ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައްޔިތުންގެ މަޖިލިސް

މިއީ ގާނޫނު އަސާސީ އިސްލާހު ކުރެވޭނެ ހާލަތެއް ކަމަށް ފިލްޒާ ލަފާ ދީފި

މި އަހަރުގެ ޖޫން މަހުގެ ތިންވަނަ ދުވަހު ދައުރު ހަމަވާ ކައުންސިލަރުންގެ ދައުރު ދިގުވާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަ ބިލު އެޖެންޑާކޮށް މިހާރު ރާައްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ގާނޫނު އަސާސީ އިސްލާހު ކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސިލަ ޖެނެރަލް ލަފާ ދެއްވައިފި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވާން ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ހާލަތާ ގުޅިގެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވާއިރު ވެސް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ނުބޭއްވިދާނެ ކަމަށް ބެލެވެ އެވެ. އެހެންކަމުން އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ކުރާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް ވަނީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅައިފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިހާރު އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަކީ ގާނޫނު އަސާސީގައި ބަޔާން ކުރާ ކުއްލި ނުރައްކަލުގެ ހާލަތު ކަމާ މެދުގައި ސުވާލު އުފެެއްދޭ ކަމަށެވެ. އެ ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާން ކުރާތީ އެ ބިލު އެޖެންޑާކޮށް ބިލުގެ ފުރަތަމަ ކިއުން އިއްވުމުގެ ކުރިން މެންބަރުންގެ ބަހުސަކަށް ހުޅުވާލި އެވެ.

ރައީސް ނަޝީދު ހުޅުވާލި ފުރުސަތުގައި ބަހުސް ކުރެއްވި އެމްޑީޕީގެ މެންބަރުންގެ ހިޔާލު ވެސް ތަފާތެވެ. އެ ގޮތުން، މި ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރެވޭނެ ކަމަށް ބައެއް މެންބަރުން ވިދާޅުވިއިރު، އެމްޑީޕީގެ ބައެއް މެންބަރުން އެ ކަމާ ދެކޮޅު ހެއްދެވި އެވެ.

މިހާރު ރާއްޖޭގައި އިއުލާން ކޮށްފައި ވަނީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ހެލްތު މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ހާލަތެކެވެ. އެއީ ގާނޫނު އަސާސީގައި ބަޔާން ކުރާ ކުއްލި ނުރައްކަލުގެ ހާލަތެއް ނޫނެވެ.

އެކަމަކު އެމްޑީޕީގެ ބައެއް މެންބަރުން ފާހަގަ ކުރައްވަނީ މި ހާލަތުގައި ވެސް ކަންކަން ހިނގަމުން ދަނީ ގާނޫނު އަސާސީގައިވާ ކުއްލި ނުރައްކަލުގެ ހާލަތާ އެއް ގޮތަށް ކަމަށެވެ. އެހެންކަމުން މި ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ނުކުރެވޭނެ ކަމަށް އެ މެންބަރުން ވިދާޅުވެ އެވެ.

އެ ކަމަގައި ގާނޫނީ ލަފައެއް ދެއްވުމަށް ރައީސް ނަޝީދު އެދިވަޑައިގަތުމުން މަޖިލީހުގެ ކައުންސިލަ ޖެނެރަލް ފާތިމަތު ފިލްޒާ އެމަނިކުފާނަށް ސިޓީއެއް ފޮނުއްވި އެވެ.

އެ ސިޓީގައި ފިލްޒާ ވިދާޅުވެފައި ވަނީ މިހާރު އިއުލާން ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތަކީ އާންމު ސިއްހަތުގެ ގާނޫނުގައި ހެލްތު މިނިސްޓަރަށް ލިބިދީފައިވާ ބާރުގެ ދަށުން ގާނޫނީ އިމުގެ ތެރެއިން އިއުލާން ކޮށްފައިވާ ކުއްލި ހާލަތެއް ކަމަށެވެ. އަދި އެއީ ގާނޫނު އަސާސީގައި ރައީސް ނެރުއްވާ ގަރާރަކުން އިއުލާން ކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތު ވެސް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމަށް ވާއިރު ގާނޫނު އަސާސީގައި ގާނޫނު އަސާސީ އިސްލާހު ނުކުރެވޭނެ ކަމަށް ބުނާ މާއްދާގައި ފާހަގަ ކުރަނީ ގާނޫނު އަސާސީގައި ރައީސް ނެރުއްވާ ގަރާރަކުން އިއުލާން ކުރައްވާ ކުއްލި ހާލަތަށް ކަމަށް ފިލްޒާ ވިދާޅުވި އެވެ. އެހެންކަމުން މިހާރު އިއުލާން ކޮށްފައިވާ ހާލަތުގައި ގާނޫނު އަސާސީއަށް އިސްލާހު ގެނެވިދާނެ ކަމާ މެދު ގާނޫނީ ގޮތުން އުފައްދާނެ އެއްވެސް ހިލާފެއް ނެތް ކަމަށް ފިލްޒާގެ ސިޓީގައި ފާހަގަ ކުރައްވާފައިވެ އެވެ.

މި ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރެވޭނެ ކަމަށް ކައުންސެލަ ޖެނެރަލް ލަފާ ދެއްވި ނަމަވެސް ލޯކަލް ކައުންސިލަރުންގެ ދައުރު ދިގުވާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަ ބިލު އެޖެންޑާ ކުރުމާ މެދު ރައީސް ނަޝީދު ގޮތެއް ނުނިންމަވަ އެވެ. މަޖިލީހަށް ހުށަހެޅޭ ކަންކަން އެޖެންޑާ ކުރުމުގެ ބާރު މަޖިލީހުގެ ގަވާއިދުން ދީފައި ވަނީ މަޖިލީހުގެ ރައީސްއަށެވެ.

މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގައި ތިއްބަވާ މެންބަރުންގެ ތެރެއިން ގާނޫނީ ބޭފުޅުންނާއި ކައުންސެލަ ޖެނެރަލް ލަފާ ދެއްވަނީ ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ލިޔެފައިވާ ކަންކަމުގެ މައްޗަށް ކަމަށެވެ. އެކަމަކު އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި އޭގައި އަމަލު ކުރާއިރު ގާނޫނު އަސާސީގެ ރޫހާ އެއް ގޮތަށް އަމަލު ކުރުން ވެސް މުހިއްމު ކަމަށް ވިދާޅުވި އެވެ.

ރައީސް ނަޝީދު ނިންމަވާފައި ވަނީ އެ މައްސަލައާ ގުޅިގެން މަޖިލީހުގެ މެންބަރުން ބަހުސް ކުރައްވައި މެންބަރުން ގޮތެއް ނިންމެވުމަށް ކަމަށެވެ. އަދި މެންބަރުން ނިންމަވާ ގޮތަކަށް އެ މައްސަލާގައި އަމަލު ކުރެއްވުމަށެވެ. މިއަދުގެ ޖަލްސާ ނިންމާލީ ވެސް މާދަމާ ބާއްވާ ޖަލްސާގައި އޭގެ ބަހުސް ކުރިއަށް ގެންދާނެ ކަމަށް ނަޝީދު ވިދާޅުވެފަ އެވެ.

މި ހާލަތުގައި ގާނޫނު އަސާސީ ބަދަލު ކުރެވިދާނެ ކަމާ މެދު ސުވާލު އުފެދުމުން ގާނޫނު އަސާސީ އިސްލާހު ކުރެވޭނެ ކަމަށް ތާއީދު ކުރައްވައި އެމްޑީޕީގެ މެންބަރުން ފާހަގަ ކުރައްވާފައި ވަނީ ވެސް ކައުންސެލަ ޖެނެރަލްގެ ލަފާގައިވާ ނުކުތާ އެވެ.

އެންމެ ފުރަތަމަ މި މަހުގެ ހަތަރުވަނަ ދުވަހު ބާއްވާން ތާވަލު ކުރި ކައުންސިލް އިންތިހާބު ވަނީ ސިއްހީ ކުއްލި ހާލަތާ ގުޅިގެން މި މަހުގެ 18 ދުވަހު ބާއްވާ ގޮތަށް ފަސްކޮށްފަ އެވެ. އެއީ ގާނޫނުގައި އިންތިހާބު ފަސް ކުރެވެން އޮތް އެންމެ ލަސް ތާރީހެވެ. އެހެންކަމުން މަޖިލީހުން މިހާރު ވަނީ ކައުންސިލް އިންތިހާބު ފަސް ކުރުމުގެ ވަގުތީ ނުވަތަ ސަންސެޓް ގާނޫނެއް ފާސް ކުރުމުގެ މަސައްކަތް ފަށައިފަ އެވެ.