ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

އޮލިވާ ގްރީނަށް ވަދެ ނުކުތުން މަނާ ކުރެވުނީ އޮޅުމަކުން: އެޗްޕީއޭ

ގ. އޮލިވާ ގްރީން އަށް ވަދެ ނިކުތުން މަނާ ކުރެވުނީ މޮނިޓަރު ކުރަން ޖެހޭ މީހަކު ހުރި ތަނުން ނުބައިކޮށް މައުލޫމާތު ލިބިފައިވާތީ ކަމަށާ އެކަމުގައި މައާފަށް އެދޭ ކަމަށް ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ގަލޮޅުގެ ގެއަކަށް ވަދެ ނުކުމެ އުޅުން މަނާ ކޮށްފައި ވާތީ އެކަމާއި ގުޅިގެން ފުލުހުން ކުރަންޖެހޭ ކަންކަން ކުރަން އެދި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވަނީ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދަށް އެކަން ސިޓީއަކުން އަންގަވާފަ އެވެ.

އެ ސިޓީގައި ބުނެފައިވަނީ އެ ގޭގައި ހުރި މީހެއްގެ ކިބައިން ކޮވިޑް-19 އަށް ޝައްކުވާ އަލާމާތެއް ފެނުމާއި ގުޅިގެން ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި އެކަމާ ގުޅޭ އެހެން އެންގުމެއް އަންގަންދެން އެ ގެ މޮނިޓަރިން ހާލަތަށް ގެންގޮސްފައިވާ ގެއެއް ކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ. މި ސިޓީ ފޮނުވާފައިވަނީ މިއަދުގެ ތާރީހުގަ އެވެ.

ނަމަވެސް މިރޭ އެޗްޕީއޭއިން ކޮށްފައިވާ ޓްވީޓްތަކެއްގައި ބުނެފައި ވަނީ އެ ގެއަށް ވަދެ ނުކުތުން މަނާ ކުރެވުނީ ނުބައި މައުލޫމާތެއްގެ ސަބަބެއް ކަމަށެވެ. އެހެން ކަމުން މިދިޔަ ވަގުތުތަކުގައި ދިމާވި ދަތިތަކަށް އެ ގޭގައި ދިރިއުޅޭ މީހުންގެ ކިބައިން މާފަށް އެދޭ ކަމަށެވެ.

އެޗްޕީއޭއިން ބުނީ އެ އިދާރާއިން ފިޔަވަޅު އަޅަމުންދަނީ ހުރިހާ ރައްޔިތުންގެ ސަލާމަތާ ރައްކާތެރި ކަމަށްޓަކައި ކަމަށާއި އެ ގެ މިހާރު މޮނިޓަރިންގެ ހާލަތުން ނަގާފައިވާ ކަމަށެވެ. މީގެ އިތުރުން އެޗްޕީއޭއާ ހިއްސާ ކުރާ މައުލޫމާތުގެ ސައްހަކަން ޔަގީން ކުރުމަށާއި ދޮގު މައުލޫމާތު ފަތުރާ އަދި ހިއްސާ ނުކުރުމަށް ވެސް ވަނީ އެދިފައި ވެއެވެ.

މީގެ އިތުރުން މައްޗަންގޮޅީގެ ގެއަކަށްވެސް ވަދެ ނުކުތުން މަނާކޮށްފައިވާ ކަމަށް ބުނާ ރަސްމީ ލިޔުމެއް ސޯޝަލް މީޑިއާގައި ދަނީ ދައުުރުވަމުންނެވެ.

މައްޗަންގޮޅީން ވެދެ ނިކުމެ އުޅުން މަނާކުރި ގެއަށް އެޗްޕީއޭއިން ފޮނުވާފައިވާ ލިޔުމުގައި ބުނެފައިވަނީ އެ ގޭގައި ހުރި މީހެއްގެ ކިބައިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތެއް ފެނުމާއި ގުޅިގެން 14 ދުވަހުގެ މުއްދަތަށް ނުވަތަ އެ އެޖެންސީން އިތުރު އެންގުމެއް އަންގަންދެން އެއީ ބަންދުކޮށްފައިވާ ތަނެއް ކަމުގައި ކަނޑައަޅާ ކަމަށެވެ.

އެހެން ކަމުން އެ ގޭގައި ނުވަތަ ތަނުގައި ތިބި އެއްވެސް ބަޔަކު، ވަކި އެއްޗެއް އަންގަންދެން ތަނުން ބޭރަށް ދިއުމާއި ހުއްދަނެތި އެއްވެސް މީހަކު އެ ތަނަށް ވަނުން މަނާކޮށްފައިވާ ކަމަށެވެ.

ރާއްޖޭގައި ޖުމްލަ 18 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، ތިން ދިވެހިން ފިޔަވައި އޭގެ ތެރޭގައި ހިމެނެނީ ހުސް ބިދޭސީންނެވެ. ނަމަވެސް، އެ މީހުންގެ ތެރެއިން މިހާތަނަށް 13 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.