ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރޭގައި ހިމެނޭ ޑައުން ސިންޑްރޯމް، ސެރެބްރަލް ޕަލްސީ އަދި އޮޓިޒަމް ހުންނަ މީހުންނަކީ އެމެރިކާގައި އަލަށް އެކުލަވާލި ގަވާއިދުގެ ދަށުން ކޮރޯނާވައިރަސް ޖެހިއްޖެނަމަ ޑޮކްޓަރުން އިސްކަންދޭން ނުޖެހޭ ލިސްޓުގައި ހިމެނޭ ބައެކެވެ. މިފަދަ މީހުން ވެންޓިލޭޓާ އަށް ލާންޖެހޭ ހާލަތެއްގައި ވެންޓިލޭޓާ ލިބޭނީ މި ލިސްޓުގައި އިސްކަން ދޭން ޖެހޭ މީހަކު ވެންޓިލޭޓަރުގެ ބޭނުން ޖެހިފައި ނެތް ނަމަ އެވެ. އެހެން ނޫންނަމަ މިފަދަ މީހުން ޖެހޭނީ މަރުވާން ދޫކޮށްލާށެވެ.
މިއީ ކޮރޯނާވައިރަހުގެ ސަބަބުން ފުއްޕާމޭގެ މައްސަލަތައް ދިމާވެ ނޭވާލާން ދަތިވެގެން ވެންޓިލޭޓަރަށް ލާން ޖެހޭ މީހުންގެ އަދަދު ގިނަވެ އެމެރިކާގައި ވެންޓިލޭޓަރު ހުރިލެއް މަދުވުމުގެ ސަބަބުން އަލްބާމާ ސްޓޭޓުން އަލަށް ތައްޔާރުކުރި ގައިޑްލައިންގައި ބުނާ ގޮތެވެ.
މި ގައިޑްލައިން ބުނާ ގޮތުން ސިކުނޑީގެ މައްސަލަތައް ހުންނަ މީހުންގެ ތެރެއިން ވަރަށް ބޮޑަށް ސިކުނޑި ގޯސް މީހުންނާއި ޑައިމެންޝިއާގެ މައްސަލަ ބޮޑު މީހުން އަދި ސިކުނޑިއަށް ބޮޑު ގެއްލުމެއް ލިބިފައި ތިބޭ މީހުންނަކީ ވެސް ވެންޓިލޭޓާ ސަޕޯޓް ދޭން ބަލާއިރު އެންމެ ދަށު ކެޓަގަރީގައި ހިމެނޭ މީހުންނެވެ.
އަދި މިއަށްވުރެ ބޮޑުވަރުވެ ކޯމާގައި ތިބޭ މީހުންނާ އެއްގޮތަކަށް ވެސް ހިނގާ ބިނގާވެ ނޫޅެވޭ ވަރު ވެފައި ތިބޭ މީހުން ހިމެނެނީ ލިސްޓުގެ އެންމެ ފުލުގަ އެވެ. މި މީހުންނަށް ކޮރޯނާވައިރަސް ޖެހުނަސް ވެންޓިލޭޓާ ސަޕޯޓް ލިބުމަކީ ވަރަށް ނާދިރު ކަމެކެވެ.
މިފަދަ ގައިޑްލައިންތަކަކަށް އެރިޒޯނާ އާއި ވޮޝިންޓަން ސްޓޭޓްގައި ވެސް މިހާރު ވަނީ އަމަލުކުރަން ސިއްހީ ޚިދުމަތް ދޭ މީހުންނަށް އަންގާފަ އެވެ. އެއީ މެޑިކަލް އިކްއިޕްމަންޓްސް މަދުވެފައިވާތީ މަދު ވަސީލަތްތަކެއްގެ ބޭނުންކޮށްގެން ގިނަ ބަޔަކު ރަނގަޅު ކުރެވޭނެ ގޮތެއް ހޯދުމަށް ކަނޑައެޅި އުސޫލެކެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ފަރާތުން ވަކާލާތު ކޮށްދޭ ގްރޫޕްތަކުން މިހާރު ވަނީ މިކަމާ ނުރުހި އެމެރިކާގެ ހެލްތު އެންޑް ހިއުމަން ސާވިސް ޑިޕާޓްމަންޓަށް ޝަކުވާ ހުށަހަޅާފަ އެވެ. އެ މީހުން އެދިފައިވަނީ އިމަޖެންސީ ހާލަތެއް ދިމާވުމުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ތަފާތު ކުރުން ނުގެންގުޅޭނެކަމުގެ ޔަގީންކަން ދިނުމަށެވެ.
މި ގްރޫޕުން ބުނެފައިވާ ގޮތުގައި ޚާއްސަ އެހީއަށް ބޭނުންވާ ހަތް މިލިއަން މީހުން އެމެރިކާގައި އެބަތިއްބެވެ. އަދި މި މީހުންނަށް ވަނީ ކޮވިޑް-19ގެ ޝިކާރައަކަށް ވުމުގެ ނުރައްކާ އިންތިހާއަށް ބޮޑުވެފައި ކަމަށް ވެސް މި ގްރޫޕުން ބުނެ އެވެ. ސަބަބަކީ މި މީހުން އާއްމުކޮށް ދިރިއުޅެނީ މިފަދަ ގިނަ މީހުންތަކެއް އެކުގައި އުޅެން ތައްޔާރުކޮށްފައި ހުންނަ ގެ ތަކުގައި ކަމަށް ވެފައި މިއީ ބަލި ފެތުރޭ ހޮޓްސޮޕްޓްތަކެއްގެ ގޮތުގައި ބެލެވޭތީ އެވެ.
އަދި ޚާއްސަ އެހިއަށް ބޭނުންވާ މީހުންނަކީ އަމިއްލައަށް ބަލިން ސަލާމަތްވާން އެއްވެސް މަސައްކަތެއް ނުކުރެވޭ ވަރުގެ މީހުން ކަމަށާއި ސިއްހީ ގޮތުން އަޅަން އަންގާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ގިނަ ގިނައިން އަތް ދޮވުމާއި މޫނުގައި މާސްކް އެޅުން އަދި އެހެން މީހުންނާ ވީހާވެސް ދުރުގައި އުޅުން މިއީ މި މީހުންނަށް އަމިއްލައަށް ކުރެވޭނެ ކަންތައްތަކަށް ނުވާތީ އެމީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އިތުރުވެފައިވާ ކަމަށް ވެސް ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވަކާލާތު ކޮށްދޭ ގްރޫޕްތަކުން ބުނެ އެވެ.
އެމެރިކާގެ ސިވިލް ރައިޓްސް ލޯ އިން ހުރިހާ އެންމެންނަށް ވެސް އެއްވަރެއްގެ ރައްކާތެރިކަމަކާއި ގަދަރެއް ލިބިދީފައިވާތީ މިފަދަ މެޑިކަލް އިމަޖެންސީ ތަކުގައި މި ގާނޫނަށް އަމަލު ކުރަން ނުޖެހޭތޯ ބައެއް ސިއްހީ މާހިރުން ސުވާލު އުފައްދަ އެވެ.
އެމެރިކާގެ ވެބްސައިޓް ނޫހަކުން ވަނީ ޚާއްސަ އެހީއަށް ބޭނުންވާ މީހަކަށް ދިމާވި މިފަދަ ހާދިސާއެއް ރިޕޯޓްކޮށްފަ އެވެ. އެއީ އެމިލީ ވޭލްސް ކިޔާ ޑައުން ސިންޑްރޯމް ޖެހިފައިވާ އަންހެނެކެވެ. އުމުރުން 67 އަހަރުގެ މި މީހާ ޖޯޖިއާ ކެއާ ހޯމެއްގައި ކޮރޯނާވައިރަސް ޖެހިގެން ވަނީ މަރުވެފަ އެވެ.
ވޭލްސް އާއި އޭނާގެ ފިރިމީހާ ރިޗާޑް މީގެ ކުރިން ނޫސްތަކުގެ ސުރުޚީއަށް އެރީ މިއީ ޖޯޖިއާގައި ކައިވެނިކުރި ޑައުންސިންޑްރޯމް ހުރި ފުރަތަމަ ދެމަފިރިން ކަމަށް ވާތީ އެވެ. މި ދެމަފިރިން ވަރަށް އުފަލުގައި ދިރިއުޅެނިކޮށް 2018 ގައ ރިޗަޑް ވަނީ މަރުވެފަ އެވެ. އޭގެ ފަހުން ވޭލްސް ދިރިއުޅުނީ ކެއާ ހޯމެއްގަ އެވެ. އެތަނުން އޭނާ ގަޔަށް ކޮރޯނާވައިރަސް އެރީ އެތަނުގައި މަސައްކަތްކުރާ މީހެއްގެ ފަރާތުންނެވެ.
ކޮރޯނާވައިރަހުގެ ސަބަބުން ވޭލްސް މަރުވެގެން ދިޔައީ އޭނާއަށް ފަރުވާދިން ޑޮކްޓަރުން އޭނާ ވެންޓިލޭޓަރަށް ނުލައި ބާއްވާފައި އޮއްވަ އެވެ. އެއީ ބަލި ޖެހިފައިވާ މީހުން ގިނަވެ ވެންޓިލޭޓަރު ހުރިލެއް މަދުކަމުންނެވެ.
ޚާއްސަ އެހީއަށް ބޭނުންވާ ގިނަ ބަޔަކަށް ވޭލްސް އަށް ދިމާވި ފަދަ ގޮތެއް ދިމާވެދާނެކަމަށް ބުނެ އެމީހުންގެ ހައްގުގައި ވަކާލާތުކުރާ ގްރޫޕްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.