ގަވާއިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް މީހުން ރާއްޖެއިން ފޮނުވާލުމުގައި އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަމަށް އެދިއްޖެ އެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވަނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝް މީހުން އަނބުރާ އެ ގައުމަށް ގެންދިޔުމާ ބެހޭ ގޮތުން ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރާއެކު މަޝްވަރާ ކުރައްވާފައެވެ.
އެ ދެ ބޭފުޅުން މިއަދު ފޯނުން ގުޅުއްވާ މަޝްވަރާ ކުރެއްވީ ކޮވިޑް-19 އާ ބެހޭ ގޮތުން ދެ ގައުމުން ކުރަމުންދާ މަސައްކަތްތަކާއި އަދި އަޅަމުންދާ ފިޔަވަޅުތަކާއި ގުޅޭގޮތުންނެވެ.
މި މަޝްވަރާގައި މިނިސްޓަރު ޝާހިދު ވަނީ ކޮވިޑް-19 ފެތުރުމުގެ ކުރިންވެސް ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ރެގިއުލަރައިޒް ކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ކޮވިޑް-19 ރާއްޖޭގައި ފެތުރިއްޖެ ހާލަތެއްގައިވެސް ބަލީގެ ނުރައްކާ އެންމެ ބޮޑު އެއް ބަޔަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންކަން ފާހަގަކުރައްވައި، ގަވާއިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް ރައްޔިތުން އަނބުރާ އެ ގައުމަށް ގެންދިޔުމުގައި އެހީތެރިކަމަށް މިނިސްޓަރު އެދިވަޑައިގެންނެވި ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ވަނީ އެކަމަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ކޮވިޑް19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ސަރުކާރުން ހާމަކުރިއެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ސަރުކާރުން ފަހުން ހާމައެއް ނުކުރެއެވެ. އަދި އެ ޕްރަގްރާމް ކުރިއަށްދާކަމެއް ނުވަތަ ނޫން ކަމެއްވެސް ހާމަކޮށްފައެއް ނުވެއެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގަވައިދަށް ފެއްތުމަށް މި ސަރުކާރުން ފެށި ޕްރޮގްރާމްގެ ދަށުން 38،000 ބިދޭސީން ރަޖިސްޓްރީ ކުރިއެވެ. އެ ޕްރަގްރާމް ކުރިއަށް ގެންދިޔަ ގޮތާމެދުވެސް ގިނަ ސުވާލުތަކެއް އާންމުން އުފައްދާއިރު، އެކަމުގެވެސް މާބޮޑު ތަފްސީލެއް ސަރުކާރުން ނުދެއެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެފައިވާއިރު އެ މައްސަލަ ހައްލުކުރުމަށް މިހާތަނަށް އެއްވެސް ސަރުކާރަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައެއް ނުވެއެވެ. ނަމަވެސް ބިދޭސީންގެ މައްސަލަ ބޮޑުވުމުން މައްސަލަ ހައްލު ކުުރުމުގެ ނަމުގައި ކޮންމެ ސަރުކާރަކުންވެސް ޕްރަގްރާމްތަކެއް ފަށައެވެ.