ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑް-19އަށް މިނިކާ ވަގެއް ޕޮޒިޓިވްވެއްޖެ

Apr 6, 2020
1

ވޮޝިންގްޓަން (އޭޕްރީލް 6) - އެމެރިކާގެ މަޝްހޫރު ބްރޮންކްސް ޒުލުގައި ގެންގުޅޭ މިނިކާވަގެއް، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ ޒޫ ހިންގާ ފަރާތުން ބުނެފި އެވެ.

"ނާދިއާ" ގެ ނަން ދީފައިވާ އުމުރުން ހަތަރު އަހަރުގެ އަންހެން އެ މިނިކާވަގަށް އެ ބަލި ޖެހިފައިވަނީ، އެ ވައިރަހަށް ޕޮޒިޓިވްވެފައިވާ އެ ޒުލުގައި ޖަނަވާރުން ބަލަހައްޓާ މީހެއްގެ ފަރާތުން ކަމަށްވެ އެވެ.

މިއީ އިންސާނެއްގެ ފަރާތުން ޖަނަވާރަކަށް އެ ބަލި ޖެހުނު ފުރަތަމަ ފަހަރު ކަމަށްވާއިރު، އެ ޒުލުގައި ގެންގުޅޭ އިތުރު ހަ ޖަނަވާރަކަށް ވެސް ކޮވިޑް-19 ޖެހިފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

ނާދިއާގެ އިތުރުން، އެ ޒުލުގައި ގެންގުޅޭ އެހެން ތިން މިނިކާވަގަކާއި ތިން ސިންގާއެއްގެ ކިބައިން ވެސް ކޮވިޑް-19 އިގެ އަލާމާތްތައް ފެނިފައިވާ ކަމަށްވެ އެވެ.

އެ ބައްޔަށް ޕޮޒިޓިވްވި ޖަނަވާރުންތައް މިހާރު އެކަހެރިކޮށްފައިވާއިރު، އެ ބަލި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފަ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާ ކޮވިޑް-19 ފެތުރިގެންގޮސްފައިވަނީ އިންސާނުންގެ މެދުގައި ގައިން ގަޔަށް އަރައިގެންކަމަށް ކުރިން ބެލެވުނުނަމަވެސް، އެ ބައްޔަށް ނާދިއާ ޕޮޒިޓިވްވުމާއެކު، ޖަނަވާރުންގެ ކިބައިން އިންސާނުންނަށް އެ ބަލި ފެތުރިދާނެ ކަމާމެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

ނަމަވެސް، ގޭގައި ގެންގުޅޭ ބުޅަލާއި ކުއްތާފަދަ ޖަނަވާރުތަކުން އިންސާނުންނަށް އެ ބަލި ޖެހޭ ކަމުގެ އެއްވެސް ހެއްކެއް ފެނިފައި ނުވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ވެސް މީގެ ކުރިން ވަނީ ބުނެފަ އެވެ.