ކިއާރާ އަދުވާނީ

ކިއާރާގެ ނަމަކީ ސަލްމާން ދިން ނަމެއް!

މިދިޔަ އަހަރު ނުކުތް ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ "ކަބީރް ސިންގް" ގެ ބަތަލާ ކިއާރާ އަދުވާނީގެ އަސްލު ނަމަކީ އެހެން ނަމެކެވެ. އޭނާގެ އަސްލު ނަމަކީ އާލިއާ އަދުވާނީ އެވެ. ކިއާރާ މި ނަމަކީ ސަލްމާން ޚާން އޭނާއަށް ދިން ނަމެކެވެ.

ކިއާރާ ބޮލީވުޑަށް ތައާރަފްވީ ސަލްމާން ޕްރޮޑިއުސް ކުރި ފިލްމަކުންނެވެ. އެހެންވެ އާލިއާ ކިޔުމުގެ ބަދަލުގައި ފިލްމީ ނަމަކަށް ކިއާރާ ކިޔަން ސަލްމާން ނިންމީ މިހާރުވެސް ބޮލީވުޑްގައި އާލިއާއެއް ފިޔަ ޖަހަމުން ދާތީ އެ ނަން ކިޔާ ދެ ބަތަލާއިން ވީމަ އޮޅުން އަރާނެ ކަމަށް ބުނެފަ އެވެ.

ކިއާރާ ބުނި ގޮތުގައި އޭނާގެ ފުރަތަމަ ފިލްމު "ފުގްލޭ" ގެ ޕްރޮޑިއުސަރުން ކަމަށްވާ ސަލްމާނާއި އަޝްވިނީ ޔަރްޑީ އޭނާގެ ނަން ބަދަލުކުރަން ބޭނުންވުމުން އޭނާ ވެސް އެކަމާ އެއްބަސްވީ އެވެ. އަދި ކިއާރާއަކީ އޭނާ ވެސް ވަރަށް ހިތްހަމަޖެހޭ ނަމެއް ކަމަށް ކިއާރާ ބުންޏެވެ.

"ނަން ބަދަލުކުރުމުގެ އެންމެ ބޮޑު މަގްސަދަކީ އޯޑިއަންސަށް ދެ ބަތަލާއިން ވަކިކުރަން ދަތިވާނެތީ އޮތް ކަންބޮޑުވުން. އެހެންވެ މިއަދުން ފެށިގެން އަހަރެންގެ ނަމަކީ އާލިއާއެއް ނޫން. ކިއާރާ،" ކިއާރާ ބުންޏެވެ.

ކިއާރާ ބުނި ގޮތުގައި އޭނާގެ ނަމަކީ ފިލްމު "އަންޖާނާ އަންޖާނީ" ގައި ޕްރިޔަންކާ ޗޯޕްޅާ އަށް ކިޔާ ނަމެވެ. އެ ފިލްމުގައި ޕްރިޔަންކާ އަމިއްލައަށް ތައާރަފްވުމުގެ ގޮތުން "ހައި އައި އޭމް ކިއާރާ" އޭ ބުނެލާ ތަންކޮޅު ފެނިފައި އެ ނަން އޭރު ވެސް ވަރަށް ރީތިވި ކަމަށް ކިއާރާ ބުންޏެވެ. އަދި އަންހެން ދަރިއަކު ލިބިއްޖިއްޔާ އެ ނަން ކިޔަން އޭރުއްސުރެ ހިތުލައިގެން ހުރި ކަމަށާއި އެހެން ހުއްޓާ އޭނާގެ ނަން ކިއާރާއަށް ބަދަލު ކުރަން ސަލްމާން އެދުމުން އުފަލާއެކު އެކަމަށް އެއްބަސްވީ އެވެ.

ކިއާރާ ފުރަތަމަ ފިލްމު ނާކާމިޔާބު ވިޔަސް އޭގެ ފަހުން ކުޅުނު "އެމްއެސް ދޯނީ" އަށް ވަރަށް ރަނގަޅު ކާމިޔާބެއް ލިބުނެވެ. އަދި މިދިޔަ އަހަރު ރިލިޒްކުރި "ކަބީރް ސިންގް" ވެސް ވެފައިވަނީ އެ އަހަރުގެ އެންމެ ކާމިޔާބު ފިލްމަށެވެ.

މިވަގުތު ކިއާރާ ކުޅެމުންދާ ވަރަށް ގިނަ ފިލްމުތައް އެބަހުއްޓެވެ. އޭގެ ތެރޭގައި އަކްޝޭ ކުމާރާއެކު ކުޅޭ "ލަކްޝްމީ ބޮން"، އަދިތުޔާ ސީލް އާއެކު ކުޅޭ "އިންދޫ ކީ ޖަވާނީ", ސިދާރްތު މަލްހޯތުރާ އާއެކު ކުޅޭ "ޝޭރްޝާހް" އާއި ކާރްތިކް އާރްޔަން ބަތަލުގެ ބައި ކުޅޭ "ބޫލް ބުލައްޔާ 2" ފާހަގަ ކޮށްލެވެ އެވެ.