ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ދިރާސާގެ ނަތީޖާ ދެ ހަފްތާތެރޭ ލިބޭނެ

ކޮވިޑް-19 އިގެ ނުރައްކާ ނެތްކަން ޔަގީން ކުރުމަށް ފެށި ދިރާސާގެ ނަތީޖާތައް ދެ ހަފުތާގެ ތެރޭގައި ލިބޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑް-19 އިގެ ނުރައްކާ މުޖްތަަމައު ތެރޭގައި ނެތްކަން ޔަގީން ކުރުމަށް ފެށި މަސައްކަތުގެ ދަށުން މުޅި ރާއްޖެ ސާމިލްވާ ގޮތަށް ސާމްޕަލްތައް ނަގަމުންދާނެ ކަމަށާއި 500 މީހުންގެ ސާމްޕަލް ނަގަން ހަމަޖައްސާފައިވާ ކަމަށް ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަސައްކަތް ކުރަމުންދަނީ ދެ ހަފުތާގެ ކުރިން ނަތީޖާ ލިބޭނެ ކަމަށް ބަލައިގެންނެވެ.

"ކޮމިއުނިޓީ ސްޕްރެޑް ސާވޭ އަޅުގަނޑުމެން މިބަލަނީ އެންމެ ގިނަ ދުވަސް ވިޔަސް ދެ ހަފުތާ، އެހެން ނަމަވެސް އެއަށްވުރެ ވެސް އަވަހަށް ނިންމޭތޯ އަޅުގަނޑުމެން އެބަބަލަން. މާލެއާ ރާއްޖޭގެ އެކި ހިސާބުތަކުގައި އުޅޭ މީހުންގެ ގައިން ސާމްޕަލް ނަގާނީ. އެެހެންވީމަ އަޅުގަނޑުމެން މިބަލަނީ ދެ ހަފްތާއަށްވުރެ ވެސް ކުރިން ސާމްޕަލްތައް ނަގާ، ޓެސްޓް ކުރެވި، ރިޒަލްޓް ލިބޭނެ ކަމަށް." ނަޒްލާ ވިދާޅުވިއެވެ.

މިހާތަނަށް ކުރި މަސައްކަތުން އާންމުންގެ ތެރޭގައި ކޮރޯނާ ވައިރަސް ފެތުރޭ ކަމުގެ އެއްވެސް ނިޝާނެއް ފެނިފައިނުވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. ކޮވިޑް19 އިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު އެ ފިޔަވަޅުތަކާއި ގުޅޭގޮތުން އިތުރު ނިންމުންތައް ނިންމާނީ އެ ދިރާސާއަށްފަހު ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވަނީ 19 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާ 15 ބިދޭސީންނެވެ. އެމީހުންގެ ތެރެއިން 13 މީހުންވަނީ ރަނގަޅުވެފައެވެ. ދެން ތިބި ދެ ބިދޭސީން ވަނީ ނަތީޖާ ލިބުމުގެ ކުރިން ރާއްޖެއިން ފުރައިގެން ގޮސްފައެވެ. މިވަގުތު ފަރުވާ ދެމުންދަނީ ހަތަރު ދިވެހިންނަށެވެ. އެމީހުންނަށް ފަރުވާ ދެމުންދަނީ ވެލިދޫ ރިސޯޓްގައި ގާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީގައެވެ.