ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ބީއެމްއެލްގެ 55،000 އަށްވުރެ ގިނަ ކަސްޓަމަރުންނަށް ލުއި ލިބޭނެ

Apr 2, 2020
2

ލޯނު ފަސް ކޮށްދޭން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ހުޅުވާލިއިރު، އެ ކުންފުނީގެ 55،000 އަށްވުރެ ގިނަ ކަސްޓަމަރުންނަށް ލުއި ލިބިގެން ދާނެ ކަމަށް ބޭންކުން ބުނެފި އެވެ.

ބޭންކުން މެނޭޖަރު ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ ލޯނުތައް ފަސްކޮށް ދިނުމުގައި އިންޓަނޭޝަނަލް ފައިނޭންޝަލް ރެގިއުލޭޝަންސްތަކާއި އިންޓަނޭޝަނަލް އޮޑިޓް ސްޓޭންޑަޑްތަކުގެ އިތުރުން މިފަދަ ދަނޑިވަޅެއްގައި އެހީތެރިވާން ޖެހޭ ގިނަ ކަސްޓަމަރުން ތިބުމާއެކު، ބޭންކުގެ ވިޔަފާރިއަށް ކުރާނެ އަސަރާއި ބޭންކަށް ފައިސާ ޖަމާ ކުރާ ފަރާތްތަކާއި ކަސްޓަމަރުންނާއި ހިއްސާދާރުންގެ ހެވަށް ވެސް ބަލާފައި ވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ހިއްސާ ދާރުންނަކީ ދިވެހިން. ކަސްޓަމަރުންނަކީ ދިވެހިން. ލޯނު ނަގަވާފައިވާ ފަރާތްތަކަކީ ވެސް ދިވެހިން. އަޅުގަނޑުމެންނާއެކު މި ފަދަ މުހިންމު މަސައްކަތްތައް ކުރަން ވެސް މިތިބީ ދިވެހިން. އަޅުގަނޑުމެން މި ފަދަ ކޮންމެ މުހިންމު ނިންމުމެއް ނިންމުގައި މިކަންތައްތަކަށް ރިއާޔަތް ކުރަން. މޮރޮޓޯރިއަމް ހަމަޖައްސާފައި ވަނީ މި ރީޖަންގެ އެހެން ބޭންކު ތަކުން ވެސް އަމަލު ކުރަމުން ދާ އުސޫލްތަކާ އެއްގޮތަށް ބޭންކުގެ ވިޔަފާރިއަށް ރައްކާތެރިކަން ލިބޭނެ ގޮތަށް،" ސައީދު ވިދާޅުވި އެވެ.

ލޯނު ފަސް ކުރުމުން ވާނީ ކިހިނެއް؟

ލޯނު އަނބުރާދެއްކުން ފަސް ކުރުމަށް މިއަދުގެ ވަގުތެއްގައި ބީއެމްއެލްގެ ކަސްޓަމަރުންނަށް ހުޅުވާލާނެ އެވެ. ކަސްޓަމަރަކު ބީއެމްއެލް މެދުވެރިކޮށް ނަގާފައިވާ ކޮންމެ ޕާސަނަލް އަދި ހައުސިން އާއި ބިޒްނަސް ލޯނެއް ވެސް ފަސް ކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ކަސްޓަމަރަށް ލިބޭނެ އެވެ.

ފަސް ކުރުމާއެކު އަންނާނެ ބަދަލުތައް

  • ފުރަތަމަ ހަ މަހަ ފައިސާ ދައްކާކަށް ނުޖެހޭނެ
  • ޖެހިގެން އަންނަ ހަ މަހު ކޮންމެ މަހަކަށް ދައްކަން ޖެހޭނީ މިހާރު ލޯނަށް ދައްކަމުން ދާ އަދަދަށްވުރެ 20 ޕަސެންޓް މަދުން
  • ބާކީ މުއްދަތުގައި ލޯނު ދެއްކުން ފަސްކުރި ފުރަތަމަ ހަ މަސްދުވަހުގެ އިންޓަރެސްޓް ލޯނަށް ދައްކަންޖެހޭ ފައިސާގެ ތެރޭގައި ހިމެނުމަށްފަހު ލޯނަށް ދައްކަންޖެހޭ ޖުމްލަ ފައިސާ ބާކީ މުއްދަތު
  • މި މުއްދަތުގައި ނަގާނީ ސިމްޕަލް އިންޓަރެސްޓެއެއް
  • ކަސްޓަމަރުންނަށް ސެޕްޓެމްބަ 2020 ގެ ނިޔަލަށް ފުރުސަތު އޮންނާނެ.
  • އެދޭ ދުވަހުން ފެށިގެން ހަ މަސްދުވަސް ލިބޭނެ
  • މުސާރަ އާ މްދަނީއަށް ބަދަލެއް ނާންނަނަމަ ލޯނަށް ފައިސާ ދެއްކުން ފަސްކުރުން މުހިންމެއް ނޫން

އާންމުކޮށް މިފަދަ މޮރޮޓޯރިއަމްއެއް މުހިންމު ވަނީ އާމްދަނީ ދަށްވާ ވަގުތެއްގައި ކޭޝް ފްލޯ މެނޭޖް ކުރުމަށް އެހީތެރިވުމަށެވެ. އަދި ލޯނު އަނބުރާ ދެއްކުން ފަސްކޮށްދެވޭ މުއްދަތާ ގުޅިގެން ކަސްޓަމަރުގެ ކްރެޑިޓް ހިސްޓްރީ އަށް އެއްވެސް ނޭދެވޭ އަސަރު ކުރިޔަ ނުދިނުމެވެ.

ބީއެމްއެލް އިން ދަނީ ލޯން އަނބުރާ ދެއްކުން ފަސް ކޮށްދިނުމުގެ އިތުރުން ރާއްޖޭގެ އިގްތިސޯދު ދެމެހެއްޓުމަށްޓަކައި މަސައްކަތް ކުރަމުންނެވެ.

އެގޮތުން ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އުފައްދާފައިވާ ރިލީފް ފަންޑުން ރިޒޯޓު ތަކަށާ ޓާން އޯވާގެ ގޮތުގައި 10 މިލިއަން ހޯދައިފައިވާ ވިޔަފާރި ތަކަށް ލޯނު ދޫކުރަން ވަނީ ނިންމާފަ އެވެ. މީގެ އިތުރުން ބޭންކުން އަމިއްލައަށް ރިސޯޓް އަދި ގެސްޓްހައުސް ތަކަށް ދެ މިލިއަން ޑޮލަރާ ހަމަޔަށް ދޫކުރެވޭ ފައިނޭންސިން ފެސިލިޓީއެއް ވެސް ތައާރަފުކޮށްފައިވާއިރު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ހިންގުމުގެ ހަރަދު ހަމަޖެއްސުމަށް ވަނީ ވާކިން ކެޕަޓަލް ފައިނޭންސިން ވެސް ތައާރަފްކޮށްފައި ވެއެވެ.