ކަމަށެވެ.

"މިއީ ހުރިހާ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އެޅުއްވި ފިޔަވަޅެއް. އެއްބާރުލުން ދެއްވާ،" އާންމުން ކޮށް ޓްވިޓާއިން ވާހަކަ ހިއްސާ ކުރައްވާ ވަޒީރު ވިދާޅުވެފައި ވެއެވެ.

ފުލުހުން ރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެންގުންތައް ތަންފީޒު ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާނެ ކަމަށާއި ޑައިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގެވުމާ ހިލާފުވާ ފަރާތްތަކަށް ނަސޭހަތްވެރިވެ އެކަން ތަކުރާރު ކުރާނަމަ ޖޫރިމަނާ ވެސް ކުރާނެ ކަމަށެވެ.

ކާފިއު ވަގުތުގައި ދައުލަތުގެ ބައެއް މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނީގެ މުވައްޒަފުންނާއި އެ ތަންތަނުގެ އުޅަނދުފަހަރު ނުކުމެ އުޅުން މަނައެއް ނުވާނެ އެވެ.

އޭގެ ތެރޭގައި ސަލާމަތީ ބާރުތަކާއި ގާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ ޑިއުޓީ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދު ފަހަރު އާއި، ސިއްހީ ހިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު އާއި އެމްބިއުލާންސް ހިމެނެ އެވެ. އަދި ވެމްކޯގެ މުވައްޒަފުންނާއި އުޅަނދުފަހަރުތައް ވެސް ހިމެނެ އެވެ.

މީގެ އިތުރުން އުރީދޫ އާއި ދިރާގާއި ބޭންކްތަކާއި އެސްޓީއޯ، ސްޓެލްކޯ، އެމްޑަބްލިއުއެސްސީގެ ޔުނީފޯމު އަޅައިގެން އުޅޭ ޑިއުޓީ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދު ފަހަރަށް ވެސް އެ ވަގުތު މަގުތަކުގައި އުޅެވޭނެ އެވެ. ދައުލަތުގެ "ޖީ" ބޯޑު ހަރުކޮށްފައިވާ އުޅަނދު ފަހަރުތަކާއި ޑިޕްލޮމެޓިކް އުޅަނދުފަހަރުތަކަށް ވެސް ނުކުމެވޭނެ އެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި، ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ ކޮންމެ މީހަކަށް ވެސް އެ ވަގުތުތަކުގައި މާލޭގެ މަގުތަކުގައި އުޅެވޭނެ އެވެ.