ހަބަރު

މިއަދުން ފެށިގެން ކޯޓްގައި ކައިވެނި ކުރެވޭނެ

Apr 6, 2020
3

ކޮރޯނާ ވައިރަސްއާ ގުޅިގެން ރައްކާތެރި ފިޔަވަޅެއް އެޅުމުގެ ގޮތުން ކައިވެނި ކޮށްދިނުން މެދުކަނޑާލާފައި އޮތުމަށްފަހު މިއަދުން ފެށިގެން ކޯޓްގައި ކައިވެނި ކޮށްދޭން ފަށައިފި އެވެ.

ދުނިޔޭގައި ފެތުރެމުންދާ، ކޮރޯނާ ވައިރަސް އާ ގުޅިގެން ރާއްޖޭގައި ސިއްހީ ނުރައްކަލުގެ ހާލަތު ވަނީ އިއުލާން ކޮށްފަ އެވެ. އަދި، ސަރުކާރުން ދަނީ ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ އެންގުމަށް ފެމިލީ ކޯޓުން ވަނީ ކޯޓްގައި އަދި ކޯޓުން ބޭރުގައި ކުރާ ކައިވެނިތައް ކޮށްދިނުންވެސް މެދުކަނޑާލާފައެވެ.

އަދި މެޖިސްޓްރޭޓް ކޯޓްތަކުންވެސް މިދިޔަ މުއްދަތުގައި ކައިވެނިކޮށް ދިނުން އޮތީ މެދުކަނޑާލާފައެވެ.

އެކަމާ ގުޅިގެން ގިނަ ބައެއްގެ ޝަކުވާވެސް ބޮޑުވިއެވެ.

ފެމިލީ ކޯޓުން މިއަދު ބުނީ އެކޯޓާ، މެޖިސްޓްރޭޓް ކޯޓްތަކުންވެސް މިއަދުން ފެށިގެން ކައިވެނިކޮށްދޭނެ ކަމަށެވެ. އަދި މިއަދުވެސް ބައެއް މީހުންގެ ކައިވެނި ކޮށްދީފައިވާ ކަމަށެވެ.

އެ ކޯޓުން ވަނީ އޮންލައިންކޮށް ކައިވެނި ކުރުމަށް އެދޭ ފޯމް ހުށައެޅޭނެ އިންތިޒާމް ހަމަޖައްސާފައެވެ. އަދި މެއިލް މެދުވެރިކޮށް ކޯޓަށް ހާޒިރުވާންވީ ވަގުތު އަންގާނެ އެވެ.

ކައިވެނިކޮށްދިނުން މެދުކަނޑާލާފައި އޮތުމަށްފަހު މިއަދުން ފެށިގެން ކޯޓްގައި ކައިވެނި ކޮށްދޭން ފެށިނަމަވެސް ކޯޓުން ބޭރުގައި ކައިވެނިކޮށް ދިނުން އަދިވެސް އޮތީ މެދުކަނޑާލާފައެވެ.