ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކެބިނެޓް

އަންނަ ހަފުތާގައިވެސް ސަރުކާރާއި ސުކޫލްތައް ބަންދު

އަންނަ ހަފުތާގައި ވެސް ސަރުކާރުގެ އޮފީސްތައް ނުހުޅުވުމަށާއި، ސްކޫލްތަކާއި، ކޮލެޖުތަކާއި، ޔުނިވާސިޓީތަކުގެ ކިޔެވުން ބަންދު ކުރަން ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.

ރައީސް އޮފީހުން ބުނީ އެ ގޮތަށް ވަޒީރުންގެ މަޖިލީހުން ނިންމީ ކޮވިޑް-19 ރާއްޖޭގައި ފެތުރުން ކުޑަކުރަން މިހާރު އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮ ތުން މަޝްވަރާ ކޮށް ރާއްޖޭގައި މި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށް ބެލެވޭ ކަމަށް ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ދީފައިވާ ފަންނީ ލަފަޔާއި އިރުޝާދަށް ރިއަޔަތް ކުރުމަށްފަހު ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ، މުލީއާގޭގައި ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި އަންނަ ހަފުތާގައި ވެސް، ސަރުކާރުގެ އޮފީސްތައް ނުހުޅުވާ ގޮތަށް ނިންމި ނަމަވެސް ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކަމާބެހޭ މުވައްޒަފުންނަށް ގޭގައި ތިބެގެން ކުރެވޭނެ އިންތިޒާމު އޮފީސްތަކުން ހަމަޖެއްސެމަށާއި ކޮންމެހެން ދޭންޖެހޭ ހިދުމަތެއް ނުވަތަ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރަން އޮފީސް ހުޅުވަން ޖެހިއްޖެ ހިނދެއްގައި، އޮފީސް ހުޅުވައިގެން، ވީހާވެސް މަދު މުވައްޒަފުންނާއެކު އެ މަސައްކަތެއް ކުރުމަށްވެސް ނިންމި އެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި އަޅާ ފިޔަވަޅުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ފިޔަވަޅަކީ، އެންމެން ވެސް ގޭގައި މަޑުކުރުން ކަމަށްވާތީ، މިކަމަށް ރައްޔިތުން ވަރަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަޒީރުން އެދިވަޑައިގެންނެވި އެވެ. އަދި ކޮންމެހެން މުހިއްމު ޒަރޫރީ ބޭނުމަކަށް ނޫނީ ގެއިން ބޭރަށް ނުނުކުމެ ގޭގައި މަޑު ކުރުމަކީ، މި ރޯގާއިން ރައްކާތެރިވުމަށް އެޅޭ އެންމެ މުހިއްމު އެއް ފިޔަވަޅުކަން ވެސް ވަޒީރުން ފާހަގަކުރެއްވި އެވެ.

އިތުރު ހަފުތާއަކަށް ސަރުކާރު ބަންދު ކުރަން ނިންމި އިރު މިދިޔަ ދެ ހަފްތާވެސް ސަރުކާރު ބަންދެވެ.