ބޭރު ކުޅިވަރު

މެސީ އަނެއްކާ ވެސް ފިރިހެން ކުއްޖެއް

Sep 11, 2015

ބާސެލޯނާ އާއި އާޖެންޓީނާގެ ފޯވަޑް ލަޔޮނަލް މެސީ އަށް މިއަދު އަނެއްކާ ވެސް ފިރިހެން ކުއްޖަކު ލިބިއްޖެ އެވެ.

މެސީގެ އަންހެނުން އަންޓޮނެއްލާ ވިހެއީ ބާސެލޯނާ ނިސްބަތްވާ ސްޕޭނުގެ ކެޓަލޯނިއާގެ ގައުމީ ދުވަސް ކަމަށްވާ މިއަދު ހެނދުނު އެވެ. މި ދަރިފުޅުގެ ނަމަކީ ބެންޔަމިން އެވެ. މިހެންވެ މިއަދު ހެނދުނު އޮތް ބާސެލޯނާގެ ފަރިތަކުރުންތަކަށް ވެސް މެސީ ހާޒިރެއްނުވެ އެވެ. ނަމަވެސް މާދަމާރޭ އެތްލެޓިކޯ މެޑްރިޑާ ދެކޮޅަށް ބާސެލޯނާ ކުޅޭ މެޗުގައި މެސީ ފެންނާނެ ކަމަށް ކޯޗު ލުއިސް އެންރީކޭ ވަނީ ބުނެފަ އެވެ.

"މެސީ މެޗުގައި ކުޅޭނެ. އޭނާގެ ނަން ވަނީ ލިސްޓުގައި ހިމަނާފައި. އޭނާގެ އަމިއްލަ ސަބަބުތަކެއް ހުރުމާއެކު މިއަދު ޕްރެކްޓިހަށް ހާޒިރުނުވީ ކުލަބުން ހުއްދަދީފައި އޮތުމުން،" މެޗުގެ ކުރިން ބޭއްވި ޕްރެސްކޮންފަރެންސްގައި އެންރީކޭ ބުންޏެވެ.

އާޖެންޓީނާގެ ކެޕްޓަން އުމުރުން 28 އަހަރުގެ މެސީ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު މި އަހަރު ލިބުން އެންމެ ގާތް ކުޅުންތެރިޔާ އެވެ. މިހާތަނަށް ހަޔަރު ފަހަރު މި މަގާމު ހޯދާފައިވާ މެސީގެ ފުރަތަމަ ދަރިފުޅު ތިއާގޯ އަށް އަންނަ ނޮވެމްބަރު މަހު ތިން އަހަރު ފުރޭނެ އެވެ.