ލައިފްސްޓައިލް

ގޭގައި ހުރެގެން ކްރިއޭޓިވް ރައިޓިން ކޯހެއް އާލިއާ ފުރިހަމަކުރަނީ

އާލިއާ ބަޓް އަކީ ބޮލީވުޑްގައި މިވަގުތު މަސައްކަތްކުރާ އެންމެ ބިޒީ އެއް ބަތަލާ އެވެ. ކޮރޯނާވައިރަހުގެ ސަބަބުން ހުރިހާ ފިލްމުތަކެއްގެ މަސައްކަތް ހުއްޓި ފިލްމީ ތަރިންނަށް ވެސް ގޭގައި މަޑުކުރަން ވަނީ މަޖްބޫރުވެފަ އެވެ. މި ވަގުތުގެ ފައިދާ އެންމެ ރަނގަޅަށް ހޯދާ އެއް ބަތަލާއަކަށް އާލިއާ ވާނެ އެވެ.

އާލިއާ ވަނީ ގޭގައި ހުރެގެން ލިޔުންތެރިކަމުގެ ހުނަރު ކުރިއެރުވުމުގެ މަސައްކަތް ފަށައި މި މުއްދަތުގައި ކްރިއޭޓިވް ރައިޓިންގެ ކޯހެއް ފުރިހަމަކުރުމުގެ މަސައްކަތް ފަށާފަ އެވެ.

ހޯމަ ދުވަހު އާލިއާ ވަނީ އޭނާގެ އެނދު މަތީގައި ލިޔަން ތައްޔާރުކޮށްފައިވާ ސެޓްއަޕްގެ ފޮޓޮއެއް ސޯޝަލް މީޑިއާގައި ޝެއާ ކޮށްފަ އެވެ. މި ފޮޓޯއިން ފެންނަނީ ލެޕްޓޮޕަކާއި ނޯޓްފޮތް ތަކެކެވެ. އަދި ފޮތުގައި ކޮންމެވެސް އެއްޗެހިތަކެއް ލިޔެފައި ވެސް ހުއްޓެވެ. އޭނާގެ ލެޕްޓޮޕުން ފެންނަ ފޮތުގެ ނަމަކަށް އޮތީ "ދަ ކްރާފްޓް އޮފް ޕްލޮޓް" ވިތު ބްރެންޑޯ ސްކައިހޯސް އެވެ.

އާލިއާ ނޯޓްކޮށްފައިވާ ބައިތަކުގެ ތެރޭގައި "ބެކްގްރައުންޑް"، "ޑިވެލޮޕްމަންޓް"، އަދި "ކްލައިމެކްސް" ހިމެނެ އެވެ.

"ގޭގައި ހުރެގެން އާ ކަމެއް ދަސްކޮށްލަމާ،" އާލިއާ ކުރި ޕޯސްޓުގެ ކެޕްޝަނަކަށް އޭނާ ލިޔެފައި ވެއެވެ.

ކްރިއޭޓިވް ރައިޓީން ކޯހެއް ފުރިހަމަ ކުރުމުގެ އިތުރުން ގޭގައި ހޭދަކުރާ ވަގުތު އާލިއާގެ ކަމަކީ އޭނާގެ ޕެޓްތަކުގެ ފޮޓޯ ނެގުމާއި އިރުއޮއްސޭ މަންޒަރު ބެލުމެވެ. ސޯޝަލް މީޑިއާގައި މިހާރު ދައުރުވާ ވީޑިއޯއަކުން ފެންނަނީ އާލިއާ އާއެކު ލޯބިވެރިޔާ ރަންބީރު ކަޕޫރުވެސް އެއް ބިލްޑީންގެއް ތެރޭގައި ހިނގާ އުޅޭ ތަން ކަމަށް ވާތީ ގިނަ ބަޔަކު ލަފާ ކުރަނީ މި ދެ ތަރިން އެއް ގެއަކަށް ދިރިއުޅުން ބަދަލުކޮށްފައިވާ ކަމަށެވެ. މި ދެ މީހުން ބިލްޑިންގް ވަށައިގެން ހިނގަމުންދާއިރު އެމީހުން އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުތައް ވެސް އެމީހުން ފަހަތުން އަންނަ ތަން ފެނެ އެވެ.

ބުރާސްފަތި ދުވަހު އާލިއާ އިންސްޓަގްރާމްކޮށްފައިވަނީ އޭނާގެ ބައްޕަ މަހޭޝް ބަޓް ގައިގައި ވަރަށް ލޯބިން ބައްދާލައިގެން ހުރި ފޮޓޮއެކެވެ. އަދި ބައްޕަ ވަރަށް މިސްވާ ކަމަށް އާލިއާ ބުނެފައި ވެއެވެ.

އާލިއާގެ އެންމެ އަވަހަށް ރިލީޒްވާން އޮތީ ބައްޕަ މަހޭޝް ބަޓް ޑައިރެކްޓްކުރާ "ސަޅަކް 2" އެވެ. އަދިތުޔާ ރޯއި ކަޕޫރު ބަތަލުގެ ބައި ކުޅޭ މި ފިލްމުގައި އާލިއާގެ ދައްތަ ޕޫޖާ ބަޓް އާއި ސަންޖޭ ދަތު ވެސް ބައިވެރިވެ އެވެ. ޕޫޖާ އާއި ސަންޖޭ ދަތަކީ "ސަޅަކް"ގެ ތަރިންނެވެ. "ސަޅަކް 2" އަކީ ކުރީގެ ފިލްމުގެ ސީކުއަލް އެކެވެ.

މީގެ އިތުރުން ސަންޖޭ ލީލާ ބާންސާލީގެ "ގަންގުބާއީ ކަތިއާވަޅީ" އާއި ލޯބިވެރިޔާ ރަންބީރު އާއެކު ކުޅޭ "ބްރަހްމަޝްތުރަ" އަދި ކަރަން ޖޯހަރްގެ "ތަޚުތު" އާއި އެސްއެސް ރާޖާމޯލީގެ "އާރްއާރްއާރް" އަކީ ވެސް އާލިއާގެ ކުރިޔަށް ހުރި ފިލްމު ތަކެވެ.