ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

"އާންމުންގެ ތެރޭ ބަލި ނެތްކަން ޔަގީނެއް ނޫން"

އާންމުންގެ ތެރޭގައި ކޮވިޑް-19 ބަލި އޮތް ކަން ނުވަތަ ނެތް ކަން އެއީ ސުވާލެއްގެ ތެރޭގައިވާ ކަމެއް ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) ގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އިގެ މައުލޫމާތު ހާމަ ކުރުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި މަބުރޫކް ވިދާޅުވީ ރާއްޖޭގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްތޯ ނުވަތަ ނެތްތޯ އެއީ އަދިވެސް ޖަވާބު ނުލިބޭ ސުވާލެއް ކަމަށެވެ. އެކަން ޔަގީން ކުރުމުގެ މަސައްކަތް ކުރަން ހާއްސަ ދިރާސާއެއް ކުރަމުން ގެންދާ ކަން މަބުރޫކް ފާހަގަ ކުރެއްވި އެވެ.

އޭނާ އެ އިޝާރާތް ކުރައްވަނީ ކޮވިޑް-19 އިގެ ނުރައްކާ ނެތްކަން ޔަގީން ކުރުމަށް ފެށި ދިރާސާއަށެވެ. އެ މަސައްކަތަށް ދެ ހަފުތާ ހޭދަވާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ. އެ ދިރާސާއަށް މުޅި ރާއްޖެއިން 500 މީހުންގެ ސާމްޕަލް ނަގާނެ އެވެ.

މަބުރޫކް ވިދާޅުވީ ދިވެހިން ތިބީ ނުރައްކާތެރި ހާލަތެއްގައި ކަމަށާ އެހެން ކަމުން އަޅާފައިވާ ފިޔަވަޅުތަކަށް ހުރިހާ ރައްޔިތުން ވެސް ބޯލަބަންޖެހޭނެ ކަމަށެވެ. އަދި ކެފޭ އާއި ހޮޓާ / ރެސްޓޯރަންޓް ފަދަ ތަންތަނާއި ސުކޫލްތައް ނުހުޅުވައިގެން ޝަކުވާ ކުރާއިރު އާންމުންގެ ތެރޭގައި ކޮވިޑް-19 ބަލި އޮތްތޯ ނުވަތަ ނެތްތޯ އެއީ ޖަވާބު ނުލިބޭ ސުވާލެއް ކަމަށް ވެސް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

"ފުރަތަމަ ކަމަކީ ރާއްޖޭގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްތޯ ނުވަތަ ނެތްތޯ އެެއީ އަދިވެސް ސުވާލެއް! ޑޮކްޓަރުން އެ ވިދާޅުވަނީ އެކަން ޔަގީން ކުރަމުންނޭ މިދަނީ. އަދި ކުރިން ޑޮކްޓަރުން ވިދާޅުވީ ނެތްކަން ޔަގީން ކުރުމަށް ފަރުމާ ކުރެވިފައިވާ ދިރާސާއެއްގެ ވާހަކަ. އެހެންވީމަ އޮތްތޯ ވެސް ނެތްތޯ ވެސް، އެބައޮތް ސުވާލެއް. މިކަހަލަ ހާލަތެއްގައި ތިބިއިރު އަޅުގަނޑުމެންގެ ކުރިމަތީ އޮތް ބިރަކީ ލައްކައެއްހާ މީހުންނަށް މި ބަލި ޖެހިދާނޭ ކޮމިއުނިޓީ ސްޕްރެޑެއް އޮތިއްޔާ!" މަބުރޫކް ވިދާޅުވި އެވެ.

ފުރަތަމަ ކަމަކީ ރާއްޖޭގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްތޯ ނުވަތަ ނެތްތޯ އެެއީ އަދިވެސް ސުވާލެއް! ޑޮކްޓަރުން އެ ވިދާޅުވަނީ އެކަން ޔަގީން ކުރަމުންނޭ މިދަނީ. އަދި ކުރިން ޑޮކްޓަރުން ވިދާޅުވީ ނެތްކަން ޔަގީން ކުރުމަށް ފަރުމާ ކުރެވިފައިވާ ދިރާސާއެއްގެ ވާހަކަ. އެހެންވީމަ އޮތްތޯ ވެސް ނެތްތޯ ވެސް، އެބައޮތް ސުވާލެއް. މިކަހަލަ ހާލަތެއްގައި ތިބިއިރު އަޅުގަނޑުމެންގެ ކުރިމަތީ އޮތް ބިރަކީ ލައްކައެއްހާ މީހުންނަށް މި ބަލި ޖެހިދާނޭ ކޮމިއުނިޓީ ސްޕްރެޑެއް އޮތިއްޔާ!
މަބުރޫކް އަޒީޒް | ކޮވިޑް19 އިގެ ތަރުޖަމާން

މިހާތަނަށް ކުރި މަސައްކަތުން އާންމުންގެ ތެރޭގައި ކޮރޯނާ ވައިރަސް ފެތުރޭ ކަމުގެ އެއްވެސް ނިޝާނެއް ފެނިފައި ނުވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ. ކޮވިޑް-19 އިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު އެ ފިޔަވަޅުތަކާއި ގުޅޭގޮތުން އިތުރު ނިންމުންތައް ނިންމާނީ ދިރާސާއަށް ފަހުގައި ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

އެންއައިއޯސީ އިން ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެކަށީގެންވާ ފިޔަވަޅުތައް ނާޅައިފިނަމަ ރާއްޖޭގެ ހާލަތު ބަދަލުވެގެންދާނެ ގޮތުގެ ދިރާސާއެއް ވެސް ކޮށްފަ އެވެ.

ނޫސްވެރިންގެ ބައްްދަލުވުމުގައި ކޮވިޑް-19 މުޖްތަމައުގެ ތެރޭގައި ފެތުރެން ފަށައިފިނަމަ ފެތުރޭނެ މިންވަރުގެ މައްޗަށް ބަލައި ހެދި ދިރާސާގައި ހިމެނޭ އަންދާޒާތަކެއް ވެސް ވަނީ ހިއްސާ ކޮށްފަ އެވެ.

އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެކަށީގެންވާ ފިޔަވަޅުތައް ނާޅައިފިނަމަ މި ބަލި 96،000 ވުރެ ގިނަ މީހުންނަށް ޖެހޭނެ ކަމަށެވެ. އެގޮތުން މާލެ ސަރައްދުން އެކަނި ވެސް 46،000 ވުރެ ގިނަ މީހުންނަށް އަދި އަތޮޅުތަކުން 51،000 ވުރެ ގިނަ މީހުންނަށް ބަލި ޖެހޭނެ ކަމަށް ދިރާސާއިން ދައްކާ ކަމަށެވެ.

ނަޒްލާ ވިދާޅުވީ މުޖްތަމައުގެ މީހަކަށް މި ބަލި ޖެހޭތާ 45 ނުވަތަ 50 ދުވަހުގެ ތެރޭގައި ބަލި "ޕީކް" އަށް ދާނެ ކަމަށެވެ. އެހާ ހިސާބުން ދުވާލެއްގެ މައްޗަށް 5،000 ވުރެ ގިނަަ މީހުންނަށް މި ބަލި ޖެހޭނެ ކަމަށް ދިރާސާއިން ދައްކާ ކަމަށެވެ.

އޭނާ ވިދާޅުވީ ފިޔަވަޅު އެކަށީގެންވާ ގޮތެއްގައި އަޅައިފިނަމަ މި އަދަދުތައް ބޮޑުތަނުން މަދު ކުރެވޭނެ ކަމަށާއި ސާފު ތާހިރު ކަމަށް އިސްކަން ދިނުމާއި، މީހުން އެއްވެ އުޅުން ހުއްޓުވުމާއި، ސަރުކާރާ އޮފީސްތައް ބަންދުކޮށް ބަލި ފެތުރުން ހުއްޓުވުމަށް ފިޔަވަޅު އަޅައިފިނަމަ ނުކުންނާނެ ނަތީޖާތައް ވެސް ދިރާސާއިން ހޯދާފައިވާ ކަމަށެވެ.

މީގެ އިތުރުން ބަލި ފެތުރިއްޖެ ހާލަތެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭނެ މީހުންގެ އަދަދާއި، ހާލަތު ސީރިއަސް ވެގެން އައިސީޔޫގައި ފަރުވާދޭން ޖެހޭނެ މީހުންގެ ނިސްބަތާ، އަދި އެ ހާލަތުގައި ބަލީގެ ސަބަބުން މަރުވާނެ މީހުންގެ އަދަދު ވެސް މި ދިރާސާގައި ހިމަނާފައި ވެއެވެ.