ސަލްމާން ހާން

ސަލްމާންގެ ދީލަތިކަން އޭނާގެ ބޮކްސް އޮފީސް ރެކޯޑްތަކަށް ވުރެ މާ ބޮޑު

ސަލްމާން ޚާންގެ ދީލަތިކަމާއި އޭނާގެ އޮންނަނީ "ރަނުގެ ހިތެއް'ކަމަށް ވަރަށް ގިނަ ބަޔަކު ބުނެ އެވެ. މިކަން ވަރަށް ގިނަ ހާލަތްތަކުގައި ސަލްމާން ދަނީ ސާބިތު ވެސް ކޮށްދެމުންނެވެ. ސަލްމާނަކީ ބޮލީވުޑްގެ ފަންނާނުންގެ ތެރެއިން އެންމެ ގިނަ ބަޔަކަށް އެހީތެރިކަން ފޯރުވާ އެންމެ ދީލަތި އެކްޓަރެވެ.

ކޮރޯނާވައިރަސްގެ ވަބާ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާއިރު އިންޑިޔާގައި ވެސް މި ބަލީގެ ނުރައްކާ ވަރަށް ބޮޑުވެ މުޅި ގައުމު ވަނީ 21 ދުވަހަށް ބަންދުކޮށްފަ އެވެ. ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން އިންޑިޔާގެ އިގްތިސާދުވެސް ވަނީ މުޅިން ހުއްޓިފަ އެވެ. އެހެން އިންޑަސްޓްރީ ތަކެކޭ އެއްފަދައިން އިންޑިއާގެ ފިލްމު އިންޑަސްޓްރީއަށް ވެސް ބޮޑެތި ގެއްލުންތައް ދަނީ ލިބެމުންނެވެ.

ފިލްމުތަކާއި ސީރީޒްތައް އަދި އެނޫންވެސް މުނިފޫހިފިލުވުމުގެ ހުރިހާ ދާއިރާއެއްގެ ހުރިހާ މަސައްކަތެއް ވެސް މިހާރު ވަނީ މުޅިން ހުއްޓިފަ އެވެ. މީގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނެ ބަޔަކީ ދުވަހު މުސާރައަށް މަސައްކަތްކުރާ ވަރަށް ނިކަމެތި ފަގީރު އެތައް ހާސް މީހުންނެކެވެ. އިންޑިޔާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ދުވަހު މުސާރައަށް މަސައްކަތްކުރާ 25،000 މީހުން ފިލްމު އިންޑަސްޓްރީގައި އުޅެ އެވެ.

ފިލްމީ ތަރިންގެ ތެރެއިން ގިނަ ބަޔަކު ފައިސާގެ އެހީ ވަމުން ދަނީ އެ ގައުމުގެ ބޮޑުވަޒީރު ހުޅުއްވާފައިވާ ފަންޑަކަށް ނަމަވެސް ސަލްމާން އެހީވާން ގަސްތުކުރީ ދުވަހު މުސާރައަށް މަސައްކަތްކުރާ 25،000 މީހުންނަށެވެ.

އިންޑިޔާގެ ނޫހަކުން ބުނި ގޮތުގައި ލޮކްޑައުން އަށް ދިޔައިރު ސަލްމާން ޝޫޓްކުރަމުން ދިޔަ ފިލްމު "ރާދޭ"ގެ ސެޓުގައި މަސައްކަތްކުރާ ހުރިހާ މީހުންގެ އެކައުންޓްތަކަށް އޭނާ ވަނީ ފައިސާގެ އެހީ ވެދީފަ އެވެ.

އެ ސެޓުގައި މަސައްކަތްކުރާ މޭކްއަޕް އާޓިސްޓެއް ކަމަށްވާ ސުބާޝް ކަޕޫރު ވަނީ މިކަން ޔަގީން ކޮށްދީފަ އެވެ. އޭނާ އެކައުންޓަށް ސަލްމާން ފައިސާ ޖަމާކޮށްދީފައިވާ ކަމަށާއި އަދި އެ ފައިސާ އޭނާއަށް ލިބުނުކަން ޔަގީން ވެސް ކުރި ކަމަށް ސުބާޝް ބުންޏެވެ.

"ކޮންފަދަ ރަނގަޅުކަމެއް ސަލްމާން ސާ އެއްކޮށްދިނީ. ހިތުގެ އެންމެ ފުން މިނުން އޭނާއަށް އަހަރެން ޝުކުރު އަދާކުރަން. މިއީ އަހަރުމެންނަށް ވަރަށް ދަތި އުނދަގޫ ދުވަސްތަކެއް،" މޭކްއަޕް އާޓިސްޓް ބުންޏެވެ.

ސަލްމާން ވެދޭ އެހީ އާ ބެހޭ ގޮތުން މަސައްކަތްތެރިންގެ ޖަމިއްޔާގެ ރައީސް ބީއެން ތިވާރީ އިންޑިޔާގެ ނޫހަކަށް ބުނެފައިވާ ގޮތުގައި އެމީހުން ސަލްމާނަށް ގުޅާފައި ދުވަހު މުސާރައަށް އުޅޭ މީހުން އުޅޭ ދަތި ހާލުގެ ވާހަކަ ކިޔައިދިނުމުން އެމީހުންގެ އޭގެ ތެރެއިން އެންމެ ދަތިކޮށް އުޅޭ މީހުންގެ އެކައުންޓް ނަންބަރުތައް ފޮނުވަން އެދުނު ކަމަށެވެ.

"އަހަރެމެން ބުނިން އެބަތިއްބޭ ހާލުގައި ޖެހިފައި ތިބި 25،000 މަސައްކަތްތެރިން. އޭނަ ބުނި އެ އެންމެންނަށް ވެސް އެހީތެރިވެދޭނަމޭ. އެންމެންގެ ލިސްޓު ފޮނުވާށޭ،" ތިވާރީ ބުންޏެވެ.