ބޭރު ކުޅިވަރު

ޔުނައިޓެޑް މައްސަލަތަކެއްގެ ތެރެއަށް، އަހަންނަކީ ޑިކްޓޭޓަރެއްނޫން: ކޯޗު

Sep 12, 2015

މެންޗެސްޓާ ޔުނައިޓެޑުގެ ކުޅުންތެރިން އެ ޓީމުގެ ކޯޗު ލުއިސް ވެންހާލް އާއި އޭނާގެ ކޯޗިން ސިސްޓަމާމެދު ސުވާލު އުފައްދަން ފަށައިފި ކަމަށް އިނގިރޭސި މީޑިޔާތަކުން ބުނެފި އެވެ.

ނަމަވެސް މި ވާހަކަތައް ދޮގުކޮށް ވެންހާލް ބުނީ އޭނައަކީ ޑިކްޓޭޓަރެއް ނޫން ކަމަށާއި އޭނާއަކީ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރާ މީހެއް ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ވެންހާލްގެ ސިސްޓަމްތަކާމެދު ކުޅުންތެރިން ޗޭންޖިންރޫމުގައި ހިތްހަމަނުޖެހުމުން ފާޅުކުރުމުން އެކަން ހައްލުކުރަން އެތަނަށް ދިއުމަށް ކެޕްޓަން ވޭން ރޫނީ އާއި ވައިސް ކެޕްޓަން މައިކަލް ވެންހާލްގެ ކިބައިން އެދުނު ކަމަށެވެ. އަދި ބައެއް ކުޅުންތެރިންނާމެދު ކޯޗު އަމަލުކުރާ ގޮތުން ގިނަ ކުޅުންތެރިން ތިބީ ހިތްހަމަނުޖެހިފައި ކަމަށް ވެސް އިނގިރޭސި ނޫސްތަކުން ބުނެ އެވެ.

އެކަމަކު ވެންހާލް މީގެ ތެރެއިން ބައެއް ވާހަކަތައް ދޮގުކުރެ އެވެ. އޭނާ ބުނީ ކުޅުންތެރިންގެ ޝުއޫރުތައް ރޫނީ އާއި ކަރިކް އޭނާއާ ހިސާބަށް ގެނައުމަކީ ރަނގަޅު ކަމެއް ކަމަށެވެ.

"އެއީ އެލާމްއެޅުމެއް. އެމީހުން ބުނީ އަހަރެން ގާތުގައި އެހީވެދޭށޭ. ސަބަބަކީ އެމީހުންނަކީ ކެޕްޓަނުން. އެހެންވީމާ އެމީހުން ބުނުމުން އަހަރެން ޗޭންޖިންރޫމަށް ދިޔައީ. އަހަރެންގެ ވާހަކަ ގަބޫލުކުރޭ!. އެއީ އެކަން ހިނގާދިޔަ ގޮތަކީ. އަހަންނަކީ ޑިކްޓޭޓަރެއްނޫން. އަހަންނަކީ [މައްސަލަ ހައްލުކުރަން] ވާހަކަދައްކާ މީހެއް،" ވެންހާލް ބުންޏެވެ.

އޭނާ ކަންކަމާބެހޭ ގޮތުން އޭނާ ވާހަކަ ދައްކަނީ ޓީމުގެ ކެޕްޓަނާ އެކަނި ނޫން ކަމަށެވެ.

"އަހަރެން ވާހަކަ ދައްކަނީ ކެޕްޓަނުންނާ އެކަންޏެއްނޫން. އެމީހުން މަސައްކަތްކުރީ އަހަރެން [ކުޅުންތެރިންގެ ޝުއޫރުތަކާމެދު] ސަމާލުކުރުވުމަށް. ދެން އަހަރެން ދިޔައީ ޗޭންޖިންރޫމަށް. ގޮސް ކުޅުންތެރިންނާ މަޝްވަރާކުރީ ތަފާތު ކަންކަމާމެދު އެތައް ގޮތަކަށް. އެކަމަކު އެއީ ނޫސްތަކުގައި ލިޔެފައިވާ ވާހަކަތަކާ ބެހޭގޮތަކުންނެއްނޫން. ބައެއް ކުޅުންތެރިން އަހަރެންގާތުގައި މައާފަށް އެދުނު ނޫސްތަކުގައި ލިޔެފައިވާ ވާހަކަތަކާހެދި،" ކޯޗު ބުންޏެވެ.

އިނގިރޭސި ނޫސްތަކުން ބުނަނީ ސްޕޭނާއި ބާސެލޯނާގެ ކުރީގެ ކީޕަރު ވިކްޓަ ވަލްޑޭޒް އާއި ބްރެޒިލްގެ ރަފޭލްއާ ޓީމުން ބާކީކޮށް އެމީހުންނާމެދު ވެންހާލް ކަންތައްތައް ކުރާގޮތާމެދު ޓީމުގެ ގިނަ ކުޅުންތެރިން ހިތްހަމަނުޖެހޭ ކަމަށެވެ.

ބާސެލޯނާގައި ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ވަލްޑޭޒްގެ ޖާޒީތައް ވެސް އޭނާ އަށް ނާންގައި ދާދި ފަހުން ޔުނައިޓެޑުގެ ސީނިއާ ޓީމުން ޗޭންޖިން ރޫމުން ބޭރުކޮށް 16 އަހަރުން ދަށުގެ ޗޭންޖިން ރޫމަށް ވަނީ ބަދަލުކޮށްފަ އެވެ.