ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ސްޕެއިންގައި މަރުވާ އަދަދު ދަށަށް ދާން ފަށައިފި

Apr 5, 2020
2

މެޑްރިޑް (އޭޕްރީލް 5) - ކޮވިޑް-19 ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެއް ގައުމުކަމަށްވާ ސްޕެއިންގައި ބަލި ފެތުރޭ މިންވަރު މަޑުޖެހި، މަރުވާ މީހުންގެ އަދަދު ވެސް ދަށަށް ދާން ފަށައިފި އެވެ.

ސްޕެއިންގައި އަޅާފައިވާ ލޮކްޑައުން މިމަހުގެ 25 ވަނަ ދުވަހަށް އިތުރުކުރުމަށްފަހު ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވި ގޮތުގައި، އަލަށް ބަލި ޖެހޭ މީހުންގެ އަދަދު މިހާރު ހިފެހެއްޓުމާ ގާތަށް ދެވިފައިވާ ކަމަށެވެ.

ސްޕެއިންގައި އިއްޔެ 805 މީހުން މަރުވެފައިވާއިރު، މިއީ ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެންމެ މަދުން މީހުން މަރުވި ފަހަރެވެ. އަދި ލޮކްޑައުން އުވާލުމުގެ ގޮތުން، ސްޕެއިންގެ ހުރިހާ ރައްޔިތުންނަށް މާސްކު ހޯދުމުގެ މަސައްކަތް ވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.

ހޮސްޕިޓަލު ނޫން ތަންތަނުގައި މާސްކު އަޅައިގެން ކޮވިޑް-19 އިން މާބޮޑު ރައްކާތެރިކަމެއް ނުލިބޭ ކަމަށް ސިއްހީ މާހިރުން ބުނަމުންދިޔަ ނަމަވެސް، ސްޕެއިންގެ އިތުރުން، އެމެރިކާ، އޮސްޓްރިއާ، ޗެކް ރިޕަބްލިކް، އިޒްރޭލު އަދި ތުރުކީގައި ވެސް، އާއްމުން ގިނަ ތަންތަނަށް ދާނަމަ މާސްކު އަޅަން ވަނީ މަޖުބޫރު ކޮށްފަ އެވެ.

މުޅި ދުނިޔެއަށް ބަލާއިރު، ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު 1.1 މިލިއަނަށް އަރާފައިވާއިރު، އޭގެ ތެރެއިން 60،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ހުކުރު ދުވަހު އެކަނި، ސްޕެއިންގައި 7،026 އިތުރު މީހަކަށް ވަނީ އެ ބަލި ޖެހިފަ އެވެ. އަދި 124،736 ޕޮޒިޓިވް ކޭހާއެކު، ސްޕެއިން މިހާރު ވަނީ އިޓަލީ ފަހަނަ އަޅައި ގޮސްފަ އެވެ. ސްޕެއިންގައި މަރުވި މީހުންގެ ޖުމްލަ އަދަދަކީ 11،744 އެވެ.