ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ސޯޝަލް މީޑިއާގައި އެންމެން ކިޔަވަނީ!

Apr 3, 2020

ގައުމުތަކުގެ ލާމެހިފައި އޮތް އޮތުމަށް ފާޑެއްގެ ނިމުމެއް އައިސްފައި ވަނީ ކޮވިޑް-19 އިގެ ވަބާއާއެކު އެވެ. މިއީ "ދުނިޔެ ހުއްޓުން" ފަދަ ކަމެކެވެ. ގައުމުތައް ބަންދުވެ، ދަތުރުފަތުރުު ހުއްޓުނީ އެވެ. އެންމެ ފަހުން ގޭ ބަންދުގައި ވެސް ތިބެން ޖެހުނީ އެވެ.

މި ގޮތަށް ބަންދުވުމަކީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެންމެ މުޖައްރިބު ވެސް ފަންޑިތަ އެވެ. އެހެން ކަމުން މަޖުބޫރުން ނަމަވެސް ދުނިޔޭގެ އެތައް ބިލިއަން މީހުން ގެއަށް ވަންނަން ޖެހުނީ އެވެ. ރާއްޖެވެސް އޮތީ އެ ހާލަތުގަ އެވެ.

ރާއްޖޭގައިވެސް ވަނީ ދިވެހި ތާރީހުގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކާ އިއުލާނު ކޮށްފަ އެވެ. އަދި އިއްޔެއިން ފެށިގެން ކޮންމެ ދުވަހަކު ކާފިއު ވެސް އެބަ ހިންގަ އެވެ.

ކޮވިޑުން ރައްކާތެރިވުމަށް ގެތަކުގައި ތިބެންޖެހޭތީ އެކަމަށް ހޭލުންތެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. ގޭގައި ތިބެން ކުރެވިދާނެ ކަންކަން ދަނީ ބުނެދެމުންނެވެ. އަދި ގޭގައި ތިބޭއިރު ކޮށްލާނެ ތަފާތު ކަންކަން ބުނެދީ ވާދަވެރިކަމުގައި އެކަންކަން ދަނީ ކުރަމުންނެވެ.

އެގޮތުން ރާއްޖޭގައި ވެސް އެފަދަ ޗެލެންޖެއް ފެށުނެވެ. ޗެލެންޖް ފައްޓަވާ، ވައިގައި ހިއްޕެވީ ގައުމުގެ އިސްވެރިން އިސްކޮށް ތިބެގެންނެވެ. ކުރެއްވި ކަމަކީ ޓޮއިލެޓް ޕޭޕަރު ރޯލުން ބޯޅަ ހަދައިގެން ކުޅެން ފެއްޓެވީ އެވެ. އަދި ވީޑިއޯކޮށް ސޯޝަލް މީޑިއާގައި ހިއްސާކު ރުމަށްފަހު އިތުރު ބަޔަކަށް ދައުވަތު ދެނީ އެވެ. ނާއިބު ރައީސާ، ވަޒީރުންނާއި، މަޖިލީސް މެންބަރުންނާއި، ސަފީރުން ފޯރީގައި ގެންދެވީ އެ ކުޅިވަރު ކުޅުއްވަމުންނެވެ. އިސާހިތަކު އެ ވީޑިއޯތައް ވައިރަލްވެ، ބައެއް ދިވެހިންވެސް އެ ކުޅިވަރު ފަށައިފި އެވެ.

ނަމަވެސް ދިވެހިންނާ މުޅި ގައުމުވެސް މި ތިބީ ކޮން ހާލަތެއްގައި ކަމެއް ގިނަ ދިވެހިން ހަނދާނެއް ނުނެތެ އެވެ. ގެއަށްވަދެ މިތިބީ ލޮލަށް ވެސް ނުފެންނަ ކުޑަކުޑަ ވައިރަސްއަކުން ސަލާމަތަށް އެދި، އިންސާނާގެ ބަލިކަށި ކަމުންކަން ހަނދާނަށް ގެނުވި އެވެ. އަދި މިއީ ބޭރުގެ ގައުމުތަކުން ފެންނަ ކުޅިވަރުތަކުގައި ޖެހި ސޯޓްބުރީގައި ޓޮއިލެޓް ޕޭޕަރު ރޯލުގައި ފައިން ތަޅަންވީ ވަގުތު ނޫންކަން އެ ދިވެހިން ދެނެގަތެވެ. އެހެންވެ އެކަމާ ދެކޮޅު ހެދިއެވެ.

ދެން ފެށުނީ ހަގީގީ ޗެލެންޖެވެ. ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ފެއްޓެވީ މުޅި ސޯޝަލް މީޑިއާ ކީރިތި ގުރުއާން ކިޔަވާ ވީޑިއޯތަކުން ފުރާލުމުގެ ޗެލެންޖެކެވެ. އެ ޗެލެންޖަށް ހިތްވަރު ދިނުމަށް ބައެއް އިލްމުވެރިންލައްވާ ވެސް ގުރުއާން ވިދާޅުވާ ވީޑިއޯތައް އާންމު ކުރެއްވި އެވެ. އޭގެ ތެރޭގައި ދިވެހިންގެ މެދުގައި އަދި މުޅި ދުނިޔޭގައި ވެސް އެންމެ މަގުބޫލް އެއް އިލްމުވެރިޔާ މުފުތީ މެންކު ކީރިތި ގުރުއާން ކިޔަވާ ވިދާޅުވާ ވީޑިއޯއެއް ހިމެނެ އެވެ.

ގުރުއާނުން ކޮންމެވެސް މިންވަރެއް ކިޔެވުމަށްފަހު ސޯޝަލް މީޑިއާގައި ވީޑިއޯ ހިއްސާކޮށް އިތުރު ބަޔަކަށް އެ ދައުވަތު ދޭންވީއެވެ. އަދި ގުރުއާން ވަކި މުއްދަތެއްގެ ތެރޭގައި ހަތިމުކުރުމަށް މަސައްކަތް ކުރަންވީ އެވެ.

މި ޗެލެންޖްވީ މި ހާލަތަށް އަދި އެނޫން ގޮތަކަށް ބެލި ނަމަވެސް ދިވެހިންނަށް އެންމެ ކަމުދިޔަ ޗެލެންޖަކަށެވެ. ކުދި ބޮޑު އެންމެންގެ ކިޔެވުންތަކުން ސޯޝަލް މީޑިއާ ފުރާލައިފި އެވެ. އޭގެ ތެރޭގައި ސިޔާސީ ބޭފުޅުން ވެސް ހިމެނިވަޑައިގަތެވެ.

ޔޫތު މިނިސްޓަރާއި ފުލުސް ސީޕީ އެވެ. ޕީއެންސީގެ ރައީސާއި ކުރީގެ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. އަދި މަޖިލީހުގެ ކުރީގެ މެންބަރުންނާއި، ގާރީންނާއި، އިލްމުވެރިންނާއި ކުދި ބޮޑު އެތައް ބައެއްގެ އަޑުން ގުރުއާން ރެކޯޑްކޮށް ވީޑިއޯ ހިއްސާ ކޮށްފި އެވެ.

ގުރުއާން ޗެލެންޖަށް ލިބުނު ބޮޑު ކާމިޔާބާއެކު ޝަހީމް ހުންނެވީ ބޮޑު އުފަލެއްގަ އެވެ. އެންމެ ބޮޑު އުފަލަކީ ދިވެހިންގެ ހިތްތަކުގައި އިސްލާމްދީނަށް ދެވިފައިވާ މަތިވެރި މަގާމު އިތުރަށް ހާމަވެގެން ދިއުމެވެ. ހާއްސަ އެތައް ކުޑަކުއްޖެއްގެ އަޑުން ގުރުއާން ރެކޯޑްކުރެވި އެއް ޕްލެޓްފޯމަކުން އަޑުއަހާލަން ފުރުސަތު ލިބުމެވެ. މިއީ ދަރިވަރުންގެ މެދުގައި ގުރުއާނަށް އިތުރަށް ލޯބި އުފެދި، ރީތިކޮށް ގުރުއާން ކިޔެވުމަށް މަސައްކަތް ކުރުމަށް އެ ދަރިވަރުންނަށް އެޅުނު ބާރެކެވެ.

އަދި މުޅި ދުނިޔެ މިހާރު އޮތް ހާލަތުގައި ކީރިތި ގުރުއާން ކިޔެވުން ހިތަށް ފިނިކަން ހޯދާ، މިވަބާ މުސީބާތުން ސަލާމަތްވުމަށް މާތްﷲ ގެ ހަޒުރަތަށް ދެންނެވުމަށް ދެ އަތް އުފުލާލުމަށް ވެސް ލިބުނު ފުރުސަތެވެ.