ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައްޔިތުންގެ މަޖިލިސް

މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދެމިގެންދާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހެއް

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޓަކައި މި އަހަރު ބާއްވަން ޖެހޭ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސް ކުރަން ޖެހޭތީ އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ދެމިގެންދާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެޖެންޑާ ކޮށްފައި ވަނީ ދެ ބިލެއްގެ މަސައްކަތެވެ. އޭގެ ތެރެއިން އެއް ބިލަކީ އިންތިހާބު ފަސް ކުރުމަށް ޓަކައި ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހުގެ ބިލެވެ. އަނެއް ބިލަކީ އިންތިހާބު ފަސް ކުރުމަށް ޓަކައި އެކުލަވާލި ވަގުތީ ހާއްސަ ގާނޫނުގެ ބިލެވެ.

މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ހުށަހެޅުއްވި ބިލުގައި ވަނީ ލާމަރުކަޒީ އާ ގާނޫނުގެ ދަށުން އަލަށް އިންތިހާބު ކުރެވޭ ކައުންސިލްތައް އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލްތަކުގެ މެންބަރުންގެ ދައުރު ދިގުދެމި މަގާމުގައި ދެމި ތިބެވޭނެ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށެވެ.

ގާނޫނު އަސާސީއަށް ގެންނަ އިސްލާހަށް އަމަލު ކުރާނީ މަޖިލީހުން އެ އިސްލާހު ފާސްކޮށް ރައީސް ތަސްދީގު ކުރައްވައި ގެޒެޓް ކުރާ ދުވަހުން ފެށިގެންނެވެ. އާ ކައުންސިލަރުން އިންތިހާބު ވުމާ އެކު އެ އިސްލާހު ވެސް އުވިގެން ދާނެ އެވެ.

މީގެ އިތުރުން ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހަޅުއްވައި ކައުންސިލް އިންތިހާބު ފަސް ކުރުމުގެ ވަގުތީ ހާއްސަ ގަނޫނުގެ ބިލުގައިވާ ގޮތުން ކައުންސިލް އިންތިހާބުގެ މަސައްކަތް ފަށަން ޖެހޭނީ ސަރުކާރުން މިހާރު އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ހާލަތު ނެތް ކަމަށް ކަނޑައެޅުމުންނެވެ. އެކަމަކު އެންމެ ލަސްވެގެން އަންނަ ޖެނުއަރީ މަހުގެ ކުރިން ކައުންސިލް އިންތިހާބު ބާއްވަން ޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

އިންތިހާބާ ގުޅިގެން ސަސްޕެންޝަންގައި ތިބި ސިވިލް ސާވިސް މުވައްޒަފުންގެ ސަސްޕެންޝަން އިންތިހާބުގެ މަސައްކަތް ފެށެން ދެން އުވާލާ ގޮތަށް ވެސް ބިލުގައިވެ އެވެ. އަދި ސަސްޕެންޝަން އުވިގެންދާ މުއްދަތުގައި އިންތިހާބާ ގުޅޭ އެއްވެސް ހަރަކާތެއް ނުވަތަ ކެމްޕޭނެއް އެ މުވައްޒަފުންނަށް ކުރިއަށް ގެންދިއުން މަނާ ކަމަށް ބިލުގައި ބުނެ އެވެ.

އެންމެ ފުރަތަމަ މިދިޔަ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ތާވަލު ކުރި ކައުންސިލް އިންތިހާބު ވަނީ މި މަހުގެ 18 ވަނަ ދުވަހަށް އިންތިހާބު ފަސްކޮށްފަ އެވެ. އެއީ ގާނޫނުގައި އިންތިހާބު ފަސް ކުރެވެން އޮތް އެންމެ ލަސް ތާރީހެވެ. އެހެންކަމުން އެ ކަމުގައި ގޮތެއް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް އިލެކްޝަންސް ކޮމިޝަނުން ދުސްތޫރީ މައްސަލައެއް ވެސް ހުށަހެޅި އެވެ.

ނަމަވެސް އިންތިހާބު ފަސް ކުރުމަށް ބޭނުން ވަނީ ގާނޫނީ ފަރުވާއެއް ކަމަށް ބުނެ އެމްޑީޕީގެ ފަރާތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އެ މައްސަލަ ހުށަހެޅި އެވެ. އެ ކޮމިޓީއަށް އީސީގެ މެންބަރުން ހާޒިރުކޮށް ކުރި މަޝްވަރާތަކަށް ފަހުގައި އީސީން ވަނީ ފަހުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ނަގައިފަ އެވެ. އަދި އިންތިހާބު ފަސް ކުރުމަށް ހާއްސަ ވަގުތީ ގާނޫނެއް ގެނައުމަށް ކޮމިޓީން ނިންމި އެވެ.