ލައިފްސްޓައިލް

އަދިވެސް ޑަލްގޯނާ ކޮފީ ނުގިރަންތަ؟

މިއީ ކޮފީއެއްގައި އިނދެ ނޫނަސް ކިޔައި ލެވިދާނެ ލިޔުމެކެވެ. ކޮފީ ނުބޯ މީހުނަށް ވެސްް މިހާރު މި "ޑަލްގޯނާ" ކޮފީ އެއް އެނގޭނެ އެވެ. މުޅި ދުނިޔެ އައިސޮލޭޝަންގައި އޮތްއިރު ސޯޝަލް މީޑިއާ ފުރާލީ މި ކޮފީ ތަށިންނެވެ. ކިރު ތައްޓެއްގެ މައްޗަށް ކޮފީ ފޮނުގަނޑެއް އަޅާލައިގެނެވެ. އެކަމަކު ބަލާލަން ވެސް، ފޮޓޯއެއް ނަގާލަން ވެސް ވަރަށް ފުރިހަމަ އެވެ.

ކޮވިޑް-19 އާއެކު ގޭ ބަންދު ޗެެލެންޖްތަަކުގެ ރަހަ ހެޔޮވަރު ކޮށްލި އެކައްޗަަށް މި ކޮފީތަށި ވެސް ވެފައި ވެއެވެ. ރާއްޖެ ބަދިގެތަކަށް ވެސް އައިސް އެންމެންގެ އިންސްޓަގްރާމުންނާއި ފޭސްބުކް އަދި ވައިބާގައި ވެސް މިކަހަލަ ކޮފީތައްޓެއް ހަދާފައި ފޮޓޯ ނަގައި ހިއްސާ ކުރެ އެވެ. އެކަމާ ހިތްހަމަ ނުޖެހި ބައެއް މީހުން، އަދިވެސް "ތި ޑަލްގޯނާ ކޮފީ ގިރަނީހޭ؟" އަހައި މަލާމާތެއްވެސް ކުރެ އެވެ. އެކަމަކު، އެންމެން މި ކޮފީ ބޯން މިއުޅެނީ ކީއްވެ ހެއްޔެވެ؟

ފުރަތަމަ ކަމަކަށް، ކޮފީއަކީ ބައެއް ދިވެހިންނަށް އެއާ ނުލާ ނޫޅެވޭނެ ވަރުގެ އެއްޗެކެވެ. ބޭރަށް ކޮފީބޯން ނުދެވޭތީ ގޭގައި ތައްޔާރު ކުރާ ކޮފީތަށި ތަފާތު ވާން އެބަ ޖެހެ އެވެ. މި ކޮފީގެ އަވައިގައި އެތައް ބަޔަކު ޖެހުނީ ކޮފީ ތަށި ގިރާ ނިންމާލުމުން ހުންނަ ގޮތް ރީތި ވެފައި ފޮޓޯތައް ވެސް ރީތި ކޮށްދޭތީ އެވެ. ޕާފެކްޓް އިންސްޓަގްރާމް ޝޮޓް އެކެވެ!

ސައުތު ކޮރެއާގެ އުފެއްދުމެއްގެ ގޮތުގައި ބައެއް މީހުން ބުނާ މި "ޑަލްގޯނާ ކޮފީ" ހަދަނީ ވަކި ތަފާތު އެއްޗެއް ބޭނުން ކޮށްގެނެއް ނޫނެވެ. ދެތިން އިންގްރީޑިއަންޓުން މި ކޮފީ ތައްޔާރު ކުރެވޭނެ އެވެ.

މި ކޮފީ އަށް ބޭނުންވަނީ

  • ދެ ސަަމްސާ ކޮފީ
  • ދެ ސަމުސާ ހަކުރު
  • ތައްޓެއްގެ ކިރު

ކޮފީ ހަދާނެ ގޮތަކީ، ބޯތައްޓެއްގައި ކޮފީއާއެކު ހަކުރު އެއްކޮށް، އޭގެ ތެރެއަށް ދެ ސަމްސާ ހޫނު ފެން އެޅުމަށްފަހު ގިރާލާނީ އެވެ. ސަމްސަލަކުން ނޫނީ ހޭންޑް މިކްސަރެއް ވެސް މި ކަމަށް ބޭނުން ކުރެވިދާނެ އެވެ. ގިނަ އިރު ގިރައިގެން އޭގެ ފޮނުގަނޑު ބޮޑު ކުރެވޭނެ އެވެ. ފޮނި ކާއެއްޗެހީގައި ބޭނުންކުރާ ވިޕް ކްރީމް ހުންނަ ޓެކްސްޗާ އަންނަން ދެނެވެ.
އެއަށްފަހު ހޫނު ނުވަތަ ފިނި ކިރުތައްޓަކަށް ކޮފީ ފޮނުގަނޑު އަޅާނީ އެވެ. މައްޗަށް ފުނޑުކޮށްފަައި ހުރި ކޮފީ ކޮޅެއް އަޅައި އިތުރަށް ރީތިވެސް ކޮށްލެވިދާނެ އެވެ. މިއީ އެހާވެސް ސިމްޕަލް ކޮފީ އެކެވެ.

ރެސިޕީ ތަފާތު ކޮށްލުމުގެ ގޮތުން، ބައެއް މީހުން ކޮފީގެ ބަދަލުގައި މައިލޯ ވެސް އެބަ ބޭނުން ކުރެ އެވެ. މައިލޯ ޑްރިންކް އަކަށްވެސް ހެދިދާނެ އެވެ. މިއީ "ކަރަންޓީނު ފުޑްސް" ގެ ލިސްޓަށް އިތުރު ކޮށްލެވޭނެ އެއްޗެކެވެ. "ޑަލްގޯނާ" ކޮފީ ތައްޔާރު ނުކުރާ މީހުން މި ކޮފީ ހެދޭތޯ އަޅެ ބަލައިބަލާށެވެ.