ކޮވިޑް-19 އާ ގުޅިގެން އިގުތިސޯދަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާއެކު، ގިނަ ބައެއްގެ އާމްދަނީ ލިބޭ ދޮރުތައް ބަންދުވަމުންދާ ދަނޑިވަޅެއްގައި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ދަނާލުތަކުގައި ތިބި ދަރިވަރުންގެ ފީ މާފުކޮށްދޭން ނިންމައިފި އެވެ.
އެމްއެންޔޫ އިން ނެރުނު ބަޔާނެއްގައި ބުނީ، މާލެ އާއި އަތޮޅުތަކުގެ ދަނާލުތަކުގައި ތިބި ދަރިވަރުންގެ މާޗް އަދި އޭޕްރިލް މަހުގެ ދަނާލު ފީ މައާފުކުރަން ނިންމާފައިވާ ކަމަށެވެ.
މާލޭގެ އިތުރުން، ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދޫ އަދި ސ. ހިތަދޫގައި ހުންނަ ދަނާލުގައި ޖުމްލަ 168 ދަރިވަރުން ތިބެ އެވެ.
އެގޮތުން، ރަށްރަށުގެ ދަނާލުތަކުން ދަރިވަރެއްގެ އަތުން މަހެއްގެ މައްޗަށް 500 ރުފިޔާގެ ފީއެއް ނަގަ އެވެ. އަދި މާލޭ ދަނާލުގައި، އެއް ދަރިވަރަށް ވުރެ ގިނައިން ތިބޭ ކޮޓަރިތަކުން ކުއްޖެއްގެ އަތުން ކޮންމެ މަހަކު 900 ރުފިޔާ އަދި އެކަނި ހުންނަ ކޮޓަރިއަކަށް 1،200 ރުފިޔާ ދައްކަންޖެހެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް އެކީގައި ހުއްޓިފައިވާއިރު، އިގުތިސޯދު ސަލާމަތްކުރުމަށް ސަރުކާރުން ވެސް ވަނީ 2.5 ބިލިއަން ރުފިޔާގެ ޕެކޭޖެއް އިއުލާނުކޮށްފަ އެވެ. އެ ޕެކޭޖުގެ ދަށުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމުގެ އިތުރުން، މި ހާލަތާ ގުޅިގެން ވަޒީފާ ގެއްލޭ ފަރާތްތަކަށް އެލަވަންސެއް ދިނުމަށް ވަނީ ހިމަނައިފަ އެވެ.
އޭގެ އިތުރުން، ކުރިއަށް ދެ މަހުގެ ކަރަންޓާއި ފެން ބިލުން ބޮޑު ބައެއް ސަރުކާރުން ސަބްސިޑައިޒް ކޮށްދިނުމަށް ވަނީ ނިންމައިފަ އެވެ. އަދި ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކަށްފަހު، ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ލޯނުތައް އަނބުރާ ދެއްކުން ކުރިއަށް އޮތް ހަ މަސް ދުވަހަށް ވަނީ ފަސްކޮށްދީފަ އެވެ.