ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޣައްސާން މައުމޫން

ކުލި ނުދެއްކިގެން ރަށައްދާން ޖެހުމަކީ ހައްލެއް ނޫން: ގައްސާން

މާލެއަކީ ހުރިހާ ދިވެހިންގެ ރަށެއް ކަމަށާ ކުލި ނުދެއްކިގެން ރަށައްދާން ޖެހުމަކީ ހައްލެއް ނޫން ކަމަށް ގުރައިދޫ ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނާއިބް ރައީސް ގައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

މާލޭގައި ބޮޑު އަގުގައި ކުލި ދައްކަމުންދާ ރަށްރަށުގެ މީހުންގެ ތެރެއިން ކުލި ނުދެއްކޭ ވަރަށް ހާލުގައި ތިބި މީހުން ރަށަށް ބަދަލު ވުމަށް ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ވަނީ ގޮވާލާފައެވެ. މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން މެންބަރު އީސަ ވިދާޅުވީ އިގްތިސާދު ދަށްވެފައިވާ ހާލަތުގައި ގިނަ ބައެއްގެ ވަޒީފާތައް ގެއްލެމުންދާތީ މާލޭގައި ކުއްޔަށް އުޅޭ މީހުނަށް ކުލި ނުދެއްކޭ ހާލަތަށް ގޮސްފައިވާ ކަމަށެވެ. އަދި އެފަދަ ފަރާތްތަކުން އަމިއްލަ ރަށަށް ބަދަލު ވާން އީސަ ގޮވާލެއްވި އެވެ.

އީސަ ދެއްކި ވާހަކައާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ފާޑުކިޔުންތައް އޭނާއަށް އަމާޒުވި އެވެ. އެކަމާ ކަންބޮޑުވުން ފާޅުކޮށް ހިޔާލު ފާޅު ކުރި ގިނަ މީހުން ފާހަގަ ކޮށްފައިވާ ގޮތުގައި، އެ ވާހަކައަކީ ނިކަމެތި ހާލުގައި ތިބި މީހުން އިތުރަށް ނިކަމެތިވާނެ ކަމެކެވެ. މާލޭގައި އުޅޭ ރަށްރަށުގެ ބައެއް މީހުން އުޅޭނެ ގެދޮރެއް އަމިއްލަ ރަށުގައި ނެތްއިރު، ކުރާނެ މަސައްކަތެއް ނެތް ކަން ވެސް ހިޔާލު ފާޅުކުރި ބައެއް މީހުން ފާހަގަ ކޮށްފައިވެ އެވެ.

ނަމަވެސް ރައީސް ނަޝީދުވެސް ވަނީ އީސަ ދެއްކެވި ވާހަކަތައް ދިފާއުކޮށް ވާހަކަދައްކަވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ އެ މައްސަލާގައި މެންބަރު ބޭނުން ކުރެއްވި ބަސްތައް ފަހަރެއްގައި އެންމެ އެކަށީގެން ނުވާ ކަމަށާއި އެކަމަކު މެންބަރު ފާހަގަ ކުރެއްވި ނުކުތާ ރަނގަޅު ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، ރައްޔިތުންނަށް ގަބޫލު ކުރަން ދަތި ތެދު ހަގީގަތް ސިޔާސީ ލީޑަރުން ހާމަ ކުރައްވަން ޖެހޭނެ އެވެ. އެ ފަދަ ހަގީގަތްތައް ހާމަ ކުރުމުން ބައެއް އާންމުންގެ ނުރުހުން ވެސް އަމާޒުވާ ކަމަށާއި ނަމަވެސް އެ ކަން އޮންނަނީ އެ ގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ގައްސާން މައުމޫން ވިދާޅުވީ މާލެއަކީ ހުރިހާ ދިވެހިންގެ ރަށެއް ކަމަށާ ކުލި ނުދެއްކިގެން ރަށައްދާން ޖެހުމަކީ ހައްލެއް ނޫން ކަމަށެވެ. އަދި މިއީ ގައުމީ ރޫހު ކުރިއަށް ނެރެ ހައްލު ކުރެވޭނެ ކަމެއް ކަމަށް ގައްސާން ވިދާޅުވިއެވެ.

"...މާލެއަކީ ހުރިހާ ދިވެހިންގެ ރަށެއް. ކުލި ނުދެއްކިގެން ރަށައްދާން ޖެހުމަކީ ހައްލެއް ނޫން. ގައުމީ ރޫހުގައި އެންމެން މަސައްކަތްކޮށްގެން ހައްލުކުުރުމުގެ ފެންވަރު، އިންޝާﷲ މި ގައުމުގައި އެބަހުރި." ގައްސާން ވިދާޅުވިއެވެ.

ގައްސާން ވިދާޅުވީ ގެދޮރުހެދުމަށް ކޮމާޝަލް ބޭންކުތަކުން ލޯން ނަގާފައިވާ ފަރާތްތަކަށް ކުލި ކުޑަކުރުމަށް ޝަރުތުކޮށް އިންޓްރަސްޓް ކުޑަކޮށްދީފިނަމަ އޭގެ ފައިދާ އާންމު ރައްޔިތުންނަށް ލިބޭނެ ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދީ ތަޖުރިބާކާރުން ލަފާ ދެއްވަނީވެސް އެގޮތަށް ކަމަށް ގައްސާން ވިދާޅުވިއެވެ.

ކޮވިޑް19 ގެ ސަބަބުން އިގްތިސާދީ ހާލަތު ދަށްވެ، އެތައް ބައެއްގެ ވަޒީފާ ގެއްލުމުގެ ބިރު ބޮޑުވެފައިވާއިރު އެތައް ހާސް މުވައްޒިފުންނަށް ނޯޕޭގައި ތިން މަސްދުވަހުގެ ޗުއްޓީއެއް ވަނީ ދީފައެވެ. އެކަމުގެ ސަބަބުން މާލޭގައި ބޮޑު ކުލީގައި ދިރިއުޅޭ ރައްޔިތުންނަށް ވަނީ ކުލި ދައްކައިގެން އުޅެވޭނެ މަގު ބަންދުވެފައެވެ. ބައެއް ގެދޮރުވެރިން ވަނީ މި ދުވަސްވަރު ކުލީގެ ބައެއް ކުޑަކޮށްދީފައެވެ.