ރައީސް އަބްދުﷲ ޔާމީން

ޔާމީނާ ގުޅޭގޮތުން ފަތުރަނީ ދޮގު ހަބަރެއް: ޣައްސާން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ދައިތާފުޅު މޫމިނާ އަބްދުލް ގައްޔޫމްގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކަރެކްޝަނަލް ސާވިސްއިން ހުރިހާ އިންތިޒާމެއް ހަމަޖައްސައި ދިނުމުން ވެސް އެކަމަނާގެ މޫނުފުޅު ދެކެވަޑައިގަތުމަށް ރައީސް ޔާމީން ވަޑައި ނުގެންނެވި ކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ހަބަރެއް ކަމަށް މޫމިނާއަށް ބޮޑުދައިތަ ވިދާޅުވާ ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ނޫހަކުން މިއަދު އާންމު ކުރި ހަބަރެއްގައި ވަނީ މޫމިނާ އަބްދުލް ގައްޔޫމްގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށް ކަރެކްޝަނަލް ސާވިސްއިން ހުރިހާ އިންތިޒާމެއް ހަމަޖައްސައިދިނުމުން ވެސް ރައީސް ޔާމީން ވަޑައިގެންފައިނުވާ ކަމަށެވެ.

އެކަމާ ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާ ރައީސް މައުމޫންގެ ހަގު ދަރިކަލުން އަދި ރައީސް ޔާމީނާ އެންމެ ގާތުން މަސައްކަތް ކުރައްވާ ޣައްސާން މައުމޫން ވިދާޅުވީ ފަތުރަމުންދަނީ ދޮގު ހަބަރެއް ކަމަށެވެ. އަދި އެއީ ޒިންމާދާރުކަމެއް ނެތި ފަތުރަމުންދާ ހަބަރެއް ކަމަށާ އެ ކަން ގަބޫލު ނުކުރައްވާ ކަމަށެވެ.

އެފަދަ ހަބަރެއް ފަތުރާފައިވާތީ ޕީޕީއެމާއި ޕީއެންސީގެ އިސް ބޭފުޅުން ވެސް ވަނީ ވަރަށް ބޮޑަށް އެކަން ކުށްވެރި ކުރައްވާފަ އެވެ.

ކަރެކްޝަންގެ އުސޫލުތައް ހަމަޖެހިފައިވާ ގޮތުން ޖަލުގައި ހުންނަ މީހެއްގެ އާއިލީ މީހަކު މަރުވެއްޖެނަމަ އެ މީހާގެ މޫނު ދުށުމަށާއި، ޖަނާޒާގައި ބައިވެރިވުމަށް އެދޭނަމަ އެކަމަށް އެދެން ހާއްސަ ފޯމެއް އޮވެއެވެ. އަދި އެ ފޯމް ފުރާ ފުރިހަމަ ކުރަންޖެހޭނީ އެ ގައިދީއެއްގެ ފަރާތުންނެވެ. އެ ހާލަތުގައި ކަރެކްޝަނުން ދޭ ހުއްދައެއްގެ ދަށުން މާލެ އައުމާއި، ދިއުމުގެ ހަރަދު ކުރަން ޖެހޭނީ އެ ގައިދީއެއްގެ އާއިލާއިންނެވެ.

ދިވެހި ބަަހާއި ތާރީހަށް ހިދުމަތް ކުރާ ގައުމީ މަރުކަޒުގެ އެސިސްޓެންޓް ޑިރެކްޓަރު ކަމުގެ މަގާމާއި ގަލޮޅު އަވަށުވެރިޔާގެ އެހީތެރިޔާގެ މަގާމު ވެސް ފުރުއްވި މޫމިނާގެ ޖަނާޒާ އޮތީ މިއަދުގެ އަސްރު ނަމާދަށް ފަހުއެވެ.