ބޮލީވުޑް

ޑާންސް ފިލްމުތައް އުފެއްދުން ނިމުނީ: ރޭމޯ

ރޭމޯ ޑިސޫޒާ ޑައިރެކްޓްކުރި ޑާންސް ފިލްމު "ސްޓްރީޓް ޑާންސާ 3ޑީ" ބޮކްސް އޮފީހުގައި މާ ރަނގަޅަށް ނުހިނގުމުން އޭނާ ވަނީ ވަރަށް މާޔޫސްވެފަ އެވެ. މިހާރު އެހެން ފިލްމެއްގެ މަސައްކަތް ރޭމޯ ފަށާފައި ވާއިރު މިފަހަރު އުފައްދަނީ ނެށުމާ ގުޅުން ހުރި ފިލްމެއް ނޫނެވެ.

ޑާންސްގެ މައްޗަށް ބިނާ ކޮށްފައިވާ ތިން ފިލްމު ރޭމޯ މިހާތަނަށް އުފައްދާފައިވެ އެވެ. "އޭބީސީޑީ" އާއި "އޭބީސީޑީ 2" އަދި "ސްޓްރީޓް ޑާންސާ 3ޑީ" އެވެ. ރޭމޯ ބުނާ ގޮތުގައި ޑާންސް ފިލްމުތައް އުފެއްދުން މިހާރު ދެން ނިމުނީ އެވެ.

"އަހަރެން ދެން އުފައްދާ ފިލްމެއް ވާނީ ސްޕޯޓްސް ޑްރާމާ އަކަށް ނުވަތަ އެކްޝަން ފިލްމަކަށް. ޑާންސް ފިލްމަކަށް ނުވާނެ،" ރޭމޯ ބުންޏެވެ.

އޭނާ ބުނި ގޮތުގައި މިހާރު ދެ ފިލްމެއްގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް އެއްފަހަރާ އޭނާ ކުރިޔަށް އެބަ ގެންދެ އެވެ. ދެ ސްކްރިޕްޓާ ވެސް އޭނާ ވަރަށް ހިތްހަމަޖެހޭ ކަމަށާއި މިތަނުން ކޮން ފިލްމެއްގެ މަސައްކަތް ކަން ކުރި ފަށާނީ ނިންމާނީ އެޕްރީލްމަހު ކަމަށެވެ.

"ސްޓްރީޓް ޑާންސާ 3ޑީ" އަށް ބޮކްސް އޮފީހުގައި ކުރިމަތިވި ނާކާމިޔާބާއެކު ރޭމޯ އާއި އެ ފިލްމުގެ ބަތަލު ވަރުން ދަވަންގެ މެދުގައި މައްސަލަތަކެއް ޖެހިފައިވާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ތަންކޮޅެއް ކުރިން ރިޕޯޓް ކޮށްފައި ވެއެވެ. އެހެންވެ ރޭމޯ ދެން ފަށާ ފިލްމުގައި ވަރުން ބަތަލުގެ ބައި ނުކުޅޭނެކަން ޔަގީންވާ ކަމަށް ވެސް މި ޚަބަރުގައި ބުނެފައި ވެއެވެ.

"ސްޓްރީޓް ޑާންސާ 3ޑީ" އަކީ ވަރަށް ބޮޑު ބަޖެޓަކުން ވަރަށް ގިނަ ނެށުންތެރިން ވެސް ބައިވެރިކޮށްގެން ރޭމޯ އުފެއްދި ފިލްމެކެވެ. ފިލްމާ ގުޅުންހުރި މީހަކު މައުލޫމާތު ދީފައިވާ ގޮތުގައި ފިލްމުގެ ސެޓެލައިޓް ރައިޓްސް އާއި ލަވަތަކުގެ ރައިޓްސް އަދި ސްޓްރީމިން ރައިޓްސް އަށް ބޮޑު އަދަދެއް ލިބިފައިވާތީ ފިލްމަށް ކުރި ޚަރަދު ފޫބެދޭނެކަން ޔަގީންވާ ކަމަށެވެ.

މި ފިލްމުގެ ބަޖެޓަކީ ގާތްގަނޑަކަށް 100 ކްރޯޑެވެ. އިންޑިއާގައި މި ފިލްމަށް ކުރެވުނީ 75 ކްރޯޑުގެ ވިޔަފާރި އެވެ. ބޭރުގައުމުތަކުގެ ސިނަމާތަކުން ލިބުނު އަދަދާއެކު ޖުމްލަ 103 ކްރޯޑު މި ފިލްމަށް ލިބުނެވެ.