މާލެ ސަރަހައްދުގައި މިއަދު ކާފިއު ހިންގި ވަގުތު ބޭރުގައި އުޅުނު އެކަކު ޖޫރިމަނާކޮށް، 146 މީހަކަށް މިއަދު ނަސޭހަތް ދީފަ އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ކޮންމެ ދުވަހަކު ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 8:00 އަށް ކާފިއު ހިންގަމުންނެވެ. މިއަދު މިއީ ކާފިއު ހިންގި ހަތަރުވަނަ ދުވަހެވެ.
ފުލުހުން ބުނީ މިއަދު ކާފިއު ހިންގި ތިން ގަޑިއިރު ބޭރުގައި އުޅުނު އެކަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެެ. މިއީ ކާފިއު ހިންގަން ފެށި ފަހުން ބޭރުގައި އުޅެގެން މީހަކު ޖޫރިމަނާ ކުރި ފުރަތަމަ ފަހަރެވެ.
މިއަދު ބޭރުގައި އުޅުނު ފުރަތަމަ ފަހަރަށް 139 މީހަކަށް ނަސޭހަތް ދީފައިވާއިރު، އޭގެ ތެރޭގައި މި ހެމެނެނީ 122 ދިވެހިންނާއި 17 ބިދޭސީންނެވެ. ދެވަނަ ނަސޭހަތް ހަތް މީހަކަށް ދީފައިވާ ކަމަށެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ދެ ފަހަރަށްވުރެ އިތުރަށް ނަސޭހަތް ދޭން ޖެހިއްޖެނަމަ، އެމީހަކު ޖޫރިމަނާ ކުރާނެ އެވެ. އެހެންކަމުން މިއަދު ޖޫރިމަނާ ކުރި މީހަކީ ތިންވަނަ ފަހަރަށް ބޭރުގައި އުޅެގެން ނަސޭހަތް ޖެހުނު ފަރާތެކެވެ. އެ ގޮތުން ޖޫރިމަނާ ކުރަނީ 1،000 ރުފިޔާ އިންނެވެ.