ބޮލީވުޑް

ބޮލީވުޑްގެ ބައެއް މަސައްކަތްތައް އޮންލައިންކޮށް ފަށައިފި

ބޮލީވުޑްގެ ކާސްޓިން ޑައިރެކްޓަރުން އެމީހުން ފިލްމުތަކަށް ނަގަން ބޭނުންވާ އެކްޓަރުންގެ އޮޑިޝަންތައް އޮންލައިންކޮށް ކުރިޔަށް ގެންދަން ފަށާފައިވާއިރު ފިލްމު އުފައްދާ މީހުން ސްކްރިޕްޓް ރައިޓަރުންނާއި އެކްޓަރުންނާ އޮންލައިންކޮށް ގުޅިގެން ސްކްރިޕްޓް ނެރޭޝަން ވެސް ދޭން ފަށައިފި އެވެ.

ކޮވިޑް-19 އިގެ ސަބަބުން ކޮންމެ މީހަކުވެސް އެމީހެއްގެ ގޭގައި ބަންދުވެގެން އިނަން ޖެހުމުން ބޮލީވުޑްގައި މަސައްކަތްކުރާ ބައެއް މީހުން މިހާރު ވަނީ އޮންލައިންކޮށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެގޮތަށް ކުރަން ފަށާފަ އެވެ.
އޮޑިޝަންތައް ވެސް ޑީޖިޓަލްކޮށް ކުރިޔަށް ގެންދާތާ މިހާރު 15 ވަރަކަށް ދުވަސް ވެއްޖެ އެވެ.

ކާސްޓިން ޑައިރެކްޓަރު މަހޭޝް ޗަބްރާ އަކީ މިގޮތަށް މަސައްކަތްކުރަމުންދާ އެ ޑައިރެކްޓަރެކެވެ. އޭނާ މިވަގުތު ވެބް ޝޯ އަކާއި ދެ ފިލްމަކަށް އެކްޓަރުން ހަމަޖެއްސުމުގެ މަސައްކަތް އެބަކުރެ އެވެ. އެއީ ޑައިރެކްޓަރު ހަންސަލް މެހެތާ އާއި ސަނުބަވް ސިންހާ އަލަށް ފަށަން ގަސްތުކުރާ ވަކި ނަމެއް ކަނޑައެޅިފައި ނެތް ދެ ފިލްމެކެވެ.

އޭނާ ބުނި ގޮތުގައި ޑައިރެކްޓަރު ކައިރިން ފިލްމުގެ ކެރެކްޓާތަކުގެ މައުލޫމާތު ހޯދައި ޝޫޓް ލިސްޓެއް ތައްޔާރުކޮށް އަދި ބޭނުންވާ މައުލޫމާތުތައް އެކްޓަރުންނާ ޝެއާކޮށް ހަދަނީ ޑިޖިޓަލްކޮށެވެ. ދެން އެކްޓަރުން އަމިއްލައަށް އޮޑިޝަން ވީޑިއޯ ޝޫޓްކޮށްފައި އޭނާޔަށް ވަޓްސްއަޕް ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުވަނީ އެވެ.

ޗަބްރާ ނޫން ބައެއް ކާސްޓިން ޑައިރެކްޓަރުންނަކަށް މިގޮތެއް ކަމަކު ނުދެ އެވެ. އެމީޙުން ބޭނުންވަނީ ވާޗުއަލް އޮޑިޝަންތައް ކުރިޔަށް ގެންދާށެވެ. އޭނާގެ ނަޒަރުގައި އެހެން ހިސާބުތަކުގައި ދިރިއުޅޭ އެކްޓަރުންނަށް ވެސް އޭރުން ފަސޭހަ ކަމާއެކު އޮންލައިންކޮށް ވަގުތުން އޮޑިޝަން ދެވޭނެ އެވެ.

ކާސްޓިން ބޭ އެޖެންސީގެ ފައުންޑާ އަންމޯލް އަހޫޖާ ވެސް މިހާރު ވަނީ މުޅިން ޑިޖިޓަލްކޮށް މަސައްކަތްތައް ބަދަލުކޮށްލާފަ އެވެ. ގޭން ބޭރަށް ނުކުތުމަކާ ނުލާި އޭނާ ހުރިހާ މަސައްކަތެއް ގޭގައި ކޮމްޕިއުޓަރު ކައިރީގައި ިއނދެގެން ފުރިހަމަ ކުރެ އެވެ. އެކްޓަރުންނާއި ޑައިރެކްޓަރުންނާއެކު ޑޭޓާބޭސް މެނޭޖްކުރުމާއި ކޯޑިނޭޓް ކުރުން ފަދަ ހުރިހާ ކަމެއް ވެސް އޭނާ ގެންދަނީ އޮންލައިން ކޮށެވެ. އަދި ވަރަށް އޮމާން ކަމާއެކު އެއްވެސް ދައްޗެއް ނެތި ހުރިހާ ކަމެއް ވެސް ކުރިޔަށް އެބަ ގެންދެވޭ ކަމަށް އޭނާ ބުންޏެވެ.

"އަހަރެމެންގެ ދެ ފިލްމެއްގެ އޮންލައިން އޮޑިޝަންސް ކުރިޔަށް އެބަ ގެންދަން. އަދި މި ލިބޭ ހުސް ވަގުތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައި އެމީހުންގެ އެކްޓްކުރުމުގެ ހުނަރު ތަރައްގީކުރަން މަސައްކަތްކުރަން އަހަރެން ވަރަށް ހިތްވަރުދެން. ދެން ކުޅެން އޮތް ފިލްމަކަށް ދުރާލާ ތައްޔާޜުވެ އަދި މޮޅު ފިލްމުތައް ބެލުމަށް އަހަރެން އެމީހުން ކައިރީގައި ބުނަން،" އަންމޯލް ބުންޏެވެ.

އޮންލައިންކޮށް އޮޑިޝަންތައް ބާއްވައި އެކްޓަރުން ހޮވުމުގެ މަސައްކަތް ކުރުމަކީ ފިލްމުތައް ޑައިރެކްޓްކުރާ މީހުން ވެސް ވަރަށް ހިތްހަމަޖެހޭ ކަމަކަށް ވަނީ ވެފަ އެވެ. އެމީހުންގެ ގިނަ ވަގުތުތައް ވެސް މިހާރު ހޭދަކުރަނީ މިފަދަ ކަންތައްތައް އޮންލައިންކޮށް ކުރުމުގަ އެވެ.

"ހިޗްކީ"ގެ ޑައިރެކްޓަރު ސިދާރްތު ޕީ މަލްހޯތުރާ ބުނި ގޮތުގައި އޭނާ ފިލްމުތަކަށް ތަރިން ހޯދަނީ ކާސްޓިން ޑައިރެކްޓަރުން މެދުވެރިކޮށް ގޭގައި ތިބެގެން އޮންލައިންކޮށް އޮޑިޝަންތައް ބާއްވައިގެންނެވެ. އަދި ގޫގުލް ހޭންގްއައުޓްސް މެދުވެރިކޮށް ބައްދަލުވުންތައް ބާއްވައި ސްކްރިޕްޓް ނެރޭޓްކޮށްދިނުމުގެ މަސައްކަތް ވެސް ކުރިޔަށް ގެންދާ ކަމަށް އޭނާ ބުންޏެވެ.