ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފެށުމާއެކު، މިހާތަނަށް 665.4 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ކޮވިޑް-19 ގެ ހޭދަތައް އާއްމު ކުރުމުގެ ގޮތުން، ފިނޭންސް މިނިސްޓްރީން އަލަށް ނެރެން ފެށި "ކޮވިޑް-19 ވީކްލީ ސްޕެންޑިން ރިޕޯޓް" ގައިވާ ގޮތުން އެޕްރީލް 30 ވަނަ ދުވަހުން ފެށިގެން މި ބަލި ކޮންޓްރޯލް ކުރަން ރާއްޖެ އިން ކޮށްފައިވާ މަސައްކަތް ތަކަށް މިހާތަނަށް 665.4 މިލިއަން ރުފިޔާ ވަނީ ހޭދަ ކޮށްފަ އެވެ.
މި ރިޕޯޓުގައިވާ ގޮތުން މިހާތަނަށް އެންމެ ބޮޑު ހޭދާއެއް ކޮށްފައިވަނީ ހެލްތް މިނިސްޓްރީ އާއި ނެޝަނަލް ޑިޒާސްޓާ އޮތޯރިޓީ އަދި ޕްލޭނިން މިނިސްޓްރީ އާއި ޑިޒާސްޓާ މެނޭޖުމަންޓް ފަންޑު އަދި ޓޫރިޒަމް އެކްޓިވިޓީ އިމްޕްލިމެންޓިން ފަންޑުންނެވެ.
ހޭދަކުރާ ދާއިރާތަކާއި އަދަދުތައް
- ނޭޝަނަލް ޑިޒާޒްޓާ މެނޭޖުމަންޓް އޮތޯރިޓީއަށް 387.3 މިލިއަން ރުފިޔާ
- މިނިސްޓްރީ އޮފް ހެލްތަށް 135.7 މިލިއަން ރުފިޔާ
- މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އަށް 27.9 މިލިއަން ރުފިޔާ
- އެމްއެންޑީއެފަށް 5 މިލިއަން ރުފިޔާ
- މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް 3.5 މިލިއަން ރުފިޔާ
- ނޭޝަނަލް ސޯޝަލް ޕްރޮޓަކްޝާން އެޖެންސީ (އެންސްޕާ) އަށް 2.9 މިލިއަން ރުފިޔާ
- އިމިގްރޭޝަން 0.1 މިލިއަން ރުފިޔާ
- އައިޖީއެމްއެޗް 0.1 މިލިއަން ރުފިޔާ
- މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމެލީ ހޭދައެއް ނުކުރޭ
- ފުލުހުން ހޭދައެއް ނުކުރޭ
- ޑިޒާޒްޓާ މެނޭޖުމަންޓް ފަންޑު 84.1 މިލިއަން ރުފިޔާ
- ޓޫރިޒަމް އެކްޓިވިޓީ އިމްޕްލިމެންޓިން ފަންޑު 15.9 މިލިއަން ރުފިޔާ
- ޒަކާތު ފަންޑު ތިން މިލިއަން ރުފިޔާ
މި ރިޕޯޓުގައިވާ ގޮތުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ރާއްޖެ އިން ބޭރުން ގެންނަން ޖެހޭ ތަކެތި ގެނައުމަށެވެ. މި ކަމަށް 353.9 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވެ އެވެ. އަދި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ދިނުމާއި ސަބްސިޑީ އަށް 110.6 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވެ އެވެ. މީގެ އިތުރުން ހޭދަ ކޮށްފައި ވަނީ ކެޕިޓަލް އިކްއިޕްމަންޓް ހޯދަން 94.2 މިލިއަން ރުފިޔާ އާއި ލޭންޑް އަދި ބިލްޑިންގް ތަކަށް 45.3 މިލިއަން ރުފިޔާ އެވެ. އަދި މި ފަންޑުން ހޭދަ ކޮށްފައި ވަނީ އޮޕަރޭޝަނަލް ސާވިސަސް އަށް 32.2 މިލިއަން ރުފިޔާ އާއި ރިޕެއާ އަދި މެއިންޓެނަންސް އަށް ހަ މިލިއަން އަދި ދަތުރު ފަތުރަށް ހޭދަކުރި 2.4 މިލިއަން ރުފިޔާ އެވެ.