ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު މި އަހަރު ބޮޑު ތަނުން ދައްވާނެ ކަމަށް ބަލައި، ފިޗުން ދީފައިވާ ރާއްޖޭގެ ރޭޓިން ދަށްކޮށްފި އެވެ.
ރާއްޖޭގެ ސޮވެރިން ކްރެޑިޓް ރޭޓިން 2016 ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ، ހޮންކޮންގްގެ ފިޗް ރޭޓިންގްސް އިން ވޭތުވެދިޔަ ދެ އަހަރު ވެސް ރާއްޖެ އަށް ދީފައި ވަނީ "ސްޓޭބަލް" އައުޓްލުކެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދު ދަށްވެފައިވާތީ ކްރެޑިޓް ރޭޓިން "ބީ" އަށް ދަށްކޮށް "ނެގެޓިވް" އައުޓްލުކަށް ބަދަލު ކޮށްފައިވެ އެވެ.
ފިޗުން ބުނެފައިވާ ގޮތުގައި ކޮވިޑް-19 އިގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ގެއްލުންވެ، ރާއްޖޭގެ އިގްތިސޯދަށް ގެއްލުން ވާނެ އެވެ. މި އަހަރު ރާއްޖޭގެ އިގްތިސޯދު ހުންނާނީ މައިނަސް ފަސް ޕަސެންޓުގައި ކަމަށާ އަދި އުފެއްދުންތެރިކަން ދަށްވެގެން ދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
މީގެ އިތުރުން ފިޗުން ބުނެފައިވާ ގޮތުގައި ޓޫރިޒަމް ދަށްވުމުގެ ސަބަބުން އާމްދަނީ ބޮޑުތަނުން މަދުވެގެން ވެގެންދާނެ އެވެ. އަދި ޖީޑީޕީގެ ނިސްބަތުން ރާއްޖޭގެ ފިސްކަލް ޑެފިސިޓް މިދިޔަ އަހަރު 5.1 ޕަސެންޓުގައި ހުރި ނަމަވެސް މި އަހަރު އެ އަދަދު 12 ޕަސެންޓަށް އަށް އަރާނެ އެވެ.
ރާއްޖެ އަށް އިންވެސްޓްމަންޓް ގެނައުމަށްޓަކައި ރާއްޖެ ރޭޓް ކޮށްފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. މިހާތަނަށް ރާއްޖެ އަށް ރޭޓިން ދީފައިވަނީ ފިޗާއި މޫޑީސް އިންވެސްޓާސްގެ ފަރާތުންނެވެ.