ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑް-19: ޗައިނާގެ ހަގީގީ އަދަދުތަކާމެދު ގިނަ ސުވާލުތަކެއް

Apr 2, 2020

މިދިޔަ ޑިސެމްބަރު މަހު ޗައިނާގެ ވޫހާން ސިޓީން ފުރަތަމަ ފެނުނު އާ ކޮރޯނާ ވައިރަސް މިހާރު ވަނީ މުޅި ދުނިޔެއަށް ފެތުރިފަ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަދިވެސް އެ ބަލި ފެތުރުން ކޮންޓްރޯލް ނުވާއިރު، ކޮވިޑް-19 އިގެ ނަން ދީފައިވާ އެ ވައިރަސް ޖެހުނު މީހުންގެ އަދަދު މިހާރު މިލިއަނަކާ ގާތް ކުރަނީ އެވެ.

ނަމަވެސް އެ ވައިރަސް ފެތުރެން ފެށި ޗައިނާ އިން މިދިޔަ ޖެނުއަރީ މަހުން ފެށިގެން ކުރަމުންދިޔަ ހަނގުރާމަ މިހާރު ގާތްގަނޑަކަށް ކާމިޔާބުވެއްޖެ ކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފަ އެވެ. އެ ބަލި އަލަށް ޖެހުނު މީހުންގެ އަދަދު ވަރަށް ބޮޑުތަނުން މަދުވެފައިވާ ކަމަށް އެ ގައުމުން ރިޕޯޓު ކުރާތާ ހަފުތާތަކެއް މިހާރު ވަނީ ވެފަ އެވެ.

ނަމަވެސް، ޗައިނާގެ ހަގީގީ ތަފާސް ހިސާބުތަކާމެދު ގައުމުތަކުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ސުވާލު އުފައްދަމުން ދަނިކޮށް، މިދިޔަ ބުދަ ދުވަހު ޗައިނާގެ ކަމާބެހޭ އިދާރާތަކުން މި ވަނީ އަނެއްކާ ވެސް މުޅީން އާ ހިސާބުތަކެއް އާއްމުކޮށްފަ އެވެ. މިފަހަރު، ޗައިނާއިން ވަނީ ކޮވިޑް-19 ޖެހިފައިވާ ނަމަވެސް ބަލީގެ އަލާމާތްތައް ނުފެންނަ މީހުން ވެސް، ޕޮޒިޓިވް ކޭސްތަކުގެ އަދަދަށް އިތުރު ކޮށްފަ އެވެ.

ސިއްހީ މާހިރުން ބުނާ ގޮތުގައި، މިއީ މި ބަލިމަޑުކަން ފެތުރެން ފެށި ފަހުން، ޗައިނާގެ ތަފާސް ހިސާބުތައް ތަފާތު ގޮތަކަށް އާއްމުކުރި އަށް ވަނަ ފަހަރެވެ. އަދި އެކަމުގެ ސަބަބުން، އެހެން ގައުމުތަކަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، ބަލި ކޮންޓްރޯލް ކުރަން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް ޗައިނާގެ ކޮމިޔުނިސްޓް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

ޗައިނާއަށް ފާޑުކިޔާ ގައުމުތަކުގެ އެންމެ ކުރީގައި އުޅެނީ އެމެރިކާ އެވެ. އެގޮތުން، އެމެރިކާ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ޗައިނާ އިން އާއްމު ކުރާ މައުލޫމާތު ގަސްތުގައި އޮޅުވާލަމުންދާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން، ބަލީގެ ކުރިއަށް އަރައި، ފެތުރުން ހުއްޓުވަން އެހެން ގައުމުތަކަށް ދަތިވެފައިވާ ކަމަށެވެ.

ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން، ބަލީގެ އަލާމާތްތައް ނުފެންނަ މީހުން، އުނި ކުރުމަކީ އެއްވެސް ގައުމަކުން މިހާތަނަށް ނުކުރާ ކަމެއް ކަމަށް ސިއްހީ މާހިރުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. އަދި ޗައިނާ އިން ބޭނުންހާ ގޮތަކަށް، ތަފާސް ހިސާބުތައް އޮޅުވާލަމުން ދާތީ، އެ ގައުމުގައި ހަގީގަތަށް ވެސް ކޮވިޑް-19 ކޮންޓްރޯލް ކުރެވިފައިވާކަން ގަބޫލު ކުރަން ވަނީ ދަތިވެފަ އެވެ.

ޗައިނާ އިން އެންމެ ފަހުން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ހުރީ 82،294 ގަ އެވެ. އަދި މަރުގެ އަދަދަކީ 3،310 އެވެ. ނަމަވެސް، އިއްޔެ ޗައިނާ އިން ވަނީ ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން، ބަލީގެ އަލާމާތްތައް ނުފެންނަ އިތުރު 1،441 މީހަކު އެ ލިސްޓަށް އިތުރު ކޮށްފަ އެވެ.

ޗައިނާގެ ސިއްރު ޑޮކިޔުމަންޓަކާ ހަވާލާދީ ހޮންކޮންގްގެ ސައުތު ޗައިނާ މޯނިންގް ޕޯސްޓުން ބުނެފައިވާ ގޮތުގައި، މާޗް 22 އާ ހަމައަށް، ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން، ބަލީގެ އަލާމާތްތައް ފެނިފައި ނުވާ 42،000 މީހުން ޗައިނާގައި ތިބި ކަމަށެވެ.

އެ އަދަދުތައް ހިމަނައިފިނަމަ، އެއް ގައުމަކުން ބަލި ޖެހިފައިވާ މީހުންގެ ލިސްޓުގެ ދެވަނައަށް ޗައިނާ އަރަ އެވެ. އެ ލިސްޓުގެ ކުރީގައި މި ވަގުތު 190،000 މީހުނާއެކު އޮތީ އެމެރިކާ އެވެ.

އިއްޔެ އާއްމުކުރި ތަފާސް ހިސާބުތަކާއެކު، ޗައިނާގެ ހަގީގީ އަދަދާމެދު އަނެއްކާވެސް ސުވާލު އުފައްދަމުންދާ ސިއްހީ މާހިރުންގެ ކަންބޮޑުވުންތަކުގެ އަޑު އަނެއްކާވެސް ވަނީ ގަދަވެފަ އެވެ. ހޮންގް ކޮންގް ގެ ޔުނިވާސީޓީގެ ސައިންސްވެރިން ކުރި ދިރާސާއެއްގައި ބުނެފައިވަނީ، ފެބްރުއަރީ 20 ވަނަ ދުވަހާ ހަމައަށް ޗައިނާގައި ބަލިޖަހިފައިވާ މީހުންގެ ހަގީގީ އަދަދު 230،000 އަށް ވުރެ މައްޗަށް އަރާނެކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. ނަމަވެސް، އެހާތަނަށް ޗައިނާގެ ރަސްމީ އަދަދު ހުރީ 75،000 ގަ އެވެ.

ބަލި ޖެހުނު މީހުނާއި، މަރުގެ އަދަދު ތަކުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރިކަމަށް ސިއްހީ މާހިރުން ބުނަމުންދާއިރު، އެ ބަލި ފުރަތަމަ ފެނުނު ވޫހާން ސިޓީގެ ލޮކްޑައުން އުވާލައި، އަންނަ ބުދަ ދުވަހުން ފެށިގެން އެތަން އަލުން އެކީގައި ހުޅުވާލުމަށް ޗައިނާ ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.