ކޮރޯނާވައިރަސް ޖެހޭ މީހުންގެ އަދަދު މުޅި ދުނިޔޭގައި ވެސް އިންތިހާއަށް އިތުރުވަމުންދާއިރު މި ބަލީގައި އަންހެނުންނަށް ވުރެ ގިނައިން މަރުވަނީ ފިރިހެނުންނެވެ. ބަލި ފުރަތަމަ ފެށިގެން އައި ޗައިނާ އިން ވަނީ މިކަމާ ގުޅޭ ގޮތުން ދިރާސާތަކެއް ކޮށްފަ އެވެ. ޗައިނާގެ ސެންޓާ އޮފް ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ތައްޔާރުކުރި މި ރިޕޯޓުގައިވާ ގޮތުން ބަލި ޖެހޭ އަންހެނުންނަށް ވުރެ ފިރިހެނުން މަރުވުން މާ ގާތެވެ. އެ ގައުމުގައި ބަލި ޖެހުނު ނިސްބަތް ގާތްގަނޑަކަށް އެއްވަރު ނަމަވެސް މީހުން މަރުވި ނިސްބަތުން ފިރިހެނުން މާ ގިނަ އެވެ.
ފިރިހެނުން މަރުވާ ނިސްބަތް އިތުރުވާ ސަބަބަކީ ކޮބާ؟
ސައިންސްވެރިން ދެކޭ ގޮތުގައި ކޮރޯނާވައިރަސް ޖެހޭ ގިނަ ފިރިހެނުން މަރުވާން ދިމާވާ ބައެއް ސަބަބުތައް ފާހަގަކުރެވިފައި އެބަހުއްޓެވެ. ފުރަތަމަ ކަމަކީ ދިފާއީ ނިޒާމު ހަރަކާތްތެރިވާން ފަށާލެއް އަންހެނުންގެ އަވަސް ވުމެވެ. އަންހެނުންގެ ދިފާއީ ނިޒާމުގައި ހުންނަ ކޮންމެވެސް ގޮތްތަކެއްގެ ސަބަބުން މިކަން ދިމާވާކާން އެނގުނު ނަމަވެސް ސީދާ މިހެންނޭ ވަނީ ބުނާކަށް އަދި ސައިންސްވެރިންނަކަށް ނޭނގެ އެވެ. އަދިވެސް މިކަންތައް ދެނެގަންނަން ސައިންސްވެރިން ދަނީ މަސައްކަތް ކުރަމުންނެވެ.
ބައެއް ސައިންސްވެރިން ދެކޭ ގޮތުގައި އަންހެނުންގެ ހަށިގަނޑުގައި އެސްޓްރޯޖަން ވަރަށް މައްޗަށް ހުންނާތީ އެމީހުންގެ ހަށިގަނޑުގެ ދިފާއީ ބާރު ގަދައީ އެވެ. އަދި އަންހެނުންގެ ހުންނަނީ ދެ އެކްސް ކްރޮމޮޒޯމަށް ވެފައި އެކްސްގައި ދިފާއާ ގުޅާ ޖީންތައް ގިނަވީމަ މިހެން ދިމާވަނީ ކަމަށް ވެސް ބައެއް ސައިންސްވެރިން ގަބޫލު ކުރެ އެވެ.
އެގޮތުން ތަންކޮޅެއް ކުރިން ސާސްގެ ތަހްލީލްތަކެއް ކުރިއިރު ސައިންސްވެރިން މި ކަހަލަ ހޯދުންތަކެއް ހޯދި އެވެ. އެ ފަހަރު މީދާތަކަކަށް ސާސް ވައިރަސް ދީގެން ކުރި ޓެސްޓުން ދެއްކި ގޮތުގައި ފިރިހެން މީދަލުގެ ހަށިގަނޑުން ވައިރަސްތައް ސާފުކުރެވޭލެއް އަންހެން މީދަލަށް ވުރެ މާ ލަހެވެ. އަދި ބަލި ޖެހުމުން ފުއްޕާމެޔަށް ގެއްލުންވެ މަރުވި މީދާތައް ވެސް ނިސްބަތުން ގިނައީ ފިރިހެން އެއްޗިއްސެވެ. އެހެންވެ އަންހެން މީދާތަކުގެ ހަށިގަނޑުގައިވާ އެސްޓްރޯޖަން ބްލޮކްކުރުމަށްފަހު އެ ސޮރުމެންގެ އޯވަރީޒްތައް ވެސް ނަގާފައި ދެން ވައިރަސް ޖައްސައިފިނަމަ ފިރިހެން މީދަލެކޭ އެއްވަރަށް އަންހެން މީދާ ވެސް މަރުވެ އެވެ.
ނަމަވެސް ފިރިހެން މީދަލުގެ ޓެސްޓޮސްޓެރޯން ބްލޮކްކޮށްގެން ވައިރަސް ޖެއްސުމުން މަރުވާ ރޭޓަށް ވަކި ބަދަލެއް އައިސްފައެއް ނުވެ އެވެ.
ބަލި ޖެހުމުން މަރުވާ ފިރިހެނުން އިތުރުވާ ވަރަށް މުހިއްމު ސަބަބަކަށް ދެ ޖިންސުގެ މީހުން ސިއްހީ ގޮތުން ގެންގުޅޭ އާދަތަކާއި ހާލަތު ވެއެވެ. ސަބަބަކީ ބޮޑެތި ބަލިތަކުގައި އުޅޭ މީހުންނާއި ތަފާތު އާދަތައް ގެންގުޅޭ މީހުން މަރުވާ ނިސްބަތް އިތުރުވީމަ އެވެ.
ސިއްހީ ނުރަނގަޅު އާދަތަކަށް ބަލާއިރު ދުންފަތުގެ އިސްތިއުމާލުކުރުން މިއީ ކޮރޯނާވައިރަސް ޖެހޭ މީހުންގެ ހާލަތު ގޯސްވާން މެދުވެރިވާ މައިގަނޑު ސަބަބަކަށް ވެއެވެ. ޗައިނާއަކީ ދުނިޔޭގެ ނިސްބަތުން ވެސް ދުންފަތުގެ އިސްތިއުމާލުކުރާ މީހުން އެންމެ ގިނަ ގައުމެވެ. އެ ގައުމުގެ 316 މިލިއަން މީހުން ދުންފަތުގެ އިސްތިއުމާލުކުރެ އެވެ.
ޗައިނާގެ ފިރިހެނުންގެ އާބާދީގެ ދެބައިކުޅަ އެއްބައި ފިރިހެނުން ދުންފަތުގެ އިސްތިއުމާލު ކުރާ ކަމަށް ވެއެވެ. ނަމަވެސް އަންހެނުންގެ ތެރެއިން މި އާދަ ގެންގުޅެނީ އެންމެ ދެ ޕަސެންޓް މީހުންނެވެ. އަދި އެ ގައުމުގެ ފިރިހެނުންގެ މެދުގައި ލޭ މައްޗަށް ދިއުމާއި ހަކުރު ބަލި، އަދި ފުއްޕާމޭގެ ބަލިތައް މާ ގިނަ އެވެ. މި ހުރިހާ ކަންކަމަކީ ވެސް ކޮރޯނާވައިރަސް ޖެހުމުން ހާލު ބޮޑުވެ ފުރާނަ ދިއުމުގެ ނުރައްކާ އިތުރުކުރާ ކަންތައްތަކެވެ.
ޔޭލް ޔުނިވަސިޓީގެ އިމިއުނޮލޮޖީ ޕްރޮފެސަރެއް ކަމަށްވާ އަކީކޯ އިވަސާކީ ވިދާޅުވީ ގިނަ ފިރިހެނުންގެ ވިސްނުން ހުންނަ ގޮތުން އެމީހުންނަށް ރައްކާތެރިކަން ބޭނުމެއް ނުވާނޭ ބަލި ނުޖެހޭނޭ ހީވެ އެވެ. އެހެންވެ އަންހެނުންނަށް ވުރެ އެމީހުން ސައިބޯނި ލައިގެން އަތް ދޮވުން ފަދަ ކަންތައްތައް ވެސް އެމީހުން ކުރާލެއް މަދެވެ. މިއީ ވެސް އެމީހުންނަށް ބަލި ޖެހި ބޮޑުވަރުވާން ދިމާވާ ކަމެކެވެ.