ބޮލީވުޑް

އެކްތާ ކަޕޫރުގެ އެއް އަހަރުގެ މުސާރަ މުވައްޒަފުންނަށް

ކޮރޯނާވައިރަހުގެ ވަބާގެ ގެއްލުން އެންމެ ބޮޑަށް ލިބޭނެ އެއް ބަޔަކީ އިންޑިޔާގެ ޓީވީ އިންޑަސްޓްރީގައި މަސައްކަތްކުރާ މީހުންނެވެ. ހުރިހާ ޓީވީ ޝޯ ތަކާއި ޑްރާމާތަކެއްގެ ޝޫޓިން ހުއްޓި ޓީވީ ޗެނަލްތަކުން ކުރީގައި ދައްކާފައި ހުރި ޝޯތަކުގެ ރިޕީޓް ޓެލެކާސްޓްތައް ދައްކަން މިހާރު ވަނީ ފަށާފަ އެވެ.

ޓީވީ ޝޯތައް އުފެއްދުމުގައި މަސައްކަތްކުރާ މީހުންނަށް ވަރަށް ބޮޑު ދައްޗަކާ ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި މަޝްހޫރު ޓީވީ ޕްރޮޑިއުސަރު އެކްތާ ކަޕޫރު ވަނީ ނަމޫނާ ދައްކާފަ އެވެ.

އެކްތާ އިއުލާން ކޮށްފައިވާ ގޮތުގައި އޭނާގެ އެއް އަހަރު ދުވަހުގެ މުސާރަ ކަމަށްވާ 2.5 ކްރޯޑު އޭނާގެ ބާލާޖީ ޓެލެފިލްމްސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދޭން އޭނާ ވަނީ ނިންމާފަ އެވެ. އެއީ އެމީހުންގެ މުސާރައިން އެއްވެސް މިންވަރެއް އުނި ނުކުރުމަށް އޭނާ ވެދިން ދީލަތި އެހީއެކެވެ.

އިންސްޓަގްރާމް އެކައުންޓުން އެކްތާ ޝެއާ ކުރި ބަޔާނެއްގައި ބުނި ގޮތުގައި ކޮރޯނާވައިރަސްގެ ސަބަބުން އެއްގޮތަކަށް ވެސް ހިތަށް ވެސް ނުގެނެވޭ ވަރުގެ ބޮޑެތި ގެއްލުންތައް މީހުންނަށް ދަނީ ލިބެމުންނެވެ. އެހެންވެ ދަތި ހާލުގައި އުޅޭ މީހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަކީ ތަންކޮޅެއް ފޯރާ މީހުން ކޮންމެހެން ވެސް މި ވަގުތު ކުރަން ޖެހޭނެ ކަމެއް ކަމަށް އެކްތާ ގަބޫލު ކުރެ އެވެ.

އޭނާގެ ބާލާޖީ ޓެލެފިލްމްސްގައި ވެސް ވަރަށް ގިނަ ފްރީލާންސް މަސައްކަތްކުރާ މިހުންނާއި ދުވަހު މުސާރައަށް މަސައްކަތްކުރާ މީހުން ގެންގުޅޭ ކަމަށާއި ޝޫޓިންގް ނޯންނަ ކޮންމެ ދުވަހަކީ އެމީހުންނަށް އެއްވެސް އާމްދަނީއެއް ނުލިބޭނެ ދުވަހަކަށް ވާނެ ކަމަށް އެކްތާ ބުންޏެވެ. އަދި އަލުން ޝޫޓިން ފެށޭނެ ދުވަހެއް އަދި ފެށުނަސް ކުރިޔަށް އޮތް ދުވަސްތަކުގައި ކަންތައްތައް ވާނެ ގޮތެއް އެއްވެސް މީހަކަށް ބުނާކަށް ނޭނގެ އެވެ. އެހެންވީމާ މިފަދަ ދަނޑިވަޅެއްގައި އެންމެ ނިކަމެތި މީހުންނަށް އެހީގެ އަތެއް ދިއްކޮށްލުމުގެ ގޮތުން އޭނާގެ އެއް އަހަރުގެ މުސާރަ ކަމަށްވާ 2.5 ކްރޯޑު އެ މީހުންނަށް ދޭން ނިންމީ ކަމަށް އެކްތާގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެކްތާ ޕްރޮޑިއުސްކުރާ ވަރަށް ކާމިޔާބު ސިލްސިލާތަކެއް ކަމަށްވާ "ކުންޑަލީ ބާގިޔާ" އާއި "ކުމްކުމް ބާގްޔާ" ގެ އާ އެޕިސޯޑްތައް ޝޫޓް ކުރެވޭނެ ގޮތް ނުވުމުގެ ސަބަބުން އެ ޝޯތައް ދެއްކުން ވަގުތީ ގޮތުން މެދުކަނޑާލުމަށްފަހު އެ ޝޯތަކުގެ ބަދަލުގައި އަލްޓްބާލާޖީގެ ވެބް ސީރީޒް "ކަރްލޭ ތޫ ބީ މުހައްބަތު" ދައްކަން ހަމަޖެހިފައިވާ ކަމަށް މިދިޔަ މަހު އެކްތާ ވަނީ އިއުލާން ކޮށްފަ އެވެ. މިއީ ރާމް ކަޕޫރާއި ސާކްޝީ ތާންވަރް ލީޑް ރޯލު ކުޅެފައިވާ ވަރަށް ރީތި ސީރީޒްއެކެވެ.

އެކްތާގެ އެޑްމިނިސްޓްރޭޝަންގެ ދަށުން ކުރިޔަށް ގެންދާ އޭނާގެ ޕްރޮޑަކްޝަން ހައުސްތަކުގެ ތެރެއިން ބާލާޖީ ޓެލެފިލްމްސް، ބާލާޖީ މޯޝަން ޕިކްޗާޒް އަދި އަލްޓްބާލާޖީގެ މަސައްކަތް މިހާރު ވަނީ މުޅިން ހުއްޓިފަ އެވެ.

އެކްތާ ބުނެފައިވާ ގޮތުގައި މިއީ އޭނާގެ ޕްރޮޑަކްޝަން ހައުސްތައް ބަންދުކުރަން ޖެހުނު ފުރަތަމަ ފަހަރެވެ. ވިއްސާރަވެހި ފެންބޮޑުވިޔަސް، ޓެރަރިސްޓް ހަމަލާތައް އިންޑިޔާގެ ތަންތަނަށް ކުރިމަތިވެގެން އުޅޭ ދުވަސްވަރު ވެސް އަދި ބޭންކް ބަންދު ދުވަސްތަކުގައި ވެސް އެ ތަންތަނުގެ މަސައްކަތް މީގެ ކުރިން ބަރާބަރަށް ކުރިޔަށް ދިޔަ ކަމަށް އެކްތާ ބުންޏެވެ. ނަމަވެސް މިއަދު މީ އެ ރޫހު ނެރެންވީ ދުވަސް ނޫން ކަމަށާއި މިއަދު މަސައްކަތް ކުރަން ޖެހޭނީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށް އެކްތާގެ ބަޔާނުގައި ބުނެފައި ވެއެވެ.