ބޭރު ކުޅިވަރު

އެންމެ ފަހުން ޑެހެޔާ ޔުނައިޓެޑްގެ ކޮންޓްރެކްޓް އާކޮށްފި

Sep 11, 2015

ރެއާލް މެޑްރިޑަށް ބަދަލުވާން ކުރި ހުރިހާ މަސައްކަތެއް ނާކާމިޔާބުވުމުން މެންޗެސްޓާ ޔުނައިޓެޑާއެކު ސްޕޭނުގެ ކީޕަރު ޑޭވިޑް ޑެހެޔާ ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގައި މިއަދު ސޮއިކޮށްފި އެވެ.

އޭނާ ކޮންޓްރެކްޓް އާމިކުރީ ޔުނައިޓެޑާއެކު 2011 ވަނަ އަހަރު ހަދާފައިވާ ކޮންޓްރެކްޓް އާކުރަން ޔުނައިޓެޑުން ދެ ފަހަރު މަސައްކަތް ކުރުމުން އެކަމަށް ނޫނެކޭ ވެސް ބުނުމަށްފަހު އެވެ.

ރިޕޯޓްތައް ބުނާގޮތުން 26 އަހަރުގެ ކީޕަރު ޔުނައިޓެޑްގެ ކޮންޓްރެކްޓް އާކުރީ ކުޅުމުގެ ފުރުސަތު ނުދީފާނެތީ އެވެ. އެއީ މި ސީޒަން ނިމުމުން އޭނާގެ ކޮންޓްރެކްޓް ހަމަވާއިރު މިހާރު ވެސް އާޖެންޓީނާގެ ގައުމ ކީޕަރު ސާޖިއޯ ރޮމޭރޯ ކުލަބުގައި ހުރުމުންނެވެ.

ޑެހެޔާ ޔުނައިޓެޑަށް ދާން ބޭނުންވި ނަމަވެސް ޔުނައިޓެޑުން އޭނާ ވިއްކަން އެއްބަސްވީ އެންމެ ފަހު ވަގުތު އެވެ. ނަމަވެސް އޭނާގެ ޓްރާންސްފާގެ ލިޔުންތައް ދެ ކުލަބުން ބަދަލުކޮށް ފީފާގައި ރަޖިސްޓްރީކުރަންޖެހޭ ވަގުތަށްވުރެ ދެ މިނިޓް ފަހުން ލިޔުންތައް ފޮނުވުމުން އޭނާ އަށް ވަނީ ކުލަބު ބަދަލު ކުރެވޭގޮތްނުވެފަ އެވެ. މިކަމުގައި ރެއާލްއިން ގޯސްކުރަނީ ޔުނައިޓެޑެވެ. ނަމަވެސް ޔުނައިޓެޑުން ގޯސްކުރަނީ ރެއާލް އެވެ.

ޑެހެޔާ ބުނީ ވެދިޔަތަން ހަނދާން ނައްތާލާފައި ބޭނުންވަނ ޔުނައިޓެޑާއެކު ކުރިއަށްދާން ކަމަށެވެ. އަދި އޭނާއާ އާއި ކުލަބާމެދު އެއްވެސް މައްސަލައެއްނެތް ކަމަށެވެ.

"ޔުނައިޓެޑަކީ ވަރަށް މޮޅު ކުލަބެއް. އަދި އޯލްޑްޓްރެފަޑަކީ އަހަރެންގެ ކެރިއަރުގައި ކުރިއަށްދާން ރަނގަޅު ތަނެއް،" ޑެހެޔާ ބުންޏެވެ.

ޔުނައިޓެޑުގެ ކޯޗު ލުއިސް ވެންހާލް ވެސް ވަނި ޑެހެޔާ ކޮންޓްރެކްޓް އާކުރުމުން މަރުހަބާ ކިޔައިފަ އެވެ.