ރާއްޖޭގެ އިގްތިސޯދު ހަމައެކަނި ފަތުރުވެރިކަމާއި އިމްޕޯޓަށް ބަރޯސާކޮށްގެން ތިބެވެން ނެތްކަން މިހާރު ސާފްވެފައިވާ ކަމަށާއި ދަނޑުވެރިކަން ކޮށްގެން ކެއިންބުއިމުގެ ކަންކަން ހަމަޖެއްސޭ މިންވަރަށް ފުދުންތެރިކަން އިތުރުކުރަންވީ ވަގުތު ޖެހިފައިވާ ކަމަށް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ރަޝާދު ވިދާޅުވެއްޖެ އެވެ.
އަމްރު މިހެން ވިދާޅުވީ އެސްޓީއޯ އާއި ފިޝަރީޒް މިނިސްޓްރީ ގުޅިގެން ދަނޑުވެރިންނަށް ލިބޭ ގެއްލުން ކުޑަކޮށް ދަނޑުވެރިން އުފައްދާ ތަކެތި ގައުމަށް އުފައްދާފައިވާ ޕްލެޓްފޯމުގެ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
އަމްރު ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން މުޅި ދުނިޔޭގެ އިގްތިސާދު އަޑިއަޅާފައިވާ މި ދަނޑިވަޅުގައި، ރާއްޖޭގެ އިގްތިސޯދު ފަތުރުވެރިކާމާއި އިމްޕޯޓަށް ބަރޯސާކޮށްގެން ތިބެވެން ނެތް ކަން މިއަދު ވަރަށް ސާފު ވެގެން ގޮސްފައިވާ ކަމަށެވެ. އެހެން ކަމުން އެ ގައުމަކަށް ބޭނުންވާ ކާބޯތަކެތީގެ ތެރެއިން އެ ގައުމެއްގައި ހެއްދޭ އެއްޗިހި ހައްދައި އެހެން ގައުމުތަކަށް ބަރޯސާނުވެ އުޅެވޭނެ މިންވަރަށް ފުދުންތެރިކަން އިތުރު ކުރަންޖެހިފައިވާ ކަމަށެވެ.
މިކަން ހައްލު ކުރުމަށްޓަކައި މިހާރު ކުރެވެން އޮތް އެންމެ މުހިންމު ކަމަކީ ދަނޑުވެރިކަން ކުރިއެރުވުން ކަމަށާއި އެގޮތުން ދަނޑުވެރިންނަށް އާމްދަނީ ލިބޭނެ ގޮތްތައް ފަހިކޮށްދޭން ޖެހޭނެ ކަމަށް އަމްރު ވިދާޅުވި އެވެ. އަދި ވިދާޅުވީ މިދިޔަ އަހަރު ފެށުނީއްސުރެން ދަނޑުވެރިންކަން ކުރިއެރުވުމަށްޓަކައި ފިޝަރީޒް މިނިސްޓްރީ އާއި ގުޅިގެން ތަފާތު އެކި އެކި މަސައްކަތްތަށް ކުރެވެމުންދާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ރިސޯޓުތަކަށް ދަނޑުވެރިން ހައްދާ އުފެއްދުތައް ފޯރުކޮށްދިނުމަށް އއ. ތޮއްޑޫގައި އެކަމަށް ހާއްސަ ސެންޓަރެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާއިރު އެތަން މިއަހަރު މެއި މަހުގެ އެއްވަން ދުވަހު ހުޅުވާނެ ކަމަށެވެ.
އަމްރު ވިދާޅުވީ މީގެ ކުރިން ދަނޑުވެރިން ހައްދާ ތަކެއްޗަށް ރަނގަޅަށް އާމްދަނީ ނުލިބޭ ކަމަށާއި އެހެން ކަމުން ގިނަ ބަޔަކު މިކަމަށް މާބޮޑު ޝައުގުވެރިކަމެއް ނުދޭ ކަމަށެވެ.
"މީގެ ކުރިން ދަނޑުވެރިން އެ ހައްދާ މޭވާއެއް ނުވަތަ ތަރުކާރީއެއް ނުވަތަ އެނޫންވެސް އެއްޗެއް ހައްދަން ފެށުމުގެ ކުރިން އެއަށް ލިބޭނެ އަގެއް ނޭނގޭނެ. އަދި ރަނގަޅު އަގެއް ނުލިބޭތީ ގިނަ މީހުން މިކަން ކުރަންވެސް ބޭނުން ނުވޭ. އެކަމަކު އަޅުގަނޑުމެން ދަނޑުވެރިންނަށް ހާއްސަކޮށްފައިވާ މި ޕްލެޓްފޯމްގައި ދަނޑުވެރިން އެ އުފައްދަން ބޭނުންވާ އެއްޗެއް ކުރީބައިގަ އަޅުގަނޑުމެންނަށް އެންގޭނެ. އެންގީމަ އެއަށް އަޅުގަނޑުމެން އެކަށީގެންވާ އަގެއް ބުނާނަން. އެހެންވީމަ ވަގުތުން މި އުފައްދާ ތަކެއްޗަށް ފައިސާ ލިބިގެންދާނެ." އޭނާ ވިދާޅުވި އެވެ.
އަމްރު ވިދާޅުވީ ދަނޑުވެރިން އުފައްދާތަކެތި ބަލައިގަތުމަށް މިހާރު ނޯތު ހާބަރުގައި އެގްރި ސެންޓަރެއް ގާއިމްކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދާ ކަމަށެވެ. އަދި މިއަދުން ފެށިގެން މި އުފެއްދުންތަށް ބަލައިގަންނަން ރެޖިސްޓްރީ ކުރެވޭނެ ކަމަށެވެ. ދަނޑުވެރިއެއް ކަން އަންގައި ދިނުމަށް އެކުންފުނީގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކަށް މިކަމަށް ހާއްސަ ފޯމެއް މިހާރު އެސްޓީއޯގެ ވެބްސައިޓުންވެސް ލިބެން ހުންނާނެ އެވެ. އަދި އަތޮޅުތެރޭގައި ހުންނަށް އެކުންފުނީގެ ފިހާރަތަކުންނާއި ފާމަސީތަކުންވެސް ލިބޭނެއެވެ. މި ފޯމުތައް ފުރުމަށްފަހު އެކުންފުންޏަށް ވައިބާ އަދި ވަޓްސްއެޕް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށާއި ނުވަތަ އެސްޓީއޯގެ ފިހާރަތަކާއި ބޭސް ފިހާރަތަކަށް ހުށަހެޅުމުން ތިންދުވަސްތެރޭގައި ރެޖިސްޓްރީ ކޮށްދޭއިރު ރަޖިސްޓްރީވުމަށްފަހު ކޮންމެ ދަނޑުވެރިޔަކަށްވެސް އެ ދަނޑުވެރިޔަކަށް ހާއްސަ އައިޑީއެއް ލިބޭނެ ކަމަށް އަމްރު ވިދާޅުވި އެވެ.
އަމުރު ވިދާޅުވީ މީގެ ކުރިންވެސް ހަނޑޫ ހައްދާފައިވާއިރު މިހާރުވެސް ރާއްޖޭގައި ހައްޑޫ ހެއްދޭނެ ކަމަށެވެ. ހަނޑޫ ހައްދާ ފަރާތްތަކުގެ އަތުން އެކުންފުންނިން ރަނގަޅު އަގެއްގައި ގަންނާނެ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ ގޮދަން ގަނެގެން ގޮދަން ފުށް އުފައްދަން މިހާރު މަސައްކަތްތަކެއް ކުރަމުން ގެންދަވާ ކަމަށެވެ.
އެގްރި ސެންޓާގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތް ހާމަކުރަމުން އެސްޓީއޯ އިން ބުނީ މިގޮތަށް އުފައްދާ ތަކެތި މާލެ ފޮނުވާލާއިރު އެތަކެއްޗަކީ ކޮން ދަނޑުވެރިއެއްގެ ތަކެއްޗެއްކަން އެނގޭނެ ގޮތަށް ބަންދުކޮށް ލޭބަލް ކުރަންވާނެ ކަމަށެވެ. އަދި ފޮނުވަނީ ކިހާ އަދަދެއްގެ އެއްޗިހިކަން އެކުންފުންޏަށް އަންގަން ޖެހޭނެ ކަމަށެވެ. އަދި މިތަކެތި މާލެ އައުމުން ހަލާކުވެފައިވާ ތަކެތި ނަގައި އަލުން ކިރާނެ ކަމަށާއި އެހުރިހާ މައުލޫމާތެއް ދަނޑުވެރިޔާއަށް ފޯރުކޮށްދީ އެތަކެއްޗަށް ލިބޭ ފައިސާ ދެ ދުވަސްތެރޭގައި ޖަމާކޮށްދޭނެ ކަމަށެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ މިހާތަނަށް ހަ މީހަކަށް ރާއްޖޭގައި ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ތަމްރީނު އިންޑީއާއިން ދީފައިވާ ކަމަށެވެ. އަދި ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ރަށްތަކަށް މި ހަ މީހުންގެ ފަރާތުން ތަމްރީނު ފޯރުކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.
ޒަހާ ވިދާޅުވީ މިހާރުވެސް ދަނޑުވެރިކަމާބެހޭ ތަމްރީނު ޕްރޮގްރާމްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންގޮސްފައިވާ ކަމަށާއި އެމަސައްކަތް މެދުކަނޑާލައިފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން ކަމަށެވެ. އަދި އަލަށް ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ތަކެތި އިކޮނޮމިކް މިނިސްޓްރީ އާއި ގުޅިގެން ފޯރުކޮށްދިނުމަށް މަޝްވަރާތަށް ކުރަމުންދާ ކަމަށެވެ.
ރާއްޖޭގެ ރިސޯޓުތަކުގައި މިހާރުވެސް ހައްދަމުންދާ އުފެއްދުންތަށްވެސް މާކެޓަށް ނެރެން ބޭނުންވާ ނަމަ އެކަމަށް އެހީތެރިވާނެ ކަމަށާއި އަދި ސަރުކާރުން އެތަކެތި ގަންނާނެ ކަމަށްވެސް ވިދާޅުވި އެވެ.