ކޮވިޑް-19 އިގެ ބަލި އަމިއްލައަށް ތަޖުރިބާކުރެވުނު ޑޮކްޓަރަކު މި ބަލި ޖެހޭ ގޮތާއި ބަލި ޖެހެން މެދުވެރިވާ ސަބަބާއި ބަލި ޖެހުމުން ދެން ވާގޮތްތައް ވަރަށް ރަނގަޅަށް އޭނާގެ ތަޖުރިބާގެ އަލީގައި ވަނީ ހިއްސާކޮށްފަ އެވެ. އޮންލައިންގައި ޑޮކްޓަރު ލިޔުއްވާފައިވާ ރިޕޯޓުގައި މި ބަލި ޖެހޭ މިހުންނަށް އެހާ ގަދަފަދަ ވޭނުގައި އުޅެން ޖެހެނީ ކީއްވެގެންކަން ވެސް އޮޅުން ފިލުވައިދީފައި ވެއެވެ.
ޑރ. ކްލާރޭ ގެރާޑޭ، 60، އަކީ އިނގިރޭސި ވިލާތުގައި މަސައްކަތްކުރާ ޖެނެރަލް ޕްރެކްޓިޝަނާ އެކެވެ. އޭނާގެ ހަށިގަނޑަށް ކޮރޯނާވައިރަސް އަރައިގެން ކުރެވުނު ތަޖުރިބާ ޑޮކްޓަރު ސިފަ ކުރައްވަނީ "ދުވަހަކުވެސް ތަޖުރިބާ ކުރެވިފައި ނެތް ފަދަ ވޭނެއް" ގެ ގޮތުގަ އެވެ. އަދި "ދަރިން ވިހާއިރު އަޅާ ވޭނަށް" ވުރެ ވެސް ގަދަފަދަ ވޭނެއްގެ ގޮތުގަ އެވެ.
ނަސީބަކުން ޑރ. ކްލާރޭ މިހާރު ވަނީ މި ބަލިން މުޅިން ފަސޭހަވެފަ އެވެ. އެހެންވެ އޭނާއަށް ވުރެ ބޮޑަށް މި ބަލީގެ ވާހަކަތައް ކިޔައިދޭން އެނގޭ މީހަކު މަދުވާނެ ކަމަށް ބެލެވެ އެވެ. އޭނާ ވަނީ ވައިރަސް ހަށިގަނޑަށް ހަމަލާ ދޭން ފެށުމުން ކުރެވުނު އިހްސާސް ތަކާއި އެ ބަލި ޖެހުމުން އެހާ ހާލަތު ގޯސްވާ ސަބަބު ވަރަށް ތަފްސީލުކޮށް ކިޔައިދެއްވާފަ އެވެ.
ބަލި ޖެހުމުން އަރިދަފުސް ރޯގާ ޖެހި ހުން އަންނަނީ ކީއްވެ ކަމާއި ކަރުތެރެ ހަލާކުވެ ބޭރަށް ހިންގަނީ ކީއްވެގެން ކަން ވެސް އޭނާ އޮޅުން ފިލުވައިދީފައި ވެއެވެ. މިކަންތައްތައް ރަނގަޅަށް ދެނެގަތުމަށްޓަކައި ވައިރަސް އަހަރެމެންގެ ހަށިގަނޑަށް ވަންނަ ގޮތާއި ހަށިގަނޑުގެ ކޮންޓްރޯލް އަތުލާގޮތް އެނގުން މުހިއްމެވެ.
ކޮވިޑް-19 އަށް ވެސް އެހެނިހެން ވައިރަސް ތަކެކޭ އެއްފަދައިން ހޯސްޓެއް ބޭނުންވެ އެވެ. ނޫންނަމަ ބިސްއަޅާނެ ހާއްޔެއް ބޭނުންވެ އެވެ. މިފަހަރު ހާއްޔަކަށް މިވީ އިންސާނާގެ ހަށިގަނޑެވެ. އިތުރު ވައިރަސްތައް އުފައްދައި އެކި ދިމާދިމާލަށް ފެތުރުމަށެވެ.
ވައިރަހަކީ އަސްލު ޖެނެރަލް މެޓީރިއަލް އެކެވެ. އޭގެ އަމިއްލަ ޒާތުގައި އެއްވެސްކަމެއް ނުކުރެވޭ އެއްޗެކެވެ. މަރުނުވެ ވައިރަހުގެ ދަރިފަސްކޮޅު އިތުރުކުރުމަށްޓަކައި ދިރިހުރި ހަށިގަނޑަށް މި ވައިރަހަށް ބޭނުންވެ އެވެ. ނޫންނަމަ ވަރަށް އަވަހަށް މަރުވާނެ އެވެ.
ވައިރަސް އަކީ ބެކްޓީރިއާ އާ އެއްގޮތް އެއްޗެއް ނޫނެވެ. ވައިރަހަށް ކެއުމެއް، ބުއިމެއް، ބޭނުމެއްނެތް ބައި ބޭރު ކުރުމެއް، ނުވަތަ އަރާމު ކުރުމެއް ބޭނުމެއް ނުވެ އެވެ. ވައިރަހުގެ ހަމައެކަނި ވަޒީފާއަކީ އަމިއްލައަށް ޑުޕްލިކޭޓް ކޮށްގެން އޭގެ ދަރިފަސްކޮޅު އިތުރު ކުރުމެވެ. ނަމަވެސް މިކަން ކުރެވޭނީ އެކަށީގެންވާ ދިރިހުރި ހަށިގަނޑެއް އަތުޖެހިގެންނެވެ.
ކޮވިޑް-19 އަކީ މިހާތަނަށް ފެނުނު ހަމައެކަނި ކޮރޯނާވައިރަހެއް ނޫނެވެ. މީގެން ކުރިން މާސް އާއި ސާސް ފަދަ ކޮރޯނާވައިރަހުގެ ވައްތަރުތައް ފެނިފައި ވެއެވެ. ހުރިހާ ވައްތަރެއްގެ ކޮރޯނާވައިރަހެއް ވެސް އިންސާނުންގެ ގަޔަށް ނަގުލުވަނީ ޖަނަވާރުންގެ ފަރާތުންނެވެ. މިފަހަރުގެ ކޮރޯނާވައިރަހަކީ ވެސް ޗައިނާގެ ވައިޑްލައިފް މާރުކޭޓުގައި ހުރި ޖަނަވާރުން އިންސާނުންގެ ގަޔަށް ނަގުލުވީ އެއްޗެއް ކަމަށް ބެލެވެ އެވެ.
ކޮވިޑް-19 އިންނަނީ ތާޖެއްގެ ސިފައިގަ އެވެ. އަދި ސްޕައިކްތަކެއް ހެން އޭގެ ވަށައިގެން އެއްޗެހިތަކެއް ދިއްވެފައި ހުރެ އެވެ.
އެހެން ވައިރަސް ފަދައިން ކޮވިޑް-19 ވެސް އިންސާނުންގެ ގަޔަށް ވާސިލުވުމުގެ މައި މަގަކީ ޑްރޮޕްލެޓްސް ނުވަތަ ދިޔަތިއްކެވެ. ހަށިގަނޑަށް ވައިރަސް ވަދެފައިވާ މީހަކު ކެއްސާ، ކިނބިހިއަޅާ ހެދުމުން ބޭރުވާ ދިޔަ ތިކިތަކެވެ. ހަށިގަނޑުން ބޭރުވާ މި ފެންތިކިތަކުގައި ގިނަ އަދަދަކަށް ވައިރަސް ހުރެ އެވެ. އެހެންވެ އެހެން މީހުން ނޭވާލާއިރު އާއިރު މިފަދަ ފެންތިކި ވެއްޓި ޖެހިފައި ހުންނަ ތަނެއްގައި އަތްލެވިފައި ހުރެ އެމީހުންގެ މޫނުގައި އަތް ލެވިއްޖެނަމަ ނޫންނަމަ ނޭވާ ލެވިއްޖެނަމަ އެ މީހެއްގެ ގަޔަށް ވެސް އެ ވައިރަސް ވަންނާނެ އެވެ.
ކޮރޯނާވައިރަސްގެ ދަތުރު
ނޭވާލުމުގެ ތެރޭގައި ނަމަވެސް ކޮރޯނާވައިރަސް ހަށިގަނޑަށް އެތެރެ ވުމާއެކު އޭތި ވަރަށް ހަލުއި ކަމާއެކު އެމީހެއްގެ ކަރުތެރެއާއި ނޭފަތުގެ ތެރެއަށް ދަތުރުކުރެ އެވެ. ނޭފަތާއި ކަރުތެރޭގެ ބޭރު ތުނި ފަށަލައަށް ކިޔަނީ މިއުކޯސާ އެވެ. މި ވައިރަސްތައް ގޮސް ތަތްކޮށްލައިގެން ތިބެނީ އެތަނުގަ އެވެ. އެތާ ތިބެގެން އޭގެ މަސައްކަތްގަނޑު ފަށައިގަންނަނީ އެވެ.
ކޮވިޑް-19 ވައިރަސް ނޭފަތުގެ ތެރެއަށް ވާސިލުވުމާއެކު ނޭވާ ދަތުރުކުރާ ހޮޅީގައި ހުންނަ ސެލްތަކަށް ވެރިވެގަނެ އެވެ. އެ ސެލްތަކުގެ ތެރެއަށް ވަދެ އެ ސެލްތައް އަލުން ޕްރޮގްރާމް ކުރެ އެވެ. އެ ސެލްތައް ކުރާ މަސައްކަތް ހުއްޓުވައި ކޮވިޑް-19ގެ ވައިރަސް އުފެއްދުމަށް އެކަނި ފޯކަސް ކުރުވުމަށެވެ.
އެއާއެކު ވައިރަސް އުފެއްދުމުގެ މަސައްކަތް ފަށަ އެވެ. ކޮންމެ ސެލްއަކަށް ވެސް އެ ސެލްއަކަށް ހިފެހެއްޓޭ ވަރަށް ވުރެ ގިނަ ވައިރަސް އުފެއްދުމުން ވައިރަސްތައް ގޮއްވާލާ ކައިރީގައިވާ އަވަށްޓެރި ސެލްތަކަށް ފޮނުވާލަ އެވެ. އެއާއެކު އަވަށްޓެރި ސެލްތަކުން ވެސް ހަމަ ކުރީ ސެލްތައް ފަދައިން ސެލް އުފެއްދުމުގެ މަސައްކަތް ފަށަ އެވެ. މި ސައިކަލް މިގޮތަށް ރިޕީޓްވަމުން ހަށިގަނޑު ހިސޯރުކުރަމުން ގެންދެ އެވެ.
ކަރުތެރެ ހަލާކުވެ ހިކި ކެއްސުމެއް ކެއްސަން ފަށަނީ ނޭފަތާއި ކަރުތެރޭގައިވާ ސެލްތައް ހަލާކުވެގެން ދިއުމުގެ ސަބަބުންނެވެ. ކަރުތެރެއަށް އެވާ ތަދަކީ ކަރުގައިވާ ސެލްތައް ވަރަށް ބޮޑަށް ބަލިކަށި ހަލާކުވެފައިވާ ކަމުގެ ނިޝާންތަކެވެ.
ދެން އަންނަން ފަށަނީ ހުމެވެ.
ހަށިގަނޑަށް ބޭރުން ކޮންމެވެސް އެއްޗެއް ވަދެ ހަމަލާ ދެމުންދާކަން އެ މީހާގެ ދިފާއީ ނިޒާމަށް ދެނެގަނެވެނީ މިހިސާބުންނެވެ. މިހާއިރު ވަންދެންވެސް ދިފާއީ ނިޒާމަށް ރޭކާ ނުލާ ހުރި ސަބަބަކީ ފޮރިން ބޮޑީއެއް ހަށިގަނޑަށް ވަނުމުން ދިފާއީ ނިޒާމަށް އެކަން ދެނެގަނެ އެކަމަށް ފިޔަވަޅުއަޅަން ވަގުތު ބޭނުންވާތީ އެވެ. ނަމަވެސް ދިފާއީ ނިޒާމުން ހަށިގަނޑު ސަލާމަތްކުރުމުގެ މަސައްކަތް ފެށުމާއެކު މެމޮރީ ސެލްތަކެއް ވެސް އުފައްދަ އެވެ. މީގެ މާނައަކީ ކުރިމަގުގައި ހަށިގަނޑަށް ވައިރަސްތައް ހަމަލާދީފިނަމަ މާ އަވަހަށް އެކަން އެނގި ދިފާއުގައި ހަމަލަ ދޭނެ އެވެ.
ދިފާއީ ނިޒާމުގެ މަސައްކަތް ފަށައިގަނެ ޕައިރޯޖަންސް ކިޔާ ކެމިކަލެއް އެ ނިޒާމުން ދޫކޮށްލަ އެވެ. ހަށިގަނޑުގެ ހޫނުމިން މަތިކުރުމަށް ސިކުނޑިއަށް އަންގަނީ މި ކެމިކަލުންނެވެ. އެއާއެކު ހުން އަންނަން ފަށަ އެވެ. 37.8 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް ހުން ގަދަވެ އެވެ.
ހުން އަންނަން ފެށުމުން އިންސާނާގެ ހަށިގަނޑުގެ އެހެން ބައިތަކުގައިވާ ދިފާއީ ނިޒާމުގެ ބައިތަކުގެ މަސައްކަތް ފަށަން އެހީތެރިކަން ލިބެ އެވެ. އަދި ވައިރަހަށް ދިރިހުންނަން އުނދަގޫވާ ކަހަލަ މާހައުލެއް ހަށިގަނޑުގެތެރޭގައި އުފައްދަން މަސައްކަތް ފަށަ އެވެ. ހަގީގަތުގައި ހުމަކީ ހަށިގަނޑުގައިވާ އިންފެކްޝަނަކާ ހަނގުރާމަކުރަން އަންނަ އެއްޗެކެވެ. ނަމަވެސް ހުން އައުމުން މާ ބޮޑަށް ބަލިވާކަމުގެ އިހްސާސް ވާތީ ކޮންމެ މީހަކުވެސް ހުން މައިތިރިކުރަން ވަރަށް ބޮޑަށް އުޅޭނެ އެވެ.
ކޮވިޑް-19ގެ ސަބަބުން މާބޮޑަށް ވަރުދެރަވެ ބަލިހާލު ބޮޑުކޮށްލަނީ މި ވައިރަސްތައް ހަށިގަނޑުގައި އިތުރުވަމުންދާލެއް ހަލުވިކަމާއި ސެލްތައް ހަލާކުކޮށް ހަށިގަނޑު ހިސޯރުކޮށްލާލެއް ބާރު ގަދަކަމުންނެވެ.
ނަސީބަކުން ހުން އައިސް ކެއްސާ، ރޯގާ ޖެހި، ކަރުތެރެ ހަލާކުވެ ކަންތައްތައް ވުމަށްފަހު ގިނަ މީހުންނަށް މި ބަލިން ސަލާމަތް ވެވެއެވެ. ސަބަބަކީ ވައިރަސް ހަށިގަނޑަށް ވަންނަތާ ފަސް ދުވަހާއި ހަތް ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި އެ މީހާގެ ދިފާއީ ނިޒާމަށް ވައިރަސް ތަކާ ހަނގުރާމަކޮށް އެ އެއްޗެތި ފަނާކޮށްލެވޭތީ އެވެ. ހުރިހާ ވައިރަސް ފަނާވުމުން އެ މީހާ ބަލިން ފަސޭހަ ވަނީ އެވެ.
ސީރިއަސް ހާލަތަކަށް މީހާ ދާ ސަބަބު
ބައެއް މީހުންގެ ދިފާއީ ނިޒާމު އެހާ ވަރުގަދައެއް ނޫނެވެ. އެހެންވީމާ ވައިރަހަށް އެކަށީގެންވާ ގޮތަކަށް ހަމަލާދިނުމުގެ ގާބިލުކަން ނުހުންނަ މީހުންނަށް މާ ބޮޑުވަރު ވަނީ އެވެ. ތަފާތު ބޮޑެތި ބަލިތައް ޖެހިފައިވާ މީހުންނާއި އިމިއުން ސިސްޓަމް ބަލިކަށި މީހުންގެ ހަށިގަނޑުގެ އިތުރު ހިސާބުތަކަށް ވައިރަހަށް ދަތުރުކުރެވެނީ ދިފާއީ ނިޒާމުގައި އެ ވައިރަހާ ހަމަލާ ދޭ ވަރުގެ ގާބިލްކަން ނެތުނީމަ އެވެ.
އެގޮތުން ވައިރަސް ކޮޕީކުރަމުން ހަށިގަނޑުގެ އެހެން ހިސާބުތައް ހިސޯރުކުރަމުން ގޮސް އެމީހާގެ ނޭވާލާ ނިޒާމުގެ ތެރެއިން ފުއްޕާމެޔަށް ވާސިލުވެ އެވެ. އަދި ފުއްޕާމޭގައި ހުރި ސެލްތަކަށް ވަދެ އެވެ. އެކަމުގެ ސަބަބުން ފުއްޕާމެއަށް އޭގެ މަސައްކަތްކުރަން ދަތިވެ އެވެ. އޮކްސިޖަން ހަށިގަނޑުގެ ތެރެއަށް ވެއްދުމާއި ކާބަންޑައިއޮކްސައިޑް ހަށިގަނޑުން ބޭރު ކުރުމުގެ މަސައްކަތެވެ. އެހެންކަމުން ފުއްޕާމޭގެ މަސައްކަތަށް ބާރު ބޮޑުވެ އެމީހާގެ ނޭވާ ކުރުވާގޮތް ވަނީ އެވެ.
ކޮރޯނާވައިރަސްގެ ސަބަބުން ނޭވާލާން އުނދަގޫ ވަނީ މި ސަބަބާ ހުރެ އެވެ. އަހަރެމެން ނޭވާލާން ބޭނުންވާ މުހިއްމު ސެލްތައް ވައިރަސް ވަދެ ހަލާކު ކޮށްލާފައިވާތީ އެވެ.
މިފަދަ މީހުންނަށް މޭ ފިތޭ ކަހަލަ އިހްސާސެއް ވެއެވެ. އެނދުން ތެދުވާނެ ހަކަތަ ވެސް ނުހުންނަ ވަރަށް ހަށިގަނޑު ބަލިކޮށްލަ އެވެ. ސަބަބަކީ ހަށިގަނޑުގައިވާ ހުރިހާ ހަކަތައެއް އޭރު މަސައްކަތްކުރާ ވައިރަހާ ހަނގުރާމަ ކުރަން ކަމަށް ވާތީ އެވެ.
ފުއްޕާމޭގެ އިތުރު ބައިތަކަށް މި ވައިރަސް ހަމަލަދީ އެ ބައިތައް ހިސޯރު ކުރަން ފެށުމުން ފުއްޕާމޭ ދުޅަވެ، ފެނާއި ދޮހުން ފުރެން ފަށަ އެވެ. އެހިސާބުން އެމީހާއަށް އެ ނިއުމޯނިއާ ޖެހުނީ އެވެ.
ފުއްޕާމޭ އިތުރަށް ދުޅަވާން ފެށުމުން އެއްގޮތަކަށް ވެސް ނޭވާ ނުލެވެން ފެށުމުން ދެން ޖެހެނީ ވެންޓިލޭޓަރަށް ލައިގެން މެޝިންގެ އެހީގައި ނޭވާ ލައްވާށެވެ. މިފަދަ ހާލަތުގައި ފުއްޕާމެއަށް ގޮތް ހުސްވެ އޭގެ މަސައްކަތް ހުއްޓާލުމުން އެ މީހެއްގެ ފުރާނަ ދަނީ އެވެ.
ކޮވިޑް-19 ޖެހޭ ބައެއް މީހުންނަށް ބޭރަށް ހިންގުމުގެ މައްސަލަތައް ދިމާވެ އެވެ. މިހެން ދިމާވަނީ ނޭފަތު ތެރެއިން ލާފައި ވައިރަސް ބައެއް ފަހަރަށް ގޮހޮރަށް ދަތުރުކޮށް ގޮހޮރުގެ ސެލްތަކަށް ހަމަލާދޭތީ އެވެ. އެހެންކަމުން ބޮޑުކަމުދާ ނަޖިހާއެކު ވައިރަސް ހަށިގަނޑުން ބޭރުވުމުގެ ކޮންމެވެސް ވަރެއްގެ ނުރައްކަލެއް އޮތް ކަމަށް ސިއްހީ ތަޖުރިބާކާރުން މިހާރު ގަބޫލު ކުރެ އެވެ.
މި ވައިރަހާ ގުޅޭގޮތުން ކޮންމެ ދުވަހަކުވެސް ކޮންމެވެސް އާ ކަންތައްތަކެއް ދަސްވެ އެވެ. ކޮންމެއަކަސް މީގައި އޮތް ހަމައެކަނި ހިތްހަމަޖެހުމަކީ ބަލި ޖެހޭ މީހުންގެ ހަށިގަނޑުގައި މި ވައިރަހަށް ހަމަލަދޭނެ ގާބިލްކަން އުފެދުމެވެ.