ބޭރު ކުޅިވަރު

މުހިންމު ކުޅުންތެރިންނާ ނުލައި ލިވަޕޫލަށް ޔުނައިޓެޑާ ކުޅެލެވިދާނެތަ؟

Sep 12, 2015

އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ ވާދަވެރި ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑް ވާދަކުރާއިރު ލިވަޕޫލް މައްސަލަތަކެއްގެ ތެރެއަށް ގެނބިއްޖެ އެވެ.

މި މެޗަށް ނުކުންނައިރު ޓީމުގެ އެންމެ އުފެއްދުންތެރި ކުޅުންތެރިޔާ ފިލިޕް ކޫޓީނިއޯ ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެއީ އެންމެ ފަހުން ކުޅުނު މެޗުގައި ދެއްކި ރަތްކާޑުގެ ސަބަބުންނެވެ. ކެޕްޓަން ޖޯޑަން ހެންޑަސަނާއި މިޑްފީލްޑަރު އާދަމް ލަލާނާ އަށް ވަނީ އަނިޔާވެފަ އެވެ. މި ދެ ކުޅުންތެރިންނާއެކު މިރޭ ނުކުޅޭނެ އަނެއް ކުޅުންތެރިއަކީ ފޯވަޑް ޑެނިއަލް ސްޓަރިޖެވެ. އޭނާ އަދިވެސް ފިޓެއްނޫނެވެ.

ލިވަޕޫލް މިހާބޮޑު މައްސަލަގަނޑެއްގެ ތެރޭގައި އޮތްއިރު ޔުނައިޓެޑްގެ ކޯޗު ލުއިސް ވެންހާލް އަށް މި ފަދަ އެއްވެސް މައްސަލައެއްނެތެވެ. އޭނާގެ ކުރިމަތީގައި އޮތް އެންމެ ބޮޑު ނިންމުމަކީ ކީޕަރަށް ކުޅޭނެ ކުޅުންތެރިއަކު އިހްތިޔާރުކުރުމެވެ. ރެއާލް މެޑްރިޑަށް ދާން ބޭނުންވެފައި ހުރުމުން މިދިޔަ ދެ ސީޒަނުގައި ޔުނައިޓެޑުގެ އެންމެ މޮޅު ކުޅުންތެރިޔާ ސްޕޭނުގެ ކީޕަރު ޑޭވިޑް ޑެހެޔާ ވަނީ އެންމެ ފަހުން ކޮންޓްރެކްޓްއާކޮށްފަ އެވެ. މި ހަފުތާގައި ޔޫރޯ ކޮލިފައިންގައި ގައުމީ ޓީމުގެ ގޯލު ބެލެހެއްޓީ ވެސް އޭނާ އެވެ. އެކަމަކު މިދިޔަ ހަތަރު މެޗުގައި ޔުނައިޓެޑުގެ ގޯލު ބެލެހެއްޓި އާޖެންޓީނާގެ ކީޕަރު ސާޖިއޯ ރޮމޭރޯ ވަނީ ކޯޗުގެ އިތުބާރު ހޯދައިފަ އެވެ. މިހެންވެ ޓީމަށް ނަގާނެ ކީޕަރަކާމެދު ގޮތެއް ނިންމުމަކީ ވެންހާލް އަށް އެއްގޮތަކަށް ވެސް ފަސޭހަކަމަކަށްނުވާނެ އެވެ.

މި މެޗާ ބެހޭ ގޮތުން ލިވަޕޫލްގެ ކޯޗު ބްރެންޑަން ރޮޖާސް ބުނީ މިއީ ލީގުގެ އެންމެ ވާދަވެރި ދެ ޓީމު ކަމަށާއި މިހެންވެ ކޮންމެ ކުޅުންތެރިންތަކެއް ތިއްބަސް ޔުނައިޓެޑާމެދު ލިވަޕޫލް އޮންނާނީ ވާދަވެރި ޓީމެއްގެ ގޮތުގައި ކަމަށެވެ. އަދި ޔުނައިޓެޑް ކަހަލަ ޓީމެއްގެ އަތުން މޮޅުވުން މުހިންމު ކަމަށާއި އެކަން ކުރެވިއްޖެނަމަ އެއީ ލިވަޕޫލަށް ލިބޭނެ އެންމެ ބޮޑު ކުރިއެރުން ކަމަށެވެ.

"އަހަރުމެންނަށް ކުޅެން ޖެހިފައިވަނީ މިވަނީ ވަރަށް ވަރުގަދަ ދެ މެޗު އަވޭގައި. މިހެންވެ މިއިން މެޗަކުން އަހަރުމެން ބަލިނުވުމަކީ ވަރަށް މުހިންމު ކަމެއް،" ކޯޗު ބުންޏެވެ.

މިރޭގެ މެޗު ފަށާނީ މިރޭ 21:30ގަ އެވެ.