ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

އޮންލައިންކޮށް ގަންނަ އެއްޗެހިން ކޮވިޑް-19 ޖެހިދާނެތަ؟

އޮންލައިންކޮށް އޯޑަރުކޮށްގެން އެއްޗެހި ގެނައުމަކީ މިހާރު ވަރަށް ގިނަ ބަޔަކު ކުރަމުންދާ ކަމެކެވެ. ފެބްރުއަރީ ނިޔަލަށް ވެސް ގިނަ ބަޔަކު މިފަދަ ޕާރުސަލްތައް ބަލައި ގަންނަނީ އުފަލާ އެކުގަ އެވެ. ނަމަވެސް މިހާރު އޮންލައިންކޮށް އޯޑަރު ކޮށްގެން ގެންނަ ޕާރުސަލްތަކާ މެދު ވެސް ބައެއް މީހުން ބަލަނީ ޝައްކުގެ ނަޒަރަކުންނެވެ. އެމީހުންގެ ހިތުގައި އުފެދޭ ސުވާލަކީ ސުވާލަކީ މިގޮތަށް ގެންނަ ޕާރުސަލަކުން ކޮރޯނާވައިރަސް އަރާފާނެ ހެއްޔެވެ؟

އިންޑިއާގެ މަޝްހޫރު ޑޮކްޓަރަކު އެ ގައުމުގެ ނޫހަކަށް މައުލޫމާތު ދީފައިވާ ގޮތުގައި މިފަދަ ޕާރުސަލް ފަދަ ތަކެތީގައި ކޮރޯނާވައިރަހަށް ދިރިހުރެވުމަކީ ވަރަށް އެކަށީގެން ނުވާ ކަމެކެވެ. އާއްމުކޮށް މި ވައިރަސް އެކަކުގެ ގައިން އަނެކަކުގެ ގަޔަށް އަރަނީ ބަލި ޖެހިފައި ހުރި މީހަކު ކެއްސާ، ކިނބިހިއަޅާ ހަދާއިރު އެ މީހާ އާ މާ ގާތުގައި ހުރެވިއްޖެ ނަމަ އެވެ. ގެއަށް ޑެލިވާ ކުރާ ޕާރުސަލަކުން މިފަދަ ވައިރަހެއް އަރާނެ ގޮތަކީ ބަލި ޖެހިފައިވާ މީހަކު ކެއްސާ، ކިނބިހި އަޅައިގެން އެ ޕާރުސަލްގައި އޭގެ ތިކިތައް ހަރުލާފައި ހުއްޓާ އަނެއް މީހާއަށް އެ ތިކިތަކުގައި އަތްލެވި އަދި އެމީހާގެ މޫނާއި ލޯ ފަދަ ތަންތަނުގައި އެ އަތް ހޭކިގެން ކަމަށް މުމްބައިގެ ބާޓިއާ ހޮސްޕިޓަލުގެ އިންޓާނަލް މެޑިސިން ސްޕެޝަލިސްޓް ޑރ. ސަމްރަތު ވިދާޅުވެފައި ވެއެވެ.

ކާ އެއްޗެތި ގޭގެޔަށް ފޯރުކޮށްދޭ ފަރާތްތަކާއި ބޭރު ގައުމުތަކުން ޕާރުސަލްތައް ފޮނުވާ ފަރާތްތައް ވެސް މިހާރު މިކަމަށް ހޭލުންތެރިވެ އެމީހުން ފޮނުވާ ޕާރުސަލްތަކުގައި ވައިރަސް ނުހުންނާނެ ކަން ޔަގީން ކުރުމަށް ގިނަ ފިޔަވަޅުތައް އަޅަމުންދާކަމަށް ޑޮކްޓަރު ފާހަގަ ކުރެއްވި އެވެ. އަދި ޕާރުސަލްތައް ފޮނުވައިދިނުމުގައި އުޅޭ އެމީހުންގެ މުވައްޒަފުންގެ ސާފު ތާހިރު ކަމަށް ވެސް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްވެސް ވަރަކަށް ކެއްސާ، ކިނބިހިއަޅާ ރޯގާ ޖެހިފައި ހުރިނަމަ ވަޒީފާއަށް ނުކުންނާކަށް މިހާރު އެއްވެސް މުވައްޒަފަކަށް އެއްވެސް ކުންފުންޏަކުން ނާންގާނެ. ކިރިޔާ ވެސް ބަލިހެން ހީވާ ނަމަވެސް ގޭގައި މަޑުކުރަން ބުނާނީ. އެހެންވީމާ ޕާރުސަލް ގެނެސްދޭ މީހަކީ އަކީ ސިއްހަތު ރަނގަޅު މީހަކަށް ވުމުގެ ފުރުސަތު ވަރަށް ބޮޑުވާނެ،" ޑޮކްޓަރު ވިދާޅުވި އެވެ.

އަނެއްކޮޅުން ބޭރުން އޯޑަރު ކޮށްގެން ގެންނަ ޕާރުސަލް އެމީހަކަށް ރައްދުވާން ވަރަށް ގިނަ ދުވަސް ނަގާނެ އެވެ. މިހާ ދުވަސް ވަންދެން ޕާރުސަލްގެ ބޭރުގައި އެއްވެސް ވައިރަހަކަށް ދިރި ހުރެވޭނެ ކަމަކަށް ނުބެލެވެ އެވެ.

ޑޮކްޓަރުން ވިދާޅުވަނީ ބޭރަށް ނުކުމެ އެއްޗެތި ގަންނަން އުޅުމަށް ވުރެ ކޮންމެ ގޮތަކުން ވެސް ގެއަށް އެއްޗެތި އޯޑަރު ކޮށްގެން ގެނައުން މާ ރައްކާތެރިކަން ބޮޑެވެ. އެއްޗެތި ގަންނަން ބޭރަށް ނުކުތުމަކީ ވައިރަހަށް ތިމާގެ ހަށިގަނޑު ހުށަހެޅުމުގެ ފުރުސަތު ބޮޑުވާނެ ކަމެކެވެ.

ނަމަވެސް ކިތަންމެ ރައްކާތެރިކަމާއި ސަލާމަތީ ފިޔަވަޅުތަކާ އެކު މަސައްކަތް ކުރިޔަސް އިންސާނަކަށް ކުރެވޭ އެންމެ ކުށަކުން ވެސް މިފަދަ ޕާރުސަލެއްގައި ވެސް ހަމަ ވައިރަސް ހުރުމުގެ ފުރުސަތު އޮންނާނެ އެވެ. އެހެންވީމާ ބޭރުން އޯޑަރު ކޮށްގެން ގެންނަ އެއްޗެހި ވެސް އަތް ލާފައި ރަނގަޅަށް އަތް ދޮވުމާއި ކާ އެއްޗެއް ނަމަ ބޭނުންކުރުމުގެ ކުރިން ކެއްކުން ނުވަތަ ހޫނު ކުރުމަށް ޑޮކްޓަރު ވަނީ ލަފާ ދެއްވާފަ އެވެ.

އާއްމުކޮށް ހޫނު ތަންތަނުގައި ވައިރަހަށް އިތުރުވުމުގެ ފުރުސަތު ކުޑައެވެ. އަދި ގޭގެ ކުޑަދޮރުތަކާ އެއްޗެތި ހުޅުވައި ރަނގަޅަށް ވައި ދައުރުވާ ގޮތަށް ބެހެއްޓުމުން ވައިރަހަށް މާ ގިނައިރު އެ ތަނެއްގައި ދެމިއެއް ނުހުރެވޭނެ އެވެ.
ޑޮކްޓަރު ވިދާޅުވީ ގެއަށް ގެންނަ ޕާރުސަލަކުން ވައިރަހެއް އެރުމުގެ ފުރުސަތު ކުޑަޔަސް މިއީ މުޅިއަކުން ނުވާނެ ކަމެކޭ ވެސް ބުނެވޭކަށް ނެތެވެ. ވީމާ އެކަށީގެންވާ ފިޔަވަޅުތައް އަޅައިގެން ޕާރުސަލްތަކާ ހަވާލުވުން ރަނގަޅެވެ.

އެގޮތުން ޕާރުސަލާ ހަވާލުވާއިރު އެ ގެންނަ މީހާ އާ ފުދޭ ވަރަކަށް ދުރުގައި ހުރެގެން ހަވާލު ވުމާއި، ޕާރުސަލް ހިފައިގެން އަންނަ މީހާ މާސްކް އަޅާ އަންގި ލައްވާފައި ހުރިކަން ޔަގީން ކުރުމާއި އަދި އޭނާގެ ކިބައިގައި ރޯގާގެ އެއްވެސް އަލާމާތެއް ނެތްކަން ޔަގީންކުރުން ހިމެނެ އެވެ. ޕާރުސަލާ ހަވާލުވުމަށްފަހު ވަގުތުން އަވަހަށް ސައިބޯނިލައިގެން އަތް ދޮންނަން ޖެހޭނެ އެވެ. މަދުވެގެން 20 ސިކުންތު ވަންދެނެވެ. ނުވަތަ ވަގުތުން ސެނެޓައިޒާ ބޭނުންކުރަން ޖެހޭނެ އެވެ.

އެންމެ ރަނގަޅު ގޮތަކީ ޕާރުސަލާ ހަވާލުވިޔަސް ނުކަނޑާ 2-1 ދުވަހު މަޑުކުރުމެވެ. އަދި ރަނގަޅަށް ވައި ދައުރުވާ ކަހަލަ ތަނެއްގައި ޕާރުސަލް ދެ ތިން ދުވަހު ބެހެއްޓުމަށްފަހު ކެނޑުމެވެ. އެންމެ މަދުވެގެން ވެސް ހަ ގަޑިއރެއްހާއިރު ޕާރުސަލުގައި އަތް ނުލާ ބެހެއްޓުމަކީ އެންމެ ރަނގަޅު ގޮތެވެ. އޭރުން ޕެކޭޖުގެ ބޭރުގައި ވައިރަސް ހުއްޓަސް އޭގެ ލައިފް ސައިކަލް ހަލާކުވާނެ ފުރުސަތު ލިބޭނެ އެވެ. ގިނައިރު ބަހައްޓަން ބޭނުން ނޫންނަމަ ރަނގަޅަށް ޑިސްއިންފެކްޓަންޓް އަކުން ޕާރުސަލްގެ ބޭރު ސާފުކުރުން މުހިއްމެވެ.