ލައިފްސްޓައިލް

ރިޝީ ދެކެ ރުޅިއައިސްގެން ރަންބީރު ގެއިން ނުކުމެގެން ދިޔަ

ރިޝީ ކަޕޫރަށް ކެންސަރު ޖެހި، ވަރަށް ބޮޑަށް ބަލިވުމުގެ ސަބަބުން ދަރިފުޅު ރަންބީރު ކަޕޫރު އާ އޮތް ގުޅުން މިހާރު ވަރަށް ރަނގަޅުވެފައި ވިޔަސް އޭގެ ކުރިން އެ ދެ ބަފައިންގެ ގުޅުން އޮތީ ވަރަށް ގޯސް ކޮށެވެ.

މީގެ ފަސް ވަރަކަށް އަހަރު ކުރިން މުމްބައި މިރާ ކިޔާ ނޫހަކަށް ދީފައިވާ އިންޓަވިއު އެއްގައި ރިޝީ ވަނީ އޭނާ އާއި ރަންބީރުގެ މެދުގައި މައްސަލަތައް ޖެހި ރަންބީރު ގެއިން ނުކުމެގެން ދިޔަ ވާހަކަތައް ކިޔައިދީފަ އެވެ. ރިޝީ ބުނި ގޮތުގައި އޭނާއާ ގުޅުން ގޯސްވެ ރަންބީރު ގޭން ނުކުމެގެން ދާން ނިންމި ނިންމުމުގެ ސަބަބުން އޭނާ އާއި އަންހެން ނީތޫ ސިންގް އަށް ވަރަށް ފުން އަސަރުތަކެއް ކުރި އެވެ. ރަންބީރު އޭރު ގޭން ނުކުމެގެން ގޮސް ދިރިއުޅުނީ އޭރު ރައްޓެހިވެގެން އުޅުނު ކެޓުރީނާ ކައިފް އާއެކުގަ އެވެ.

ރިޝީ ބުނި ގޮތުގައި އޭނާ އާއި ނީތޫ ކައިވެނިކުރުމުން ވަކި ގެއެއްގައި ދިރިއުޅުން ބިނާ ކުރުމުގެ ފުރުސަތު އޭނާގެ ބައްޕަ ރާޖް ކަޕޫރު ވެސް ދިނެވެ. އެގޮތަށް ރަންބީރު ވެސް ލޯބިވެރިޔާ އާއެކު ދިރިއުޅެން ބޭނުންވީމަ އެކަމާ ދެކޮޅު ނުހެދީ އެވެ.

"މި ގޭގައި އޭނާއަށް ވެސް ހުންނަނީ އެންމެ ކޮޓަރިއެއް. ކިހިނެއް ބޮޑުވެފައި ހުރި މީހަކު އެންމެ ކޮޓަރިއެއްގައި ދިރިއުޅޭނީ. ރަންބީރު އަކީ ވަރަށް ރަނގަޅު ދަރިއެއް. އަދި އަހަރެން ބުނާ ބަސް ވެސް އަހާ. ނަމަވެސް އޭނާގެ ފިލްމީ ކެރިއަރަކާ އަހަރެން ނުބެހެން. އަހަރެންގެ ކެރިއަރު އަހަންނަށް. އޭނާގެ ކެރިއަރު އޭނާއަށް. އަހަންނަށް އެނގޭ އަހަރެންގެ ގޯސްކަމުންކަން ދަރިފުޅާ އޮތް ގުޅުން ގޯސްވީ. އަހަރެންގެ އަންހެނުން އޭރުވެސް ބުނި އެހެންނޭ ވާނީ،" ރިޝީގެ އިންޓަވިއުގައި ބުނެފައި ވެއެވެ.

ރިޝީ ބުނި ގޮތުގައި އޭނާ އާއި ރަންބީރުގެ މެދުގައި ބިއްލޫރީގެ ބޯ ފާރެއް ވަނީ ލެވިފަ އެވެ. ދެ މީހުންނަށް އެކަކު އަނެކަކު ފެނުނަސް އަދި ވާހަކަ ދެއްކުނަސް އެއަށް ވުރެ ބޮޑުވަރެއް ނުކުރެވެ އެވެ. އެ މީހުންނާއެކު ރަންބީރު ދިރިނޫޅުމަކީ އޭނާ އާއި ނީތޫ އަށް ވަރަށް ހިތްދަތިކަން ލިބޭ ކަމެއް ކަމަށް ވެސް ރިޝީ އެއްބަސްވި އެވެ.

ރިޝީ ބުނި ގޮތުގައި ރަންބީރު އަށް ވެސް އާއިލާއެއް ގޮވައިގެން އެމީހުންނާއެކު އުޅެވޭ ވަރުގެ ބޮޑުގެއެއް އެޅުމުގެ މަސައްކަތް މިހާރު އޭނާ ދަނީ ކުރަމުންނެވެ. އެ ގެ ނިމުމުން އެމީހުންނާއެކު ދިރިއުޅެން ރަންބީރު އެނބުރި އަންނާނެ ކަމަށް ރިޝީ އުންމީދު ކުރެ އެވެ.

ރިޝީ ބުނި ގޮތުގައި ރަންބީރު މިހާރު ހުރި އުމުރުގައި އޭނާ ހުރިއިރު އޭނާ އަކީ ފޮނި، ބޮޑާ، ރުޅިގަދަ މީހެކެވެ. އަދި 1974 ހިސާބުގައި އޭނާ ފިލްމީ ދުނިޔެއަށް ވަންތާ ކުރީކޮޅު ގިނަ އަދަދަކަށް ފައިސާ ލިބި ދުނިޔޭގެ އެތައް މިލިއަން ބަޔަކު އޭނާއާ ހެދި މޮޔަ ވެފައި ތިބީމަ އޭނާގެ މިޒާޖަށް އޭރު އައި ބަދަލެއް ކަމަށް ރިޝީ އެއްބަސްވި އެވެ. ނަމަވެސް މިހާރު އެ ދުވަސް ގޮސް އޭނާގެ އުޅުން ވެސް އިސްލާހުކޮށްފިކަމަށް ވެސް ރިޝީ ބުންޏެވެ.

"އަހަރެން އަހަރެންގެ ބައްޕަ އަށް ވަރަށް ގަދަރުކުރި. އަހަންނަކަށް ނޭނގެ ރަންބީރު ގޮތެއް. އަހަންނަށް ހީވަނީ އޭނާވެސް އަހަންނަށް ގަދަރު ކުރާހެން. ނަމަވެސް ގާތް އެކުވެރިކަމެއް ރަންބީރު އާއެކު ގާއިމް ނުކުރެވުނީތީ މިއަދު އަހަރެން ވަރަށް ހިތާމަކުރަން،" ރިޝީ އިތުރަށް ކިޔައިދިނެވެ.

ރިޝީ އަށް ކެންސަރު ޖެހުނުކަން އެނގުނީ 2019ގެ ކުރީކޮޅު އެވެ. އެހިސާބުން ކެންސަރު ފަރުވާ އަށް ރިޝީ އާއި ނީތޫ ނިއުޔޯކް އަށް ބަދަލުވި އެވެ. ރިޝީގެ ފަރުވާ ނިމެންދެން އާއިލާ އެއްކޮށް ނިއުޔޯކްގައި ތިބެން ބާރު އެޅީ ވެސް ރަންބީރެވެ. ރިޝީގެ ފަރުވާ ކުރިޔަށް ދިޔަ ދުވަސްތަކުގައި ރަންބީރު އަށް ލިބޭ ހުރިހާ ހުސް ވަގުތެއް ރިޝީ ކައިރީގައި ހޭދަކުރި އެވެ.

ކެންސަރުގެ ފަރުވާއަށް ފަހު ރިޝީ އެނބުރި އިންޑިޔާ އަށް އައިސްފައިވީ ނަމަވެސް އޭނާގެ ހާލު އަދިވެސް އެހާ ރަނގަޅެއް ނޫނެވެ. އަދި ކުޅެން ހަމަޖެހިފައިވާ ގިނަ ފިލްމުތައް ވެސް މި ސަބަބާ ހެދި ރިޝީ މިހާރު ގެންދަނީ ދޫކޮށްލަމުންނެވެ.