މާލެއިން އިތުރު 22 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭ އިން މިއަދު މެންދުރު ފަހު ކުރި ޓުވީޓެއްގައި ބުނީ މިއަދު 2:00 ޖެހުމާ ހަމައަށް އިތުރު 22 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި 16 ދިވެހިންނާއި ބަންގްލަދޭޝް ހަތަރު މީހުނާއި އިންޑިޔާ މީހަކާއި ނޭޕާލް މީހަކު ހިމެނޭ ކަމަށެވެ.
އިއްޔެ ވެސް ކޮވިޑް-19 އަށް 96 މީހަކު ޕޮޒިޓިވްވި އެވެ. އަދި ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 766 އަށް އަރައިފަ އެވެ.
ކޮވިޑް-19 ޖެހިގެން ރާއްޖޭގައި މިހާތަނަށް ތިން މީހަކު ވަނީ މަރުވެފަ އެވެ. އެއީ ދެ ދިވެހިންނާއި ބިދޭސީއެކެވެ. ރާއްޖެއިން ކޮވިޑް ޖެހިގެން ފުރަތަމަ މަރުވީ 83 އަހަރުގެ ދިވެހި އަންހެނެކެވެ. އޭގެ ފަހުން މަރުވެފަ ވަނީ ސިފައިންގޭގެ ގުދަނެއްގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝް މީހެކެވެ. މަރުވި ތިން ވަނަ މީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ 80 އަހަރުގެ ފިރިހެނެކެވެ. އޭނަ މަރުވީ ރޭގެ ވަގުތެއްގަ އެވެ.
ރާއްޖޭގައި ކޮވިޑް-19 ބާރަށް ފެތުރެމުންދާއިރު މާލެ އާއި ހުޅުމާލެ އަދި ވިލިާމޭގެ އިތުރުން އައްޑޫ ސިޓީ ވެސް މިހާރު ވަނީ ލޮކްޑައުންކޮށްފަ އެވެ.