ޓީސީ

ޓީސީގެ ޓީމު ރާއްޖެ ގެނެސްފި

Apr 5, 2020
1

ސްރީލަންކާގައި ތާށިވެފައި ތިބި ޓީސީގެ ކުޅުންތެރިންނާއި އޮފިޝަލުން ރާއްޖެ ގެނެސްފި އެވެ.

އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގައި، ބަންގުލަދޭޝްގެ ބޮށުންދަރާ ކިންގްސްއާއެކު ކުޅުނު މެޗަށް ފަހު ރާއްޖެ ނާދެވި ޓީސީގެ ކުޅުންތެރިން ތިބީ ސްރީ ލަންކާގައި ތާށިވެފަ އެވެ. އެ ގައުމު ވެސް ބަންދުކޮށް ކާފިއު އިއުލާނު ކޮށްފައިވާއިރު ދަތުރުފަތުރު އޮތީ ހުއްޓާލާފަ އެވެ.

ނަމަވެސް މިރޭ ރާއްޖެ އައި މޯލްޑިވިއަންގެ ފްލައިޓްގައި ޓީސީގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ރާއްޖެ ގެނެސްފަ އެވެ. އެނގިފައިވާ ގޮތުގައި އެ ކުޅުންތެރިން ރާއްޖެ ގެނެސްފައިވަނީ ޔޫތު މިނިސްޓްރީގެ ހަރަދުގަ އެވެ. ޓީސީ ހޮޓެލްގައި ތިބުމާއި ކެއުމުގެ ހަރަދުތައް ބަލަހައްޓާފައިވަނީ ޔޫތު މިނިސްޓްރީންނެވެ.

ޓީސީގެ ކުޅުންތެރިންނާއި އޮފިޝަލުން ރާއްޖެ ގެނެސްފައި ވަނީ އެ ކުޅުންތެރިން ވަކި ފްލައިޓެއްގައި ރާއްޖެ ގެންނަން ޔޫތު މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށް ވާހަކަ ދެކެވެމުން ދަނިކޮށެވެ.

އެ ވާހަކަތައް ދޮގުކޮށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ ޓީސީގެ ޓީމް، ވަކި ފްލައިޓެއްގައި ރާއްޖެ ގެންނަން މަސައްކަތްް ކުރެވޭ ކަމަށް ދެކެވޭ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށާ އަދި އެފަދަ މަޝްވަރާއެއް ވެސް ކުރެވިފައިނުވާ ކަމަށެވެ.

"އެހެން ރައްޔިތުންނެކޭ އެއްގޮތަށް ޓީމްވަނީ ލަންކާގައި ތާށިވެފައި. ލަންކާ އެއާޕޯޓް ހުޅުވުނުހާ އަވަހަކަށް ގެންނަން މަސައްކަތް ކުރާނަން. ޓީމުގެ ހާލު ބަލަން." މިމަހުގެ އެއްވަނަ ދުވަހު މިނިސްޓަރު ވިދާޅުވިއެވެ.

ޓީސީގެ ކުޅުންތެރިން ރާއްޖެ ގެނެސްފައިމިވަނީ މޯލްޑިވިއަންގެ ފަރާތުން ދިވެހިން ބަލާ، ލަންކާއަށް ދެ ފްލައިޓް މިއަދު ގޮސްފައިވަނިކޮށެވެ. އެއީ 50 ޝީޓްގެ ދެ ފްލައިޓެވެ. ނަމަވެސް ލަންކާއިން ރާއްޖެ އަންނަން ބޭނުންވެފައިވާ އެތައް ބަަޔަކު އެ ގައުމުގައި އެބަ ތިއްބެވެ. ޝީޓްތައް ބުކް ކުރުމަށް ހުޅުވާލުން ހަތަރު ގަޑިއިރުގެ ތެރޭގައި ފުލްވެފައިވާ ކަަމަށް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.