ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލޮކްޑައުން ޕްރޮޓޮކޯލް

ގުޅުން ނެތް ތަންތަން މޮނިޓަރިންއަށްލާތީ ޝަކުވާ!

ކޮވިޑް-19 އާ ގުޅިގެން މާލެ އާއި އަތޮޅުތަކު ތެރޭ ބައެއް ގެތަކާއި އިމާރާތްތައް ކަރަންޓީނަށް ނުވަތަ މޮނިޓަރިންގެ ހާލަތަށް ގެންގޮސް ބަންދު ކުރަމުން ގެންދާއިރު ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން ގުޅުމެެއް ނެތް ތަންތަން މޮނިޓަރިންއަށް ގެންދާ ކަމަށް ބުނެ ކުރާ ޝަކުވާތައް ގިނަ ވާން ފަށައިފި އެވެ.

އާންމު ސިއްހަތުގެ ކުއްލި ނުރައްކަަލުގެ ހާލަތުގެ ދަށުން ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތަށް ލިބި ވަޑައިގަންނަވާ ބާރުގެ ދަށުން ރަށްރަށުގެ އިތުރުން ކޮވިޑް-19 އަށް ޝައްކުވާ މީހަކު ނުވަތަ ކޮންޓެކްޓްވި މީހަކު ދިރިއުޅޭ ގެތަކާއި އެޕާޓްމަންޓުތައް ވެސް ކަރަންޓީނު ކުރެވެ އެވެ. އަދި އެފަދަ އެތަންތަން މޮނިޓަރިންއަށް ގެންގޮސް ވަދެ ނިކުމެ އުޅުން ވަނީ މަނާ ކުރަމުން ދެ އެވެ.

ނަމަވެސް އެޗްޕީއޭން ގޮސް ކޭސްތަކާ ގުޅުމެއް ނެތް ގެއެއް، އެޕާޓްމަންޓްތަކެއް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވާ ކަމުގެ ޝަކުވާތައް ބޮޑެވަފައި ވެއެވެ.

އަވަސްއާ ވާހަކަ ދެއްކި އެކަކު ބުނި ގޮތުގައި އޭނާ ދިރިއުޅޭ ގ. ކައްސަންފަރުގޭގައި ކޮވިޑް-19 އާ ގުޅޭ އެފަދަ އެއްވެސް އަލާމާތެއް ހުރި މީހަކު ވެސް އަދި ގެެއިން ބޭރަށް ދިޔަ މީހެއް ވެސް ނެތްއިރު ކުރިން އެއްވެސް އެންގުމަކާ ނުލައި ކުއްލިއަކަށް އެ ގޭގައި މޮނިޓަރިން ނޯޓިސް ހަރު ކޮށްފައިވެ އެވެ.

އަދި އެޗްޕީއޭއަށް ގުޅާ ސާފު ކުރުމުން އެ ނޯޓިސް ނައްޓާލަން ދާނެ ކަމަށް ބުނިތާ ވެސް މިހާރު ދެ ދުވަސް ވެފައިވެ އެވެ. އޭގެ ފަހުން އެޗްޕީއޭގެ އޮފިޝަލުން އެގެއަށް އަދި ވަޑައެއް ނުގަންނަވަ އެވެ.

އެ ޝަކުވާއާއެކު އެހެން މީހަކު ބުނި ގޮތުގައި އޭނާ ދިރިއުޅޭ އުޅެމުން އަންނަ ގާކޮށީގެ އެޕާޓްމަންޓަކީ ކޮންޓެކްޓެއްވި އަދި އެފަދަ ކަމަކަށް ޝައްކު ކުރެވޭ މީހަކު ހުރި ތަނެއް ކަން އެންގުމަކާ ވެސް ނުލައި އެޗްޕީއޭ އިން އެ އެޕާޓްމަންޓް މޮނިޓަރިން ހާލަތުގައިވާ ގެތަކުގެ ލިސްޓަށް މިދިޔަ މަހު 17 އިން ފެށިގެން ލާފައިވެ އެވެ. އަދި އެއީ ކީއްވެ ކަން ސާފު ކުރަން އެޗްޕީއޭއަށް ގުޅައިގެން އެ މައުލޫމާތެއް ސާފުވާ ގޮތެއް އަދިވެސް ނުވެ އެވެ.

"ގާކޮށި އެއްކޮށް މޮނިޓަރިންގެ ހާލަތަށް ގެންގޮސް އޭގެ ފަހުން އަލުން އެއްކޮށް ހުޅުވާލި ފަހުން ވެސް މޮނިޓަރިންގެ ހާލަތުގައި ހުރި ގެތަކުގެ ލިސްޓުގައި އަޅުގަނޑުމެންގެ އެޕާޓްމަންޓު އެބައިން. އެއީ ކީއްވެގެން ކަމެއް ސާފުކޮށެއް ނުދޭ. މި ގޭގައި ދަތުރު ކުރި މީހެއް ނުވަތަ މީހަކާ ކޮންޓެކްޓްވި މީހަކު ވެސް ނޫޅޭ،" އޭނާ ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން އެޗްޕީއޭގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

އެޗްޕީއެ އިން އާންމު ކުރާ ލިސްޓުގައިވާ ގޮތުން އިއްޔެގެ ނިޔަލަށް މާލޭގައި މީހުން ދިރިއުޅޭ 252 ތަނާއި އަށް ފިހާރައެއް ވަަނީ މޮނިޓަރިން ހާލަތަށް ގެންގޮސްފަ އެވެ. އޭގެ އިތުރުން 15 ރަށަކާއި ދެ އުޅަނދެއް މޮނިޓަރިން ހާލަތަށް ގެންގޮސްފައިވެ އެވެ.