މީޑިއާނެޓް

ޕީސްޓީވީ ރާއްޖެއަށް ނުފެންނަ ގޮތް ހަދައިފި

ވަރަށް ގިނަ ބައެއްގެ މެދުގައި މަގުބޫލް "ޕީސް ޓީވީ" މީޑިއާނެޓުން ނަގައިފި އެވެ.

ދުނިޔޭގައި ތިއްބެވި މަޝްހޫރު ދީނީ އިލްމުވެރިންގެ ތަފާތު ދަރުސްތަކާއި، ޕްރަގްރާމްތައް ފޮނުވަމުންދާ "ޕީސް ޓީވީ" މީޑިއާ ނެޓުން ނެގުމާއި ގުޅިގެން ވަރަށް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެކަމާ ގުޅިގެން މީޑިއާ ނެޓުން ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރި ބައެއް މީހުން ބުނީ "ޕީސްޓީވީ" ނުލިބޭތީ މީޑިއާ ނެޓްގެ ކޯލް ސެންޓަރަށް ގުޅުމުން އެ ޗެނަލް ދެއްކުން ހުއްޓާލީ އާންމުންގެ އެދުމުގެ މަތިން ކަމަށް ބުނެ ޖަވާބު ދީފައިވާ ކަމަށެވެ. އެގޮތުން މީޑިއާ ނެޓުން ކުރިއަށް ގެންދިޔަ ހިޔާލު ހޯދުމެއްގައި "ޕީސް ޓީވީ" ބަލަން ބޭނުން ނުވާ ކަމަށާ އަދި އެ ޗެނަލް މީޑިއާ ނެޓްގެ ޗެނަލްތަކުގެ ލިސްޓުން ނަގަން ގިނަ ބަޔަކު އެދިފައިވާ ކަމަށް ޖަވާބުދިން ފަރާތުން ބުނެފައިވާ ކަމަށް ބައެއް މީހުން ވަނީ ބުނެފަ އެވެ. ނަމަވެސް އެކަމާ ގުޅިގެން މީޑިއާ ނެޓުން ރަސްމީކޮށް އެއްޗެއް ނުބުންޏެވެ.

އިންޑިއާއިން ބޮޑެތި ތުހުމަތުތަކެެއް ކުރަމުންދާ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ޒާކިރު ނައިކް އިސްކޮށް ހުންނަވާ ހިންގަމުންދާ ޕީސް ޓީވީ އިންޑިއާގައި ދެއްކުން ވަނީ މަނާކޮށްފައެވެ. އަދި ޑރ. ޒާކިރު އިންޑިއާއަށް ވަޑައިގެންފިނަމަ ހައްޔަރުކުރާނެ ކަމަށްވެސް ވަނީ އިންޒާރު ކޮށްފަ އެވެ. އެކަމާ ގުޅިގެން ޒާކިރު މިހާރު ދިރިއުޅުއް ވަނީ މެލޭޝިޔާގަ އެވެ.

"ޕީސްޓީވީ" ން ގެނެސްދޭ އެންމެ ހާއްސަ ޕްރަގްރާމްތަކުގެ ތެރޭގައި ޑރ. ޒާކިރު ނައިކު އިސްލާމްދީނުގެ މަތިވެރިކަން ބަޔާންކޮށްދެއްވާ އެތައް ހާސް ބަޔަކާއެކު ބާއްވަވާ ދަރުސްތައް ވަރަށް ފާހަގަކޮށްލެވެއެވެ. އެފަދަ ދަރުސްތަކުގައި އިސްލާމްދީން ގަބޫލުނުކުރާ އެތައް ބަޔަކު ކުރާ ސުވާލުތަކަށް ޒާކިރު ޖަވާބު ދެއްވައެވެ. އަދި ހުއްޖަތް ގާއިމްކުރައްވާ ދައްކަވާ ވާހަކަތަކުގެ ސަބަބުން އެތައް ބަޔަކު އިސްލާމްދީން ގަބޫލުވެސް ކުރެއެވެ.

މީގެ އިތުުރުން ހުޅަނގާ އިންޑިއާ ފަދަ ގައުމުތަކުން ނުރެހޭ ވަރަށް ގިނަ އިލްމުވެރިންގެ ތަފާތު ޕްރަގްރާމްތައް ވެސް "ޕީސްޓީވީ"ން ގެނެސްދެމުން ގެންދެ އެވެ.

ރާއްޖޭގައި "ޕީސްޓީވީ" ދެއްކުން މަނާ ނުކުރިނަމަވެސް، ޓީވީގެ ހިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ދެމުންދާ މީޑިއާ ނެޓުން އެ ޗެނަލް ނުފެންނަ ގޮތަށް ހަދާފައިމިވަނީ އިސްލާމްދީނާ މާތް ރަސޫލާއަށް ފާޅުގައި ބައެއް ދިވެހިން ފުރައްސާރަ ކުރުން އިތުރުވެފައިވާ ވަގުތެއްގައެވެ. އަދި އެފަދަ މައްސަލަތަކުގައި ފިޔަވަޅު އެޅުމަށް ސަރުކާރު ވަރަށް ބޮޑަށް ނުކުޅެދިފައިވާ ވަގުތެއްގަ އެވެ.