ބިދޭސީއަކަށް ހަމަލާ ދީގެން ހައްޔަރުކުރި ދެ މީހުން ދަށު ކޯޓުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ފުލުހުން ބުނީ ރ. އިންނަމާދޫގައި ނަރުދަމާގެ މަސައްކަތް ކުރަން އުޅުނު ބަންގުލަދޭޝްގެ މީހާއަށް ހަމަލާ ދިން ދެ ދިވެހިން މިދިއަ ހޮނިހިރު ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދެ މީހުން އެ މީހާއަށް ހަމަލާދީ އޭނާގެ ނޭފަތްމަތި ފަޅާލާފައިވާއިރު ވާތު ލޯ ކައިރިން ވެސް ޒަހަމް ކޮށްލާފައި ވެއެވެ.
ފުލުހުން ބުނީ އެ މާރާމާރީ އައީ ހައްްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކު ދިރިއުޅޭ ގޭގައި ހުރި ގަސްތަކަކަށް ފެންދޭން އުޅުމުގެ ތެރޭގައި ނަރުދަމާގެ މަސައްކަތް ކުރަމުންދިޔަ މެޝިންތަކަށް ފެންބުރާތީ އެ ވާހަކަ ބަންގްލަދޭޝް މީހާ ބުނުމުން އުފެދުނު ހިތްހަމަނުޖެހިގެނެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތް ނިންމަން އިންނަމާދޫ ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުން އެ މީހުން ދޫކޮށްލާފައިވެ އެވެ. އެ މީހުން ދޫކޮށްލާފައި ވަނީ އަނިޔާ ލިބުނު މީހާއަށް ލިބިފައިވާ އަނިޔާގެ ފޮޓޯތަކާއި، ޑޮކްޓަރުގެ ލިޔެކިޔުމާއި، މަންޒަރު ދުށް މީހުންގެ ބަޔާން ވެސް ހުށައަޅާފައިވަނިކޮށެވެ.
ޝަމީމް މިއަދު ވިދާޅުވީ ކޯޓަށް ހެކި ހުށައަޅާފައި ވަނިކޮށް ދެ ދިވެހިން ދޫކޮށްލި މައްސަލަ ހައިކޯޓްގައި އިސްތިއުނާފު ކުރާނެ ކަމަށެވެ.