ބޭރު ކުޅިވަރު

ކީޕަރު އޮޕަރޭޝަން ކުރަންޖެހި ޗެލްސީއަށް އިތުރު ލޮޅުމެއް

Sep 11, 2015

އެއްވަނަ ކީޕަރު ތިބައޫ ކޯޓުއާގެ ފައި އޮޕަރޭޝަން ކުރަންޖެހުމަކީ ވަރަށް ބޮޑު ދެރައެއް ކަމަށާއި ގިނަ ދުވަސްތަކެއް ވަންދެން އޭނާ ކުޅުމާ ދުރުގައި ހުންނަންޖެހިދާނެ ކަމަށް އެ ކުލަބުން ބުނެފި އެވެ.

ކޯޗު ހޯސޭ މޮރީނިއޯ ބުނީ ދުނިޔޭގެ އެންމެ މޮޅު އެއް ގޯލްކީޕަރު އިންޖަރީގައި ހުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ.

"މިއީ ވަރަށް ބޮޑު ދެރައެއް. ދުނިޔޭގެ އެންމެ މޮޅު ގޯލްކީޕަރު އިންޖަރީގައި ހުރުމަކީ އެހާ ފަސޭހަކަމެއްނޫން. އަހަރެން ވަރަށް ދެރަވަން އޭނާއާމެދު އަދި މުޅި ޓީމާމެދު ވެސް. އެކަމަކު އަހަރުމެންގެ އެބަހުރި މޮޅު ކީޕަރެއް. ބެގޮވިޗް ދެން ގޯލަށް ކުޅޭނީ،" ޕްރެމިއާ ލީގުގައި މާދަމާ ހަވީރު އެވަޓަންއާ ދެކޮޅަށް ޗެލްސީ މާދަމާ ރޭ ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން މޮރީނިއޯ ބުންޏެވެ.

ބެގޮވިޗް އަކީ މި ސީޒަނުގައި ސްވަންސީ މެޗުގައި ކޯޓުއާ އަށް ރަތްކާޑު ދެއްކުމުން ޖެހިގެން އައި މެޗުގައި ވެސް ގޯލަށް ކުޅުނު ކީޕަރެވެ. އޭނާ ޗެލްސީ އަށް ގެނައީ 2004 އިން 2013 ވަނަ އަހަރާ ހަމައަށް ޗެލްސީގެ އެއްވަނަ ކީޕަރުކަންކުރި ޕީޓަ ޗެކް މިދިޔަ ސީޒަނަށް ފަހު އާސެނަލް އަށް ބަދަލުވުމުންނެވެ.