ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ދޫކޮށްލާ މީހުންނާމެދު ތަފާތު ކުރާކަމުގެ ޝަކުވާ

ކޮވިޑް19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ކަރަންޓީން ކުރެވޭ މީހުންނާ އައިސޮލޭޓް ކުރެވޭ މީހުން އަނބުރާ މުޖްތަމައުގެ ތެރެއަށް އައުމުން ތަފާތު ކުރުން ގެންގުޅޭ ކަމުގެ ޝަކުވާ ލިބެމުންދާތީ އެކަން އެގޮތަށް ނުކުރުމަށް އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު އެދިވަޑައިގެންފި އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވަނީ 19 މީހުންނެވެ. އޭގެ ތެރޭގައި ހަތަރު ދިވެހިންވެސް ހިމެނެއެވެ. އެ ހަތަރު ދިވެހިންނަށް ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި ދަނީ ފަރުވާ ދެމުންނެވެ.

މީގެ އިތުރުން ރައްކާތެރިކަމަށްޓަކައި ވަރަށް ގިނަ މީހުން ވަނީ ކަރަންޓީންކޮށްފައެވެ. އެއީ ރާއްޖެއިން ބޭރުން އައި މީހުންނެވެ. އަދި ބައެއް މީހުންގެ ފަރާތުން ކޮވިޑްގެ އަލާމަތްތައް ފެނިގެން އައިސޮލޭޓްވެސް ކޮށްފައިވެއެވެ.

އެ މީހުންގެ ތެރެއިން ބައެއް މީހުން ވަނީ މިހާރު ދޫކޮށްލާފައެވެ. އެގޮތުން މީގެ ދެ ދުވަސްކުރިން 49 މީހުން އަދި މިއަދު 63 މީހުުން ވަނީ ދޫކޮށްލާފައެވެ. މާދަމާވެސް 41 މީހެއް ދޫކޮށްލުމަށް ވަނީ ހަމަޖެހިފައެވެ.

އެމީހުން ދޫކޮށްލަނީ ކަރަންޓީންގެ މުއްދަތް ކަމަށްވާ 14 ދުވަސް ފުރިހަމަ ކުރުމަށްފަހު ޖެހިގެން އަންނަ ދުވަހު ޓެސްޓްކޮށް އަދި އޭގެ އަނެއް ދުވަހުވެސް ޓެސްޓްކޮށް ދެ ނަތީޖާވެސް ނެގެޓިވްވުމުންނެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. ނަޒްލާ ވިދާޅުވީ އެފަދަ މީހުން އަނބުރާ މުޖްތަމައުގެ ތެރެއަށް އައުމުން ބާކީކޮށްލެވޭ މަންޒަރު ފެންނަ ކަމަށެވެ. އެގޮތުން ޓެކްސީތަކަށް ނޭރުވުމާއި، އޮފީސް މާހައުލުގައި ދިމާވާ ކަންކަން ނަޒްލާ ފާހަގަ ކުރެއްވިއެވެ.

އެފަދަ ބައެއް ޝަކުވާތައް ލިބެމުންދާކަން ފާހަގަކުރައްވާ ނަޒްލާ ވިދާޅުވީ އެޗްޕީއޭގެ ބެލުމުގެ ދަށުގައި ހުރުމަށްފަހު ދޫކޮށްލާ މީހަކު ދޫކޮށްލަނީ ބަލަންޖެހޭ ހުރިހާ ބެލުންތައް ބެލުމަށްފަހު ކަމަށެވެ. އަދި އެފަދަ މީހެއްގެ ފަރާތުން ބަލި ޖެހުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ. ޑރ. ނަޒްލާ ވިދާޅުވީ އެއްވެސް މީހަކު އައިސޮލޭޝަނުން ނުވަތަ ކަރަންޓީނުން ދޫކޮށްލަނީ އެކަމުގެ ޔަގީންކަން ހޯދުމަށް ފަހު ކަމަށެވެ.

"....ބައެއް ފަހަރު ޓެކްސީތަކަށް ނޭރުވުން. ނޫނީ އޮފީހަށް މަސައްކަތަށް ނިކުތުމުން ބައެއް މީހުން އެކަމާ ކަންބޮޑުވުން ފާޅުކޮށް މައްސަލަޖައްސާ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި އެބަހުރި. އަޅުގަނޑު ދަންނަވާލަން ބޭނުން އައިސޮލޭޝަން ފެސިލިޓީތަކަށް މިލާ މީހުންގެ ތެރެއިން ޕޮޒިޓިވްވާ މީހުން މި ދޫކުރަނީ މައިލްޑް ނުވަތަ މޮޑަރޭޓް ކޭސަސްގައި އެމީހުންގެ ކިބައިން އަލާމާތްތައް ފެންނަތާ 14 ދުވަސްފަހުން އަލާމަތްތައް އެއްކޮށް ރަނގަޅުވީމަ. އަދި އެންމެ މަދުވެގެން ދެ ނެގެޓިވް ޓެސްޓް އައީމަ." ޑރ. ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވަނީ އެގޮތަށް އެއްވެސް ބަޔަކު އަމަލު ނުކުރުމަށް އެދިފައެވެ.

މީގެ އިތުރުން ރާއްޖެއިން ޕޮޒިޓިވް ކޭހެއް ނުފެންނަތާ ދުވަސްތަކެއްވީނަމަވެސް މިއީ ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް ދޫކޮށްލަންވީ ވަގުތު ނޫން ކަމަށް ވިދާޅުވިއެވެ.

ދުރަށްދާންވީ ކަރަންޓީނުން ދޫކޮށްލާ މީހުންނާ ނޫން ކަމަށާ ދުރަށްދާންވީ ސިއްހީ ގޮތުން ނުރަނގަޅު އާދަތަކާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ވީހާވެސް ގިނައިން އަތްދޮވުމާއި، ސާފުތާހިރު ކަމަށް އަބަދުވެސް ހާއްސަ ސަމާލުކަމެއް ދިނުމަށް ޑރ ވަނީ އެދިފައެވެ.