ކޮވިޑް-19 އާ ގުޅިގެން ސިއްހީ ދާއިރާ އާއި އިގްތިސޯދު ހިންގަން ކުރި ހޭދަ ތިން ބިލިއަން ރުފިޔާއަށްވުރެ މަތިވެއްޖެ އެވެ.
މި ހަރަދުވެފައި ވަނީ މާޗް މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށެވެ. ފިނޭންސް މިނިސްޓްރީން މި މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް "ކޮވިޑް ސްޕެންޑިން" ރިޕޯޓުގައިވާ ގޮތުން ސިއްހީ ކަންތައްތަކަށް 1.3 ބިލިއަން ރުފިޔާ ހޭދަ ކޮށްފައިވެ އެވެ. އަދި އިގްތިސޯދު ހިންގުމަށް ބޭނުންވާ ކަންތައް ތަކަށް 1.5 ބިލިއަން ރުފިޔާ ވަނީ ހޭދަވެފަ އެވެ. އެހެން ކަމުން ކޮވިޑް-19 ގެ އެކި ކަންކަމަށް ކުރި ޖުމްލަ ހޭދަ މިވަނީ ތިން ބިލިއަން ފަހަނަ އަޅާފަ އެވެ.
މިއީ ރާއްޖޭގެ 400،000 މީހުންގެ އާބާދީގެ ނިސްބަތުން ބަލާނަމަ ބޮލަކަށް ގާތްގަނޑަކަށް 750ރ. ގެ ހޭދަ ކުރުމެވެ. އަދި މިއީ މިހާތަނަށް ކޮވިޑް-19 ގެ ބަލި ރާއްޖޭން ޖެހިފައިވާ ގާތްގަނޑަކަށް 14،000 މީހުންގެ ނިސްބަތުން ބަލާނަމަ މީހެއްގެ ބޮލަކަށް ގާތްގަނޑަކަށް 21،000ރ. ހަރަދު ވުމެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން ސިއްހީ ދާއިރާގެ ތެރެ އިން އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އެވެ. މި އޮތީރިޓީ އަށް 868.0 މިލިއަން ރުފިޔާ ހޭދަވެފައި ވެއެވެ. އަދި ދެވަނަ އަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވާ ހެލްތް މިނިސްޓްރީ އަށް 273.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ތިން ވަނަ އަށް އެންމެ ބޮޑު ހޭދައެއް ކުރީ ސަރުކާރުގެ ދެވަނަ ހޮސްޕިޓަލް އައިޖީއެމްއެޗް އަަށެވެ. އެތަނަށް 88.4 މިލިއަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ. މައި ހޮސްޕިޓަލް ދަރުމަވަންތައިގެ ހޭދަ ސާފެއް ނުވެއެވެ.
ސިއްހީ ކަންތައްތަކަށް ކުރި ހޭދައިގެ ބޮޑު ހަރަދުވެފައިވަނީ ސިއްހީ ސާމާނު ބޭރުން ގެންނާށެވެ. އެގޮތުން ވެންޓިލޭޓަރު ފަދަ ތަކެތި ގެންނަން ކުރި އޯޑަރު ތަކަށް 561.6 މިލިއަން ރުފިޔާ ހޭދަވެފައިވެ އެވެ. ނަމަވެސް ބައެއް ވެންޓިލޭޓަރުތައް އަދިވެސް ރާއްޖެ ނާދެ އެވެ.
ކޮވިޑް-19 ގެ ހޭދައިގެ ތެރެއިން އިގްތިސޯދު ހިންގުމަށްޓަކައި އިކޮނޮމިކް ސްޕެންޑިން އަށް ކުރި ހޭދަ ހުރީ 1.5 ބިލިއަން ރުފިޔާގަ އެވެ. މި ހޭދަ ހިމެނެނީ ސަރުކާރުން ކޮވިޑް-19 އާ ގުޅިގެން ތައާރަފުކުރި އިކޮނޮމިކް ރިލީފް ޕެކޭޖުގެ ތެރޭގަ އެވެ. މީގައި ކަރަންޓާއި ފެން ބިލުން ދިން ޑިސްކައުންޓާއި ލޯނުތައް ފަސްކޮށް ދިނުމުގެ އިތުރުން އިންކަމް ސްޕޯޓް އެލަވަންސް ވެސް ހިމެނެ އެވެ.