ދުނިޔެ

ރާއްޖެ ވެސް ތާއީދުކޮށް ގެން ފަލަސްތީނުގެ ދިދަ އދ ގައި ނަގަން ފާސްވެއްޖެ

Sep 11, 2015

ރާއްޖެ ކޯ ސްޕޮންސަރުންގެ ތެރޭގައި ބައިވެރިވެގެން ހުށަހެޅި އެ ގަރާރަށް ތާއީދުކޮށް ޖެނެރަލް އެސެމްބްލީގައި 119 ގައުމަކުން ވޯޓު ދީފައިވާއިރު އެމެރިކާއާއި އިޒްރޭލު ހިމެނުނީ މިކަމާ ދެކޮޅަށް ވޯޓުދިން އަށް ގައުމުގެ ތެރޭގައެވެ. ސާޅީސް ފަސް ގައުމަކުން މި ވޯޓުގައި ބައިވެރި ވެފައެއް ނުވެއެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތާއި ޔޫރަޕިއން ޔޫނިއަންގެ ގިނަ މެންބަރު ގައުމުތައް ހިމެނެއެވެ. ޔޫރަޕުގެ ގައުމުތަކުގެ ތެރޭން ފްރާންސް، ސްވިޑްން، އިޓަލީ އަދި ސްޕެއިން އިން ވޯޓުލާފައިވަނީ ފަލަސްތީނާ އެއްކޮޅަށެވެ.

ފަލަސްތީނަކީ މިނިވަން ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ބާރުއަޅާ ގައުމުތައް ވޭތުވެ ދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ވޯޓުގެ ކުރިން ފަލަސްތީނުން ބުނެފައިވަނީ އެގައުމުގެ ދިދަ އދ ގެ މައި އިދާރާގައި ނެގޭނެ ގޮތް ވުމަކީ މިނިވަން ދައުލަތެއް ގާއިމް ކުރުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއް ކަމަށެވެ.

އިޒްރޭލުން ބުނީ މިއީ އދ ގެ އުސޫލުތައް މުގުރާލުން ކަމަށެވެ. އެމެރިކާއިން ބުނީ ދިދަ ނެގުމަކީ ސުލްހައިގެ ވާހަކަތައް ނުބާއްވައި ފަރުޖެއްސޭނެ ކަމެއް ނޫން ކަމަށާއި މިކަމުން ފަލަސްތީނާއި އިޒްރޭލު ސުލްހައާއި ކައިރިއަށް ނުގެންގޮސްދޭނެ ކަމަށެވެ. ފްރާންސުން ބުނެފައިވަނީ މި ރޯވީ އުންމީދުގެ ހުޅުކޮޅެއް ކަމަށާއި މިއީ ވަރުގަދަ ރަމްޒެއް ކަމަށެވެ.

ފަލަސްތީނަކީ އދ ގެ މެންބަރު ގައުމެއް ނޫނެވެ. މެންބަރު ގައުމަކަށް ވުމަށް އެގައުމުން 2011 ގައި ކުރި މަސައްކަތް ނާކާމިޔާބުވީ ސެކިއުރިޓީ ކައުންސިލް ގެ ތާއީދު ނުލިބުމުންނެވެ. "ނޮން މެމްބަރ އޮބްޒާވާ ސްޓޭޓް" އެއްގެ ދަރަޖަ ފަލަސްތީނަށް ދޭން އދ އިން ފާސްކުރީ 2012 ވަނަ އަހަރުއެވެ.