ސެންޓާ ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން ސެންޓަރު (ސީއެޗްއެސްއީ) ގެ ފުރަތަމަ ޕްރިންސިޕަލް ޑރ. އިބްރާހިމް އަބްދުލް މާލިކު އަވަހާރަވެއްޖެ އެވެ.
އެމެރިކާގެ ރައްޔިތެއް ކަމަށްވާ މާލިކު އަވަހާރަވީ، މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން ފަރުވާ ދެމުން ގެންދަނިކޮށް އިއްޔެގެ ވަގުތެއްގަ އެވެ. އެމެރިކާއަކީ މިވަގުތު ކޮވިޑްގެ ނުރައްކާތެރިކަން އެންމެ ބޮޑު ގައުމެވެ.
މިހާތަނަށް މި ބަލި ޖެހުނު މީހުންގެ އަދަދު މިލިއަނަކަށް އަރާފައިވާއިރު އެމެރިކާއިން އެކަނި ވެސް ދެ ލައްކައަށްވުރެ ގިނަ މީހުންނަށް ވަނީ މި ބަލި ޖެހިފައެވެ.
ރާއްޖޭގެ ތައުލީމަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ މާލިކު އަވަހާރަވީއިރު އުމުރުފުޅަކީ 97 އަހަރެވެ.
ދެ ޕީއެޗްޑީ ހާސިލްކުރައްވާފައިވާ މާލިކް އަވަހާރަވުމާއި ގުޅިގެން އެމަނިކުފާނުގެ ދަރިވަރުން ގެންދަނީ ހިތާމަފާޅު ކުރަމުންނެވެ. މާލިކު، ސީއެޗްއެސްސީގެ ޕްރިންސިޕަލަށް ހުންނެވި ދުވަސްވަރު އެ ސުކޫލުން ކިޔެވި ވަރަށް ގިަނ ދަރިވަރުންނަކީ މިއަދު ގައުމުގެ މުހިންމު މަގާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ.
މާލިކު އެންމެ ފަހުން ރާއްޖެ ވަޑައިގެންފައިވަނީ 2017 ވަނަ އަހަރެވެ. އެ އަހަރު ސީއެޗްއެސްސީގެ އެ ދުވަސްވަރުގެ ދަރިވަރުން ވަނީ މާލިކުގެ ޝަރަފްގައި ބައެއް ހަރަކާތްތައް ކުރިއަށް ގެންގޮސްފަ އެވެ.